Roadha Mihaaru
ދަރިވަރަށް ކަށުނަމާދު ކުރަން ދެކޮޅު ހެދި މައްސަލަ ބަލަނީ

މަރާލި ދަރިވަރަށް ކަށުނަމާދު ކުރަން ދެކޮޅު ހެދި އިމާމުގެ މައްސަލަ ބަލަނީ

17 އެޕްރީލް 2017

އިސްލާމްއާބާދު (އެޕްރީލް 17) - އިސްލާމް ދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ ޕާކިސްތާނުގެ ޔުނިވާސިޓީއެއްގެ ދަރިވަރުންތަކެއް ހަމަލާދީ މަރާލި ދަރިިވަރުގެ މައްޗަށް ކަށު ނަމާދު ކުރަން ދެކޮޅު ހެދި އިމާމުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (އެޕްރީލް 17) - އިސްލާމް ދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ ޕާކިސްތާނުގެ ޔުނިވާސިޓީއެއްގެ ދަރިވަރުންތަކެއް ހަމަލާދީ މަރާލި ދަރިިވަރުގެ މައްޗަށް ކަށު ނަމާދު ކުރަން ދެކޮޅު ހެދި އިމާމުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

އުތުރުގެ މަރްދާން ސިޓީގެ އަބްދުލް ވަލީ ޚާން ޔުނިވާސިޓީގައި ނޫސްވެރިކަން ކިޔަވަމުން ދިޔަ ދަރިވަރު މަރާލީ ދީނީ ގޮތުން ޚިޔާލު ތަފާތުވާ ފަދަ ވާހަކަތަކެއް ދެއްކުމުން އެހެން ދަރިވަރުންތަކަކާ ޒުވާބު ކުރުމަށް ފަހު ކަމަށްވެ އެވެ. ހަމަލާ ދިނުމަށް ފަހު ހޮސްޓެލްގެ ދެ ވަނަ ބުރިން އޭނާ ވައްޓާލި ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ފުލުހުން ބުނީ ޚާންގެ މައްޗަށް ކަށު ނަމާދު ކުރަން ދެކޮޅު ހަދާ ޖަނާޒާގެ ކަންތަކުގައި ހަމަނުޖެހުން އުފައްދަން އުޅުނު ދީނީ ދެ އިމާމެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ. މީގެ ތެރޭން މިސްކިތުގެ އިމާމު ވަނީ ކަށުނަމާދު ކުރަން ދެކޮޅު ހަދާ އެ ދަރިވަރާ އޭނާގެ އާއިލާއާ ދެކޮޅަށް ވާހަކަ ދަައްކައިފައި ކަމަށް ވެސް ބުނެފއިވެ އެވެ. އަނެއް އިމާމު ވަނީ ކަށުނަމާދުގައި މީހުން ބައިވެރި ނުވުމަށް ބާރު އަޅައިފަ އެވެ.

މަރާލި ދަރިވަރު ޚާންގެ ބައްޕަ އިގްބާލް ޝައިރު ބުނީ ކަށުނަމާދު ކުރަން ދެކޮޅު ހެދި އިމާމަކީ ޚާންގެ ޕްރައިވަރީ ސްކޫލް ޓީޗަރެއް ކަމަށެވެ.

ޔުނިވާސިޓީ ދަރިވަރަކަށް ހަމަލާދީ މަރާލި ޚަބަރު ލިބިވަޑައިގަތުމުން ވަރަށް ދަރަވެ، ޝޮކެއް ލިބިވަޑައިގެންނެވި ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

ދަރިވަރަށް ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި އަށް މީހަކަށް މީހުން މެރުމާއި ޓެރަރިޒަމްގެ ދައުވާ ކުރުމަށް ނިމްމާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާ ގުޅިގެން މިހާތަނަށް ވަނީ 12 މީހުން ހައްޔަރުކޮށްފަ އެވެ. ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ދަރިވަރު މަރާލުމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފަ އެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ޕާކިސްތާނުގައި ބޮޑު ކުށެކެވެ. ބޮޑު ވަޒީރު ނަވާޒް ޝަރީފް މިދިޔަ މަހު ވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ މައާފް ނުކުރެވޭނެ ކުށެއް ކަމަށް ވިދާޅުވެފަ އެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށްގެން 1990 ވަނަ އަހަރުގެ ފަހުން ޕާކިސްތާނުގައި 65 މީހުން މަރާލާފައިވާ ކަމަށްވެ އެވެ.