Roadha Mihaaru
އިމްރާނާއި ޕާޓީ ބަންދުކޮށްގެން ވެސް ބަދަލެއް ނުވި

އިމްރާނާއި ޕާޓީ ބަންދުކޮށްގެން ވެސް ޕާކިސްތާނު ބަދަލެއް ނުވި

11 ފެބުރުއަރީ 2024

ޕާކިސްތާނުގައި ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިހާބުގައި، އަސްކަރިއްޔާގެ ތާއީދު އޮތް ކަމަށް ބުނާ ދެ ޕާޓީއަށް ވުރެ ވެރިކަމުން ދުރުކޮށް ޖަލަށްލި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ތާއީދުކުރާ މިނިވަން ކެންޑިޑޭޓުން ކުރި ހޯދުމުން އެއްވެސް ޕާޓީއަކަށް ސަރުކާރު އެކުލެވޭ ވަރަށް އަޣުލަބިއްޔަތު ނުލިބި މިހާރު ސިޔާސީ މަސްރަހު އިތުރަށް ކިލަނބުވެފަ އެވެ.

ޕާކިސްތާނުގައި ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިހާބުގައި، އަސްކަރިއްޔާގެ ތާއީދު އޮތް ކަމަށް ބުނާ ދެ ޕާޓީއަށް ވުރެ ވެރިކަމުން ދުރުކޮށް ޖަލަށްލި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ތާއީދުކުރާ މިނިވަން ކެންޑިޑޭޓުން ކުރި ހޯދުމުން އެއްވެސް ޕާޓީއަކަށް ސަރުކާރު އެކުލެވޭ ވަރަށް އަޣުލަބިއްޔަތު ނުލިބި މިހާރު ސިޔާސީ މަސްރަހު އިތުރަށް ކިލަނބުވެފަ އެވެ.

އިމްރާން ވެރިކަމުން ދުރުކޮށް އޭނާގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އަށް އިންތިހާބުގައި ވެސް ވާދަ ނުކުރެވޭ ގޮތް ހެދުމުން އެ ޕާޓީގެ ކެންޑިޑޭޭޓުން އަމިއްލަ ގޮތުން ނުކުމެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) އަށް ވުރެ ގިނަ ގޮނޑި ވަނީ ހޯދައިފަ އެވެ. އެކަމަކު އަމިއްލަ ކެންޑިޑޭޓުންނަށް ސަރުކާރު އެކުލަވާލުމުގެ ބާރު ގާނޫނަކުން ނުލިބެ އެވެ. މި ހާލަތުގައި ޖެހޭނީ އަމިއްލަ ގޮތުން ހޮވޭ ކެންޑިޑޭޓުން، އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އިއުލާނުކުރާތާ ތިން ދުވަސް ތެރޭ ކޮންމެސް އެއް ޕާޓީއަކަށް ތާއީދު އޮތްކަން ހާމަކުރާށެވެ.

ސިޔާސީ ގޮތުން ޕާކިސްތާނު ދެން ކުރިއަށްދާނެ ގޮތެއް އަދި ސާފު ނުވާއިރު އެ ގައުމުގެ ސިޔާސީ ކަންކަމަށް އަބަދުވެސް ނުފޫޒު ފޯރުވައި ވެރިކަން އެތައް ފަހަރަކު ވައްޓާލާފައިވާ އަސްކަރިއްޔާއިން ވަނީ ވާހަކަ ދައްކައިފަ އެވެ. ސިފައިންގެ ވެރިޔާ ޖެނެރަލް ސައީދު އާސިމް މުނީރު ނެރުއްވި ބަޔާނެއްގައި ގޮވައިލެއްވީ ޕާކިސްތާނުގެ ސިޔާސީ ލީޑަރުންނަކީ ހެޔޮ ވިސްނޭ އެކުވެރި ބައެއްކަން ސާބިތުކޮށްދޭން ޖެހިފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް (ކ) ހުކުރު ދުވަހުގެ ރޭ ޕާޓީ އޮފީހުގައި. -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް (ކ) ހުކުރު ދުވަހުގެ ރޭ ޕާޓީ އޮފީހުގައި. -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގައި އަސްކަރިއްޔާގެ ނުފޫޒު ސިޔާސީ ކަންކަމުގައި ބޮޑެވެ. އިންޑިއާއިން ވަކިވެ 1947 ވަނަ އަހަރު ޕާކިސްތާނު ވަކި ދައުލަތެއްގެ ގޮތުގައި އިއުލާނުކުރި ފަހުން މިހާތަނަށް މި ހޭދަވި މުއްދަތުގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއް ބަޔަކީ އަސްކަރީ ޖެނެރަލުންގެ ވެރިކަމެވެ.

