Roadha Mihaaru
ވީއައިޕީ/ސީއައިޕީ ޓާމިނަލް ބޭނުން ކުރަން ފަށައިފި

ވެލާނާ އެއާޕޯޓްގެ އާ ވީއައިޕީ/ސީއައިޕީ ޓާމިނަލް ބޭނުންކުރަން ފަށައިފި

07 ޖެނުއަރީ 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ/ސީއައިޕީ ޓާމިނަލް މިއަދު ބޭނުން ކުރަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ/ސީއައިޕީ ޓާމިނަލް މިއަދު ބޭނުން ކުރަން ފަށައިފި އެވެ.

އެމްއޭސީއެލުން ބުނީ މިއަދުގެ ހެނދުނު 6:00 އިން ފެށިގެން އެ ޓާމިނަލް ބޭނުން ކުރަން ފަށާފައިވާއިރު އެއްފަހަރާ 95 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ހަދަން ފެށި ހަތަރުބުރީގެ މި އިމާރާތުގެ އެންމެ ތިރީ ބުރިން ހިދުމަތް ދޭނީ ވީވީއައިޕީ ނުވަތަ ގައުމުގެ އެންމެ އިސްވެރިންނަށެވެ. ފުރަތަމަބުރި އާއި ދެވަނަބުރިން ދޭނީ ވީއައިޕީ އަދި ސީއައިޕީގެ ހިދުމަތެވެ. ހަތަރު ވަނަބުރި ހާއްސަ ކޮށްފައިވަނީ އިދާރީ މަސައްކަތްތަކަށެވެ.

ވީއައިޕީ ޓާމިނަލް މަތިން ނަގާފައިވާ ފޮޓޯއެއް--ފޮޓޯ:އެމްއޭސީއެލް

ވީއައިޕީ ޓާމިނަލް މަތިން ނަގާފައިވާ ފޮޓޯއެއް--ފޮޓޯ:އެމްއޭސީއެލް

މި ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ވީއައިޕީ ޓާމިނަލުން އެއް ފަހަރާ ހިދުމަތް ދެނީ 65 މީހުންނަށެވެ. އާ ވީއައިޕީ ޓާމިނަލް ބޭނުން ކުރަން ފެށުމުން، މިވަގުތު ބޭނުން ކުރަމުން އަންނަ ވީއައިޕީ ޓާމިނަލް ތަޅައިލާނެ އެވެ. އެތަނުގައި ވެސް އާ ވީއައިޕީ ޓާމިނަލް ވަރުގެ އިތުރު ވީއައިޕީ ޓާމިނަލެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުރީގެ އަކުއާ ރެސްޓޯރަންޓް ހުރި ތަނުގައި މޫދު ފެންނަ ގޮތަށް ހަތަރު ބުރި އަށް ހެދި އާ ވީއައިޕީ އިމާރާތުގައި ޗެކިން ކުރެވޭނެ ފެސިލިޓީ އާއި ކެއުންބުއިމުގެ ހިދުމަތްތަކާއި ފާހާނާގެ އިތުރުން ފެން ވެރޭނެ ގޮތާއި ދެ ޖިންސަށް ވަކިން ނަމާދު ކުރެވޭނެ ގޮތްތައް ވެސް ހުންނާނެ އެވެ. ގާތްގަނޑަކަށް 2،000 އަކަފޫޓުގެ މި ބިލްޑިންގުން ހިދުމަތް މި ވަގުތު ދެނީ އެއް ޕްރައިވެޓް ލޯންޖާ އެކު އެވެ. މި އިމާރާތުގައި ތިން ޕްރައިވެޓް ލޯންޖު ވަނީ ހަދައިފަ އެވެ.

ވީއައިޕީ ޓާމިނަލްގައި ހުރި ސޯފާ ގޮނޑިތައް. އެތަނުން އެންމެ ޒަމާނީ ވީއައިޕީ ހިދުމަތް ލިބޭނެ--ފޮޓޯ:އެމްއޭސީއެލް

ވީއައިޕީ ޓާމިނަލްގައި ހުރި ސޯފާ ގޮނޑިތައް. އެތަނުން އެންމެ ޒަމާނީ ވީއައިޕީ ހިދުމަތް ލިބޭނެ--ފޮޓޯ:އެމްއޭސީއެލް

ވެލާނާ އެއާޕޯޓު ތަރައްގީ ކުރަން ހިންގާ މަޝްރޫތަކަށް އެއް ބިލިއަން ޑޮލަރު ހޭދަވާނެ އެވެ. އެ މަޝްރޫއުގެ ދަށުން އާ ރަންވޭ އާއި އާ ކާގޯ ކޮމްޕްލެކްސް އާއި ފިއުލް ފާމާއި ފަސިންޖަރު ޓާމިނަލަކާއި ސީ ޕްލޭން ޓާމިނަލް ވެސް ހަދާނެ އެވެ. މި ހުރިހާ މަސައްކަތެއް ނިމި ހިދުމަތް ދޭން ފެށުމުން އެއާޕޯޓުގެ ކެޕޭސިޓީ އެތައް ގުނައެއް އިތުރުވެ، ހިދުމަތް ދިނުމުގައި މިހާރު ދިމާވާ ލަސްކަން ނިމުމަކަށް ގެނެވޭނެ ކަމަށް އެމްއޭސީއެލުން ބުނެފައި ވެ އެވެ.