ކުރީގެ ރައީސް މުހައްމަދު ނަޝީދު، ތިން އަހަރު ވެރިކަން ކުރެއްވި ގޮތާ މެދު ރައީސް އަބްދުﷲ ޔާމީން ތަކުރާރުކޮށް ވިދާޅުވާ ވާހަކަފުޅެއް އޮވެ އެވެ؛ އެމަނިކުފާނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ހައްޔަރުކުރީ ގާނޫނާ ހިލާފަށް، ސިޔާސީ މަގްސަދެއްގަ އެވެ.
04 އެޕްރީލް 2017
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ތިން އަހަރު ވެރިކަން ކުރެއްވި ގޮތާ މެދު ރައީސް އަބްދުﷲ ޔާމީން ތަކުރާރުކޮށް ވިދާޅުވާ ވާހަކަފުޅެއް އޮވެ އެވެ؛ އެމަނިކުފާނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ހައްޔަރުކުރީ ގާނޫނާ ހިލާފަށް، ސިޔާސީ މަގްސަދެއްގަ އެވެ.
"މި ސަރުކާރުގައި ސިޔާސީ ކުށްވެރިންނެއް ނުތިބޭނެ. ޑިމޮކްރަސީގެ ހަމަތަކާ ހިލާފަށް، ގާނޫނުގެ ބޭރުން ސިފައިން ފޮނުވައިގެން މީހަކު މި ސަރުކާރުން ހައްޔަރެއް ނުކުރޭ. ނުވެސް ކުރާނެ،" ޕީޕީއެމްގެ ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ފެންނަމުން މިދަނީ އެއް މަންޒަރެކެވެ. މިހާތަނަށް އަދަބު ލިބިފައިވާ އަދި "ބާރު ސްޕީޑު"ގައި ތަހުގީގު ކުރިއަށް ދާ ލިސްޓުގެ އެންމެ ކުރީގައި މުޅިން ވެސް ތިއްބެވީ ސިޔާސީ ލީޑަރުންނާއި ސިޔާސީ ހަރަކާތްތެރިންނެވެ. އެކި ތުހުމަތުތަކުގައި މިދިޔަ ހަފުތާގައި އެކަނި ވެސް ތިން ބޭފުޅަކު ފުލުސް އޮފީހަށް ތަކުރާރުކޮށް ހާޒިރުކޮށްފި އެވެ. އޭގެ ތެރޭގައި، ގާސިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހިމެނިވަޑައިގަންނަވަ އެވެ.
އެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ ހަގީގަތެއް ނެތް ތުހުމަތުތަކެކެވެ. އެ ތަހުގީގުތައް ހިންގައި ރައީސް ޔާމީން ބޭނުންފުޅުވަނީ ސިޔާސީ ފަރާތްތަކަށް ބިރުދައްކައިގެން ވެރިކަން ދަމަހައްޓަން ކަމަށް އެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ގާސިމް އާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން: ސިޔާސީ ކުށްވެރިން ނުތިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއަސް ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ އެތައް ބަޔަކަށް ނުހައްގު އަނިޔާ ލިބިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުން --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މިއާ އެކު، ސޯޝަލް މީޑިއާގައި ސިޔާސީ ޓުވީޓްތައް ކޮށްގެން ވެސް އެތައް އެކްޓިވިސްޓުންތަކަކަށް ދަނީ އަދަބު ލިބެމުންނެވެ. އެއް ބަޔަކު ހައްޔަރުކޮށްފައި ތިބިއިރު އަނެއް ބަޔަކު ދޫވެފައި ތިބީ "ސިޔާސީ ވާހަކަ ނުދައްކާނެ ކަމަށް ޝަރުތު"ކޮށެވެ. ގައުމުގައި މިހާލަތު އޮތްއިރު، ރައީސް ޔާމީން ނުވަތަ މި ސަރުކާރުން "ސިޔާސީ ކުށްވެރިން" މާނަކުރައްވަނީ ކޮން ގޮތަކަށްތޯ ބައެއް މީހުން ސުވާލު އުފައްދަ އެވެ. ސިޔާސީ ލީޑަރުން ތަކުރާރުކޮށް ފުލުސް އޮފީހަށް ހާޒިރުކޮށް އެމަނިކުފާނު މި ކުރައްވަނީ ކީއްތޯ އަހާ މީހުން ވެސް މަދެއް ނޫނެވެ.
"އޮޅުވާލެއްވޭނީ ވެސް ވަކި ވަރަކަށް، އެންމެންގެ ލޯ ކުރިމަތީގައި ހުރިހާ ކަމެއް މި ހިންގަވަނީ. ސިޔާސީ ފަރާތްތަކަށް ވެސް އެ ކުރައްވާ ގޯނާ އާއި ޖެއްސުން އެއްވެސް ރައްޔިތަކަށް އޮޅިފައެއް ނެތް،" ސިޔާސީ ކުށްވެރިން ނުތިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވާ ވާހަކަފުޅަށް ފާޑުވިދާޅުވެ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވި އެވެ.
