12 އެޕްރީލް 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ގިނަ ކަންތައްތަކެއް ރޭވިގެން ހިންގަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ގިނަ ކަންތައްތަކެއް ރޭވިގެން ހިންގަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.
އެމްއޭސީއެލްގެ 51 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އާދިލް ފާހަގަކުރެއްވި ގޮތުގައި، އެ ކުންފުނީގެ ޚަރަދުގައި މުވައްޒަފުން ކޮންމެ އަހަރަކު ހައްޖަށް ފޮނުވަން ވަނީ ފަށައިފަ އެވެ. އަދި މި އަހަރު ވެސް 10 މުވައްޒަފުން ހައްޖަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުލޭގައި ބޭއްވި ހާއްސަ ހަފުލާގައި އާދިލް ވިދާޅުވީ އެމްއޭސީއެލްގެ މުވައްޒަފުންގެ ކަންތައްތަކަށް އެހީތެރިވުމުގެ ގޮތުން ސްޓާފް ޑިވެލޮޕްމަންޓް ސްކީމެއް ގާއިމުކޮށް، މުވައްޒަފުން މަސައްކަތް ކުރާ ދާއިރާ އިން ތައުލީމާއި ތަމްރީނު ދެމުން އަންނަ ކަމަށެވެ. އެގޮތުން އެ މުވައްޒަފަކު ބައިވެރިވާ ކޯހުގެ ފީ އާއި މެޓީރިއަލްގެ އަގު މިދިޔަ އަހަރުން ފެށިގެން ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލް އަށް 51 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
އެމްއޭސީއެލްގައި މަސައްކަތް ކުރާ 2،600 އެއްހާ މުވައްޒަފުންނަށް ދޭ ތަފާތު އެހީތެރިކަމާ ބެހޭ ގޮތުން އާދިލް ވިދާޅުވީ، އެ ކުންފުނީގައި ދިގު މުއްދަތެއްގައި ހިދުމަތްކޮށްފައިވާ މީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން، އެ މުވައްޒަފުންގެ ދަރިންނަށް ތައުލީމް ހޯދޭނެ އިތުރު ފުރުސަތުތައް ތަނަވަސްކޮށްދޭން މިއަހަރު ފަށާފައިވާ ކަމަށެވެ. އެކަމާ ބެހޭ ސިޔާސަތެއް މިދިޔަ މަހު ކަނޑައަޅައި، މުވައްޒަފުންގެ ދަރިންނަށް ކިޔަވައިދިނުމަށް އިންޓަރެސްޓަކާ ނުލައި ލޯނު ދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ ބޮޑު ލޯނެއް އިންޓަރެސްޓް ފްރީކޮށް މުވައްޒަފުންނަށް ލިބޭ ކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަދި މި ލޯނު ލިބޭ ފަރާތްތަކުން އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއާޕޯޓް ތަރައްގީކުރަން އެމްއޭސީއެލް އިން ވަނީ ބޮޑު މަޝްރޫއެއް ފަށައިފަ އެވެ.
އެމްއޭސީއެލް އަށް 51 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ހަފުލާގައި މުވައްޒަފަކަށް ލިޔުން ހަވާލުކޮށްދެއްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
"މިފަދަ އުމްރާނީ ބޮޑު ތަރައްގީއާއެކު ކުރަން ޖެހޭ ކަމަކީ އެކި ދާއިރާތަކަށް މުވައްޒަފުން ބިނާކުރުން. އެގޮތުން މީހުން ބިނާކުރުމަށް ރާވަން ޖެހޭ ކަންތައްތައް ކުރިއަށް ގެންދާ ކަން ވެސް ދަންނަވާލަން،" އޭނާ ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ އާ ޕެސެންޖާ ޓާމިނަލާއެކު ރޭމްޕާއި ޓާމިނަލް އޮޕަރޭޝަން އަދި ކާގޯގެ ހިދުމަތް ފުޅާވެގެންދާނެ ކަމަށެވެ. އަދި އެއާޕޯޓްގެ އޮޕަރޭޝަނަށް އަމާޒުކޮށްގެން ސިންގަޕޫރުގެ ސެޓްސްއާ އެކު މުވައްޒަފުންނަށް ތަމްރީނު ހޯދައިދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އާދިލް ފާހަގަކުރެއްވި ގޮތުގައި އެކަމަށް ބޭނުންވާ މުވައްޒަފުން ކުރިއަށް އޮތް މަސްތަކުގައި ހޮވާނެ އެވެ.
"އެ ތަމްރީނަކީ އެއާޕޯޓްގެ އޮޕަރޭޝަން އެފިޝަންސީ މަތިކުރުމަށް ދެވޭ ތަމްރީނެއް. ތަރައްގީގެ މަޝްރޫއުތައް ހިންގަން އައްޔަން ކޮށްފައިވާ ތަފާތު ދާއިރާތަކުގެ ކޮންސަލްޓެންޓުންނާއެކު، އެ ފަރާތްތައް މަސައްކަތް ކުރަމުންދާއިރު، އެއިން ކޮންމެ ކޮންސަލްޓެންޓަކާއެކު މަސައްކަތްކުރުމަށް މި ކުންފުނީގެ ދިވެހި މުވައްޒަފެއް ހަމަޖެހިގެންދާނެ،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންސަލްޓެންޓުންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދެނީ މުވައްޒަފުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ކަމަށެވެ. އަދި އޭގެ ބޭނުމަކީ އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ހިންގާއިރު، އެމްއޭސީއެލްގައި ގާބިލް މުވައްޒަފުން އުފެއްދުން ކަމަށް އާދިލް ވިދާޅުވި އެވެ.
އެމްއޭސީއެލްގެ ހަރަދުގައި ހައްޖަށްދާ މުވައްޒަފުންނަށާއި އެ ކުންފުނީގެ ހަރަދުގައި ކިޔަވާ މުވައްޒަފުންނަށާއި ދަރިންނަށް ކިޔަވައިދިނުމަށް ލޯނު ލިބޭ މުވައްޒަފުންނަށް ވެސް މިރޭގެ ހަފުލާގައި ލިޔުން ހަވާލުކުރުން އޮތެވެ.
އާ ރަންވޭގެ މަސައްކަތް ތާވަލާ އެއްގޮތަށް ދަނީ ކުރިއަށް
އެއާޕޯޓުގެ އާ ވިއައިޕީ ކޮމްޕްލެކްސް ހަދަން ދައުވަތުދީފި
"ނޫވިލު" ސީޕްލޭން ޓާމިނަލުން ސިފަ ވަނީ ރާއްޖޭގެ މޫދު
އެމްއޭސީއެލްގެ އެމްޑީއަކަށް މަހުޖޫބު ހަމަޖައްސައިފި
ވެލާނާ އެއާޕޯޓްގައި އިއްޔެ އަކީ އެންމެ ބިޒީ ދުވަސް
ރާއްޖެއަށް މިދިޔައަހަރު 1.4މިލިއަން މީހުން ދަތުރުކުރި
ވީއައިޕީ/ސީއައިޕީ ޓާމިނަލް ބޭނުން ކުރަން ފަށައިފި
އާ ވީއައިޕީ ލައުންޖް އަންނަ މަހު ހުޅުވަނީ
އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އާ ދެ ބޭފުޅެއް
އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ ދެންދޭނީ ރުފިޔާއިން