Roadha Mihaaru
ސެމްސަންގްގެ ވެރިޔާ ޕެރޯލްގެ ދަށުން މިނިވަންކޮށްފި

ސެމްސަންގްގެ ވެރިޔާ ޕެރޯލްގެ ދަށުން މިނިވަންކޮށްފި

14 އޯގަސްޓް 2021

ރިޝްވަތު ދިނުމާއި ކޮރަޕްޝަނުގެ މައްސަލަތަކެއް ސާބިތުވެ މި އަހަރުގެ ކުރީކޮޅު ޖަލަށްލި، ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުނީގެ ވެރިޔާ ލީ ޖޭ ޔޮންގް ޕެރޯލްގެ ދަށުން ހުކުރު ދުވަހު ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިޝްވަތު ދިނުމާއި ކޮރަޕްޝަނުގެ މައްސަލަތަކެއް ސާބިތުވެ މި އަހަރުގެ ކުރީކޮޅު ޖަލަށްލި، ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުނީގެ ވެރިޔާ ލީ ޖޭ ޔޮންގް ޕެރޯލްގެ ދަށުން ހުކުރު ދުވަހު ދޫކޮށްލައިފި އެވެ.

އޭނާ ދޫކޮށްލީ ޖަލުގައި 207 ދުވަސް ހޭދަކުރި ފަހުންނެވެ. ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގްއެން ހައި އަށް ވެސް ރިޝްވަތު ދިނުމާއި ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތަކެއް ސާބިތުވެ ޖެނުއަރީ މަހުގެ ތެރޭގައި ލީ ޖަލަށް ލާން ހުކުމްކުރީ ދެ އަހަރާއި ބައިގެ މުއްދަތަކަށެވެ.

ޕެރޯލްގެ ދަށުން ޖަލުން މިނިވަންވުމާ ގުޅިގެން ޖަލު ބޭރުގައި މީޑިއާތަކާ ބައްދަލުކޮށް، ލީ، 53، ވިދާޅުވީ އޭނާގެ ސަބަބުން ގައުމުގެ ވަރަށް ގިނަ ބަޔަކަށް ދެރަ ދެވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަހަރެން ގަބޫލުކުރަން އަހަންނާ ދޭތެރޭ ރައްޔިތުންގެ މެދުގައި ބޮޑެތި އުންމީދުތަކެއް ހުރިކަން. އެހެންވެ ކުރިއަށް އޮތް ތަނުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރަން ބޭނުން،" އޭނާ ވިދާޅުވި އެވެ. "ކުރިން އަހަރެންގެ ފަރާތުން ދިމާވި ހުރިހާ ކަމަކަށް މާފަށް އެދެން. އަދި އެކަންކަމާ ވަރަށް ހިތާމަ ވެސް ކުރަން. ދެން އެފަދަ ކަމެއް ތަކުރާރުނުވާނެކަމުގެ ޔަގީން ވެސް ދެން."

ލީ އަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު 25 ގައި އަވަހަރާވި ސެމްސަންގްގެ ކުރީގެ ޗެއާމަން ލީ ކުން-ހީގެ ދަރިއެކެވެ. ސެމްސަންގަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓެކް ކުންފުންޏެވެ. އަދި ސްމާޓްފޯނުގެ ވިޔަފާރީގެ ރަސްކަމުގައި އޮތީ ވެސް އެ ކުންފުންޏެވެ.