Roadha Mihaaru
ސެމްސަން ކުންފުނީގެ ވެރިޔާގެ ކޮރަޕްޝަނުގެ ޝަރީއަތް ފަށައިފި

ސެމްސަން ކުންފުނީގެ ވެރިޔާގެ ކޮރަޕްޝަނުގެ ޝަރީއަތް ފަށައިފި

08 އެޕްރީލް 2017

ސޯލް (އެޕްރީލް 8) - ސައުތު ކޮރެއާގެ ރައީސް ޕާކް ގުއެން ހައި މަގާމުން ދުރުކުރަން ޖެހުނު މައްސަލައިގައި ހިމެނޭ އަންހެން މީހާ ހިންގި ޖަމިއްޔާ އަށް ރިޝްވަތުގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާ ދިން ކަމުގެ ތުހުމަތުގައި ސެމްސަން ކުންފުނީގެ ނައިބް ރައީސް އަދި ކުންފުނީގެ ޗެއާމަންގެ މަގާމަށް ދެން ވަޑައިގަންނަވާ ލީ ޖައި-ޔަންގުގެ ކޮރަޕްޝަނުގެ ޝަރީއަތް ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލީ ވިދާޅުވީ ކޮރަޕްޝަނުގެ އެއްވެސް އަމަލެއް އޭނާ ހިންގަވާފައި ނުވާނެ ކަމަށެވެ. އެކަމަކު ލީގެ މައްޗަށް ޕްރޮސެކިއުޓަރުން ވަނީ ކުރީގެ ރައީސް ޕާކް އަށް ނުފޫޒު ފޯރުވި ޗޮއި ސޫން-ސިލް ހިންގި ޗެރިޓީ އަށް ސެމްސަން ކުންފުނިން 43 ބިލިއަން ވޮން (38 މިލިއަން ޑޮލަރު) ދީފައިވާ ކަމަށް ބުނެފަ އެވެ. އަދި މިކަން ކޮށްފައި ވަނީ ލީގެ ބައްޕަ އަދި ސެމްސަން ކުންފުނީގެ ޗެއާމަން ލީ ކުން-ހީގެ ބަލި ހާލަތު ހުރި ގޮތުން ކުންފުނީގެ ހިންގުމުގެ ހުރިހާ ބާރެއް ލީގެ މައްޗަށް ބަދަލުކޮށް ދެ ކުންފުންޏެއް އެއްކޮށްލުމުގައި ސަރުކާރުގެ ތެރޭން ނުފޫޒު ފޯރުވުމަށް ކަމަށް ވެސް ޕްރޮސެކިއުޓަރުން ތުހުމަތުކޮށްފައިވެ އެވެ. ސެމްސަން ކުންފުންޏަށް މި ބަދަލު ގެނެވޭނީ ޕެންޝަން ފަންޑުގެ ސަޕޯޓާ އެކު އެވެ. ރައީސްކަމުގެ މަގާމުން ދުރުކޮށްފައިވާ ޕާކް މިދިޔަ ހަފުތާގައި ހައްޔަރު ކުރުމަށް ފަހު އެކަމަނާ މިހާރު ހުންނެވީ ފުލުހުންގެ ބަންދުގަ އެވެ.

ކޮރަޕްޝަނުގެ މައްސަލާގައި ލީގެ އިތުރުން ސެމްސަން ކުންފުނީގެ ހަތަރު އެގްޒެކެޓިވުންނާ ދެކޮޅަށް ވެސް ދައުވާ ކުރެ އެވެ. ދައުވާ އިއްވަމުން ސްޕެޝަލް ޕްރޮސެކިއުޓާ ޕާކް ޔަން-ސޫން ވިދާޅުވީ ލީގެ މައްސަލަ އަކީ ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންނާ ގުޅިގެން ހިންގައިފައިވާ އެންމެ ބޮޑު "ކަންތައް ގަނޑު" ކަމަށެވެ.

ޕާލަމެންޓުގެ ތަހުގީގެއްގައި ސެމްސަން ކުންފުނިން ޑިސެމްބަރު މަހު ވަނީ ޚައިރާތުގެ ގޮތުގައި 20.4 ބިލިއަން ވޮން ދިން ކަމަށް އެއްބަސްވެފަ އެވެ. އަދި އޭގެ ބަދަލުގައި ނާޖާއިޒް އެއްވެސް ފައިދާއެއް ނުހޯދާ ކަމަށް ބުނެފައިވެ އެވެ.

ލީ އަކީ މިހާރު ސެމްސަން އިލެކްޓްރޯނިކްސްގެ ވައިސް- ޗެއާމަނެވެ. އެކަމަކު އޭނާގެ ބައްޕަ ލީ ކުން-ހީ އަށް 2014 ވަނަ އަހަރު ހާޓް އެޓޭކެއް ޖެހުމާ ގުޅިގެން ސެމްސަން ގްރޫޕުގެ ވެރިއަކަށް ދެންވާނެ ކަމަށް ބެލެވެނީ ލީ އެވެ. ފެބްރުއަރީ މަހުން ފެށިގެން ލީ ހުންނަނީ ފުލުހުންގެ ބަންދުގަ އެވެ.