"އިންތިހާބުތަކަކީ ހަމައެކަނި ކޮންމެވެސް އެއްބަޔަކު މޮޅުވެ އަނެއް ބަޔަކު ބަލިވާ މުބާރާތެއް ނޫން. މިއީ ރައްޔިތުން ހަވާލުކުރާ މަސްއޫލިއްޔަތާ ހަވާލުވާން ދަސްކުރުމުގެ ފިލާވަޅަކަށް ވެސް ވޭ،" އަސްކަރިއްޔާގެ ވެރިޔާ ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާކިސްތާނު ރައްޔިތުން ގާނޫނުއަސާސީއަށް އިތުބާރުކޮށް ވޯޓު ދީފި ކަމަށާއި ސިޔާސީ ވެރިން ދެން އެކަން އެ މީހުންގެ އަމަލުން ދައްކައިދޭން ޖެހޭނެ ކަމަށެވެ. ސިޔާސީ ވެރިންނަކީ ތަސައްރަފް ފުދިފައި ތިބި އެކުވެރި ބައެއްކަން ދައްކައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ހަމަނުޖެހުންތަކައި ބައިބައިވުމުން ސަލާމަތްވެ 250 މިލިއަން ރައްޔިތުންނަށްޓައި ގައުމު ކުރިއަށް ގެންގޮސްދޭނެ އަތްތަކެއް ބޭނުންވޭ،" ޖެނެރަލް ވިދާޅުވި އެވެ.

ޕާޓީތައް ގުޅެން މަޖުބޫރުވެފައި

ވެރިކަމުން ދުރުކޮށް އެކި މައްސަލަތައް ފެންމަތިކޮށް ޕީޓީއައިގެ ލީޑަރު އިމްރާނާއި ޕާޓީގެ އިސް ބޭފުޅުން ދިގު މުއްދަތަކަށް ޖަލަށް ލިޔަސް ޕީޓީއައިގެ ކެންޑިޑޭޓުން ވަނީ އަމިއްލަ ގޮތުން ނުކުމެ ހީނުކުރާ ފަދަ ކާމިޔާބީއެއް ހޯދައިފަ އެވެ.

އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން 100 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވާއިރު އޭގެ ތެރެއިން 89 ގޮނޑިއެއް އެއީ އިމްރާނަށް ތާއީދުކުރާ ކެންޑިޑޭޓުންގެ ގޮނޑިތަކެވެ.

ޖަލަށް ލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ޖަލަށް ލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

މީގެ ކުރިން ތިން ފަހަރު ވެރިކަން ކޮށްފައިވާ ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން އަށް 73 ގޮނޑި ލިބުނު އިރު ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އަށް ލިބުނީ 54 ގޮނޑި އެވެ.

ކުދި ޕާޓީތަކުގެ މެދުގައި 27 ގޮނޑި ބެހިފައި ވާއިރު އޭގެ ތެރެއިން 17 ގޮނޑި މުއްތަހިދާ ގައުމީ މޫމްވަންޓް (އެމްކިއުއެމް) އަށް ވަނީ ލިބިފަ އެވެ. މިއީ ވެސް ޕީޓީއައިއާ ގުޅުން ބޮޑު ބައެކެވެ.

އެހެންވެ ޕީޓީއައިގެ މިނިވަން ކެންޑިޑޭޓުން މިއިން ކޮންމެ ޕާޓީއަކާ ގުޅުނަސް، އަންހެނުންނާއި ބައި މަދު ދީންތަކަށް ރިޒާވްކޮށްފައިވާ 70 ގޮނޑިން ވެސް ބައެއް ހޯދޭނެ އެވެ. އެއީ އެ ގޮނޑިތަކަކީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ނަތީޖާއަށް ބަލައިގެން ބަހާ ގޮނޑިތަކަކަށް ވާތީ އެވެ.

އިންތިހާބުގެ ވޯޓު ގުނުން ލަސްކަމުން ޝަކުވާ ބޮޑުވެފައި ވާއިރު އަދިވެސް ފުރިހަމަ ނަތީޖާ ސާފެއް ނުވެ އެވެ. ސިޔާސީ މަސްރަހު ފުރޮޅިގެންދާނެ ގޮތެއް ވެސް ސާފެއް ނޫނެވެ.