Roadha Mihaaru
އާ ވީއައިޕީ ލައުންޖް އަންނަ މަހު ހުޅުވަނީ

އާ ވީއައިޕީ ލައުންޖް އަންނަ މަހު ހުޅުވަނީ

30 ޑިސެމްބަރ 2021

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި އާ ވީއައިޕީ ޓާމިނަލް/ ލައުންޖްގެ މަސައްކަތް ނިންމާފައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން، އަންނަ ޖެނުއަރީ މަހު ހުޅުވަން އެމްއޭސީއެލުން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި އާ ވީއައިޕީ ޓާމިނަލް/ ލައުންޖްގެ މަސައްކަތް ނިންމާފައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން، އަންނަ ޖެނުއަރީ މަހު ހުޅުވަން އެމްއޭސީއެލުން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދަން ފެށި ސީއައިޕީ/ވީއައިޕީ ޓާމިނަލް އަންނަ މަހުގެ 12 ގައި ހުޅުވާން ނިންމާފައިވާ ކަމަށެވެ.

"ކޮމާޝަލީ އިމްޕޯޓެންޓް ޕާސަން" ނުވަތަ ސީއައިޕީ ޓާމިނަލްގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި ހުންނަތަކާ އެތަށް ދުވަހެއް ވަނީ ވެފަ އެވެ. މިހާތަނަށް އެ ތަން ނުހުޅުވި އެހާ ބޮޑަށް ލަސްވީ، ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ސާމާނު ނުލިބުމުގެ ސަބަބުން ކަމަށް އެމްއޭސީއެލުން ބުނެ އެވެ.

ކުރީގެ އަކުއާ ރެސްޓޯރަންޓް ހުރި ތަނުގައި މޫދު ފެންނަ ގޮތަށް ހަތަރު ބުރި އަށް ހަދާ އިމާރާތުގައި ޗެކިން ކުރެވޭނެ ފެސިލިޓީ އާއި ކެއުންބުއިމުގެ ހިދުމަތްތަކާއި ފާހާނާގެ އިތުރުން ފެންވެރޭނެ ގޮތާއި ދެ ޖިންސަށް ވަކިން ނަމާދު ކުރެވޭނެ ގޮތްތައް ވެސް ހުންނާނެ އެވެ.

އެމްއޭސީއެލުން ބުނިގޮތުގައި އެ ކޮމްޕްލެކްސްގައި ވީއައިޕީ އާއި ސީއައިޕީ ލައުންޖްތައް ހުންނާނީ ވަކިވަކިންނެވެ. އޭގެ އިތުރުން ވަކި ކޮޓަރިއެއް ބޭނުންވާ މީހުންނަށް އެކަން ވެސް ހަމަޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ދުވަސްވަރު ކަމުން ވީއައިޕީ އާއި ސީއައިޕީ ލައުންޖް ހުޅުވާފައި ނެތުމުން އެތައް މިލިއަން ޑޮލަރެއް ގެއްލެމުންދާ ކަމަށް އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުންޏެވެ.

ވެލާނާ އެއާޕޯޓު ތަރައްގީ ކުރަން ހިންގާ މަޝްރޫތަކަށް އެއް މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އެ މަޝްރޫއުގެ ދަށުން އާ ރަންވޭ އާއި އާ ކާގޯ ކޮމްޕްލެކްސްއަކާއި ފިއުލް ފާމާއި ޕެސެންޖާ ޓާމިނަލް އަކާއި ސީ ޕްލޭން ޓާމިނަލް ވެސް ހިމެނެ އެވެ. މި ހުރިހާ މަސައްކަތެއް ނިމި ހިދުމަތް ދޭން ފެށުމުން އެއާޕޯޓުގެ ކެޕޭސިޓީ އެތައް ގުނައެއް އިތުރުވެ، ހިދުމަތް ދިނުމުގައި މިހާރު ދިމާވާ ލަސްކަން ނިމުމަކަށް ގެނެވޭނެ ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ.