28 އޮކްޓޯބަރ 2020
މަަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ކުށުގެ ތުހުމަތުގައި ބަންދުގައި ހުރި މީހަކު ޖަލުގައި ޖާގަ ނެތިިގެން ދޫކޮށްލަން ޖެހުނީ މިދިޔަ މެއި މަހު އެވެ. އެއީ ބަންދުކުރަން އަމުރު ކުރިތާ 30 ދުވަސް ވީއިރު ވެސް ޖަލުގައި ޖާގަ ނެތިގެން، އެހެން ބާވަތެއްގެ ޖަލެއްގައި ހުރުމުންނެވެ. އެފަދަ ބޮޑު އެހެން މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެންގުމަށް ފަހު މި މަހު ކުރީކޮޅު ދޫކޮށްލަން ޖެހުނީ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް ގާނޫނުގައި ބުނާ ފަދަ ޖަލަކުން ޖާގަ ނުލިބިގެންނެވެ.
މަަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ކުށުގެ ތުހުމަތުގައި ބަންދުގައި ހުރި މީހަކު ޖަލުގައި ޖާގަ ނެތިިގެން ދޫކޮށްލަން ޖެހުނީ މިދިޔަ މެއި މަހު އެވެ. އެއީ ބަންދުކުރަން އަމުރު ކުރިތާ 30 ދުވަސް ވީއިރު ވެސް ޖަލުގައި ޖާގަ ނެތިގެން، އެހެން ބާވަތެއްގެ ޖަލެއްގައި ހުރުމުންނެވެ. އެފަދަ ބޮޑު އެހެން މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެންގުމަށް ފަހު މި މަހު ކުރީކޮޅު ދޫކޮށްލަން ޖެހުނީ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް ގާނޫނުގައި ބުނާ ފަދަ ޖަލަކުން ޖާގަ ނުލިބިގެންނެވެ.
ޖަލުތައް ވެސް ފުރިގެން ޖާގައަށް ވުރެ އިތުރަށް މީހުން ބައިތިއްބަން ޖެހުމާއި ޖަލުތަކަށް ދައުލަތުން ކުރަން ޖެހޭ ބޮޑު ޚަރަދުތަކުގެ ވާހަކަ އަބަދުވެސް ދައްކަ އެވެ. ނަމަވެސް ޖަލުތައް ފުރި، އެހެން ގޮތެއް ނެތިގެން ބައެއް "ކުށްވެރިން" މުޖްތަމައުގެ ތެރެއަށް ދޫކޮށްލަން ޖެހުމަކީ ސީރިއަސް މައްސަލައެކެވެ. އެފަދަ މައްސަލަތައް މަދުމަދުން ނަމަވެސް މިހާރު އެބަ ފެނެ އެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާ ގޮތުން ތަހުގީގު މަރުހަލާގައި މީހުން ބަންދުކުރަން ޖެހެނީ ފުލުހުން ބަލަހައްޓާ ކަސްޓޯޑިއަލް ޖަލުތަކުގަ އެވެ. ތަހުގީގު ނިމުމަށް ފަހު ޝަރީއަތުގެ މަރުހަލާގައި ބަންދުކުރަން ޖެހޭނީ ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓާ ރިމާންޑް ޖަލެއްގަ އެވެ. ކަރެކްޝަންސްގެ ބެލުމުގެ ދަށުން ހިންގާ އާންމު ޖަލަކަށް ބަދަލު ކުރެވޭނީ ކުށް ސާބިތުވުމުންނެވެ. އެކަމަކު ޖަލުތަކުގެ ޖާގައިގެ ދަތިކަމާ ހެދި މި ތަރުތީބު އެއްކޮށްހެން ވަނީ ގެއްލިފަ އެވެ. އެހެންކަމުން ބައެއް މީހުން ބަންދުގައި ބައިތިއްބަން ޖެހެނީ "ނިޒާމުގެ ބޭރުން" ނެވެ.
ޖިނާއީ އަދުލުގެ ނިޒާމަށް އައިސްފައިވާ ބަދަލުތަކުން، ޝަރީއަތް ނިމެންދެން ޖަލުގައި ތިބޭ މީހުންގެ އަދަދު ކުރިއަށް ވުރެ ބޮޑު ތަނުން މިހާރު މަދެވެ. ހަމައެހެންމެ، ހުކުމުގެ ވަކި މުއްދަތެއް ތަންފީޒުކޮށް ނިމިގެން ކްލެމެންސީ އާއި ޕެރޯލްގެ ދަށުންނާއި ރައީސުލްޖުމްހޫރިއްޔާގެ އިސް ނެންގެވުމުގެ ދަށުން ކޮންމެ އަހަރަކު މީހުން ޖަލުން ދޫކުރަމުން ދާއިރު ވެސް، ކުށްކުރާ ރޭޓް މަދު ނުވާތީ ޖަލުގެ އާބާދީ އާއި ތޮއްޖެހުން ކުޑައެއް ނުކުރެވެ އެވެ. ރިމާންޑް ޖަލުތަކުގައި ތިބެން ގާނޫނު ލާޒިމްކުރާ ބައެއް މީހުން ކަސްޓޯޑިއަލް ޖަލުތަކުގައި ވެސް މިހާރު ދަނީ ބައިތިއްބަމުންނެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދާދި ފަހުން ވިދާޅުވެފައިވާ ގޮތުން ޖާގައަށް ވުރެ އިތުރަށް 300 އަށް ވުރެ ގިނަ މީހުން ޖަލުތަކުގައި އެބަ ތިއްބެވެ. ކޯޓުތަކުގައި މިހާރު ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން އެންމެ 10 ޕަސެންޓް މައްސަލަތައް ނިންމިޔަސް، އިތުރު 400 އެއްހާ ގައިދީން ޖަލަށް ގެންދަން ޖެހި، ކޮންމެވެސް އެހެން އިންތިޒާމެއް ހަމަޖައްސަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެއީކީ ވެސް ފަސޭހައިން ކުރެވެން އޮންނަ ކަމެއް ނޫނެވެ.
މިހާރު ގާނޫނުތައް ހުންނަ ގޮތުން ކޮންމެ ކޮންމެ ތަނެއްގައި މީހުން ބަންދު ކުރަން ހުއްދައެއް ނެތެވެ. ކޮންމެ ޖަލަކީ ވެސް ވަކި ޝަރުތުތަކަކާއި ޚިދުމަތްތަކެއް ލިބެން ހުންނަ އަދި ވަކި އުސޫލުތަކެއްގެ ދަށުން ޖަލެއް ކަމަށް ކަނޑައެޅިފައި ހުންނަން ޖެހޭ ތަންތަނެވެ. އަދި ޖަލެއް ކަމަށް ކަނޑައެޅުމަކުން ނުނިމެ އެވެ. އެއީ ކޮން ބާވަތެއްގެ ބަޔަކު ބައިތިއްބާ އަދި ކޮން ގިންތިއެއްގެ ޖަލެއް ކަން ވެސް ދުރާލާ އިއުލާން ކުރަން ޖެހެ އެވެ. އެއާ ޚިލާފަށް މީހުން ޖަލުތަކުގައި ބޭތިއްބުމަކީ ގާނޫނީ ގޮތުން ކުށެކެވެ. ނަމަވެސް ގާނޫނީ އިމުން ބޭރު ވިޔަސް، މުޖްތަމައުގެ ސަލާމަތަށްޓަކައި މިހާރު އެ ނޫން ގޮތެއް ނެތީ އެވެ.
މާފުށީ ޖަލު: ހުރިހާ ޖަލުތަކެއް މިހާރު ވަނީ ފުރިފައި -- ފޮޓޯ/މިހާރު
ޖަލުތައް ތޮއްޖެހުމުގެ އެންމެ ބޮޑު ސަބަބަކީ އެއް އަހަރުގެ ހުކުމެއް ވެސް ނާންނަ ފަދަ ކުދި ކުށްތަކުގައި މީހުން ޖަލަށް ލުމެވެ. އެކަމަކު ކުށްވެރިން އިސްލާހުވާނެ ހަމައެކަނި ގޮތަކީ ޖަލުގެ ތޭރިތަކުގެ ފަހަތަށް ނުވަތަ ދުރު ރަށަކަށް އަރުވާލުން ކަމަށް ދުނިޔެ ގަބޫލުކުރި ޒަމާން މިހާރު މާޒީވެއްޖެ އެވެ. ކުދި ކުށްތަކުގައި މީހުން ޖަލަށްލުމުން ވަޒީފާ ގެއްލުމާއި އާއިލާ ބިކަވުން ފަދަ އިޖްތިމާއީ މައްސަލަތަކާއި އިގްތިސާދީ ގޮތުން ލިބޭ ގެއްލުންތަކާ ހެދި ޖަލަށްލުން ނޫން އަދަބުތައް (ނަން ކަސްޓޯޑިއަލް އަދަބުތައް) ކުރިއަރާފައިވާ ގައުމުތަކުގައި ދަނީ ތައާރަފް ކުރަމުންނެވެ. ބައި ގަރުނު ވީ ގާނޫނުލް އުގޫބާތެއް އުވާލުމަށް ފަހު ރާއްޖޭގައި އަމަލުކުރަން ފެށި އާ ގާނޫނުލް އުގޫބާތުގެ ދަށުން ވެސް އެ ފުރުސަތު ފަހިކޮށް ދިނެވެ.
ޖަލަށްލުމުގެ ބަދަލުގައި ގިނަ ބާވަތްތަކެއްގެ އެހެން އަދަބުތައް ދެވޭ ގޮތަށް 2015 ގައި އަމަލު ކުރަން ފެށި ގާނޫނުލް އުގޫބާތުގައިި ހިމަނާފައިވެ އެވެ. އެގޮތުން ގޭ ބަންދާއި ޖޫރިމަނާ އާއި މުޖްތަމައުއަށް ޚިދުމަތް ކުރުމާއި އުޅޭ ނޫޅޭ ގޮތް ބެލުމާއި ޕްރޮބޭޝަނަކީ ވެސް ކުށްވެރިންނަށް ދެވިދާނެ އަދަބުތަކެއް ކަމަށް ގާނޫނުލް އުގޫބާތު ބަޔާން ކުރެ އެވެ. އެ ކުށަކާ އެކަށީގެންވާ މިންވަރަކަށް އެފަދަ އަދަބެއް ދެވޭނެ ގޮތް އެ ގާނޫނުގައި ލިޔެފައި ވެސް އެބަ އޮތެވެ.
ނަމަވެސް ޖަލަށްލުމާއި ގޭ ބަންދާއި ޖޫރިމަނާ ނޫން އެހެން އަދަބެއް ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފެށިތާ ފަސް އަހަރު ވީއިރު ވެސް ކުށްވެރިންނަކަށް ނުދެ އެވެ. ސަބަބަކީ އެ ނޫން އަދަބުތައް ދެވެން އޮތީ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން އެކުލަވާލަން ޖެހޭ އުސޫލުތައް ހަދައިގެން ކަމަށް ވާއިރު، އެ އުސޫލުތަކެއް ނެތެވެ. ތަންފީޒު ނުކުރެވޭނެ އަދަބެއް ކަނޑައެޅުމުގެ މާނައެއް ނެތުމުން އެކަން ކޯޓުތަކުން ނުކުރަނީ އެވެ.
ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި ޖަލުގެ ނިޒާމު އިސްލާހު ކުރަން އެންމެ މުހިންމު ކަމަކީ މައްސަލަތައް ކޯޓުތަކުން އަވަހަށް ނިންމުމާއި ނުރައްކާތެރި ނޫން ކުށްތަކުގައި ޖަލަށްލުން ނޫން އަދަބުތައް ތަންފީޒު ކުރަން ފެށުމެވެ. މެދުކެނޑުމެއް ނެތި އަދި އެކަށީގެންވާ ސްޕީޑެއްގައި ޝަރީއަތްތައް ކުރިއަށް ގެންގޮސްގެން ނޫނީ އޭގެ މަގްސަދު އެއްކޮށް ހާސިލް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިފޯމް ގެނެވެން އޮތް ގޮތަކީ އެއީ. މިހާރު ލީގަލް ފްރޭމްވާކެއް އެބަ އޮތް. އިތުރު ގާނޫނެއް ހަދާކަށް ނުޖެހޭ ގާނޫނުލް އުގޫބާތުގައި އެ އޮތީ އެކަން. ހަދަން ޖެހޭ ގަވާއިދުތަކެއް އެކަނި މި އޮތީ. ވަސީލަތްތައް އެބަހުރި. އެ ވިސްނުން އަންނަން މި ޖެހެނީ. ޖަލަށްލުން ނޫން އިތުރު ގޮތެއް ހޯދަން ޖެހޭ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓުތަކުގައި މިހާރު ހިނގަމުންދާ 4،500 އަށް ވުރެ ގިނަ މީހުންގެ މައްސަލަތައް ނިމޭ މިންވަރަކުން ޖަލުތަކުގެ ތޮއްޖެހުން ކުރިއަށް ވުރެ ބޮޑުވަމުން ދާނެ ކަމަށެވެ. އެހެންވުމުން ޕްލީ ބާގެއިން ނިޒާމާއި ޖިނާއީ އިޖްރާއާތުގެ ގާނޫނުން ލިބޭ ފުރުސަތުތައް ދެމުންދާ ކަމަށާއި އޭރުން ކޯޓުތަކުގެ އެތައް ވަގުތަކާއި ދައުލަތުގެ އެތައް ޚަރަދެއް ސަލާމަތްވެ، ޖަލުތައް ފުރޭ މައްސަލައަށް ހައްލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕޮލިސީތަކަށް އެބަ ބަދަލު ގެންނަން. އެއީ ޕްލީ ބާގެއިން ނިޒާމުގެ ތެރެއިން. އިއުތިރާފްގެ އެއްބަސްވުމާއި ނަސޭހަތުގެ އެއްބަސްވުންތައް ހަދާ މިންވަރު މިހާރު އިތުރުވާނެ. ބޭނުމަކީ ޖަލު ނިޒާމުގެ ތެރެއަށް ވައްދާ މީހުން މަދު ކުރުން،" ޝަމީމް ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އިމްރާން ރައްޔިތުންގެ މަޖިލީހުގައި ދާދި ފަހުން ވިދާޅުވެފައިވަނީ ޖަލަށްމުގެ ބަދަލުގައި ކުށްވެރިން މުޖްތަމައުގެ ތެރޭގައި ބައިތިއްބައިގެން އަދަބު ތަންފީޒު ކުރުމުގެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ކުރިން ޕެރޯލްގެ ދަށުން ވެސް ބައެއް ކުށްވެރިން މުޖްތަމައުއަށް ނެރެފައިވާ ކަމަށާއި އަދި ޖަލު ނޫން އަދަބުތައް ދޭން އަންނަ އަހަރު ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންނަ އަހަރު ފެށޭއިރު މިކަން އަމަލީ ގޮތުން ތަންފީޒު ކުރަން ފެށޭ ހިސާބަށް ގެންދެވޭނެ،" އިމްރާން ވިދާޅުވި އެވެ.
ޖަލުތަކަކީ ބޮޑެތި އަދި ނުރައްކާތެރި ކުށްވެރިންނަށް އެކަނި ޚާއްސަ ކުރާ ތަނަކަށް ހަދަން އެބަ ޖެހެ އެވެ. ޖަލުތައް ފުރި އަދި ކޮންމެހެން ޖަލުގައި ބައިތިއްބަން ޖެހޭ އެތައް ބަޔަކު މުޖްތަމައުގެ ތެރެއަށް ދޫވެގެންދާނެ ފުރުސަތު ދީގެން ނުވާނެ އެވެ. އެކަން ކުރެވެން އޮތީ ކުދި ކުށްތަކުގައި ޖަލަށްލުމުގެ ބަދަލުގައި އެހެން އަދަބުތައް ދެވޭނެ ނިޒާމު ރަނގަޅަށް ތަންފީޒު ކޮށްގެންނެވެ.
ޖަލު ނޫން ގޮތެއް ކޮންމެހެން މުހިންމު
ކުށްވެރިން މިނިވަންކުރުން: ހަމައެއް އުސޫލެއް ނެތް؟
ސިއްހީ ސަބަބާ ހެދި ބަންދުން ދޫ ނުކުރެވޭނެ: ހައިިކޯޓް
ޖަލުގައި ފަރުވާ ނެތި ފަސް މަސް، ބަންދުކޮށެއް ނުދިން
މުޖުތަމައުގެ ހިދުމަތަށް ނެރުން: ލިޔުމުން އެކަނިތަ؟
ނައިޖީރިއާގެ ޖަލެއް ފަޅާލައި 240 ގައިދީން ފިލައިފި
ސެމްސަންގްގެ ވެރިޔާ ޕެރޯލްގެ ދަށުން މިނިވަންކޮށްފި
ޖަލުން މުޖުތަމައުގެ ހިދުމަތަށް:ބޮޑު ބަދަލެއްގެ ފެށުން
ބަންދުގައި ބޭތިއްބުމާއި ރިހެބިލިޓޭޓަށް 400 މިލިއަން!
އާއިލާ އިން ޖަލަށް ތަކެތި ގެންދިއުން މަނާކޮށްފި