"އެއް ބަޔަކު ހިފައި ހައްޔަރުކޮށްފައި. އަނެއް ބަޔަކު ހައްޔަރުކުރުމުގެ މަގުމަތީގައި އުޅޭއިރު ފްރޭމްކޮށްގެން ވެސް ގެންގުޅެނީ. ކޯޓުތަކަށް އަތްބާނައިގެން ހައްޔަރުކޮށްގެން ގެންގުޅޭ ބޭފުޅުން ދޫކޮށްލަން ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ގޮވާލީމަ ވެސް އިޖާބައެއް ނުދެއްވާ."
ރައީސް ޔާމީންގެ ސިޔާސަތުތަކާ ދެކޮޅަށް ވާހަކަ ދައްކަވާ އިދިކޮޅު ސިޔާސީ ލީޑަރުން
ރައީސް ޔާމީނާ ދެކޮޅަށް މޭ 1 ގައި ބޭއްވި ބޮޑު އެއްވުމަށް ފަހު، އިނގިރޭސި ވިލާތުގައި އަމިއްލައަށް އަރުވާލެއްވިގެން ހުންނެވި އަމީން ވިދާޅުވި ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި، އެންމެ ގިނަ ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ބިރުދައްކައި ފްރޭމްކޮށްގެން ގެންގުޅެނީ މި ސަރުކާރުންނެވެ. ސިޔާސީ ގޮތުން އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ރައީސް ޔާމީނަށް ސިޔާސީ ގޮތުން އެ ބޭފުޅެއްގެ ނުރައްކާ އޮތް ކަމަށް ބެލެވޭ އެންމެން މިހާރު ތިއްބެވީ "އަނިޔާ"ގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިޔަފާރިތަކަށް ދަތިކުރަނީ މީރާ މެދުވެރިކޮށް ނުވަތަ އެހެން ގޮތްގޮތުން ވެސް، މިއީ ފެންނަމުންދާ ކަންކަން،" އަމީން ވިދާޅުވި އެވެ.
ނަޝީދުގެ ސަރުކާރުގައި ފަސް ފަހަރަށް ހައްޔަރުކުރި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ މި ސަރުކާރުގައި އެފަދަ ކަންކަން ދެ ގުނައަށް އިތުރެވެ. ސިޔާސީ ލީޑަރުންނާއި ހަރަކާތްތެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުގައި ހަރަކާތްތެރިވާ މީހުންނާއި އާއްމު ރައްޔިތުން ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް، ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް އެކަމަކު މިހާރު އިނގިރޭސި ވިލާތުގައި އަރުވާލެއްވިގެން ހުންނެވި، ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޑިމޮކްރެޓިކް ނިޒާމް ވީދި، ގައުމު ފަހަތަށް ސޮއްސާލާފައިވާއިރު ތަފާތުކުރުން ވެސް އޮތީ އިންތިހާ އަށެވެ. އެއް ކުށަކަށް ތުހުމަތުކުރާ ދެ މީހެއްގެ މައްޗަށް ދެ ގޮތަކަށް ފިޔަވަޅު އަޅާ މަންޒަރު ފެންނަ ކަމަށް ވިދާޅުވެ މިސާލެއްގެ ގޮތުގައި ނެންގެވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތުގެ 1.2 ބިލިއަން ރުފިޔާ އަށް ހިޔާނާތްވި މައްސަލަ އެވެ.
"އަދީބު ކުރެއްވި ކަންކަން ވިދާޅުވެ އަދީބަށް ފިޔަވަޅު އެޅީ. އެ ފައިސާ އިން ބެއްސެވި ކަމަށް މަޖިލިސް މެމްބަރުން ވިދާޅުވޭ. އެކަމަކު އެއީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރުދުންނަށް ވާތީ އެކަމެއް ނުބެލި. މިނިވަން އެއްވެސް މުއައްސަސާއަކުން ވެސް އެކަން ނުބެލުނު،" ގައުމުގެ ހާލަތާ މެދު ކަންބޮޑުވާން ޖެހޭ ސަބަބުތައް ދައްކަވަމުން ޖަމީލް ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ރާއްޖޭގައި ބިރުވެރިކަން އޮތް މިންވަރަކީ، ޖަމީލް ވިދާޅުވި ގޮތުގައި، ޓްވީޓަކުން ނުވަތަ ފޭސްބުކްގައި ނުވަތަ އަމިއްލަ އަށް ފާޅުކުރާ ހިޔާލަކާ ގުޅިގެން އަދަބު ނުލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ރައްޔިތަކަށް ވެސް ނެތުމެވެ. ރައްޔިތުންނަށް، އެ މީހަކު ބޭނުންވާ ޕާޓީއަކަށް ތާއީދުކުރުން ނުވަތަ ސިޔާސީ ފިކުރު ގެންގުޅުމުގެ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
"ކޮން ތާކުތޯ ގޮސް މިޖެހެނީ؟ ސަރުކާރާ ދެކޮޅު ވިސްނުން ހުންނަ މީހުންގެ ތަހުގީގުތައް ބާރު ސްޕީޑުގައި ކުރިއަށް ދާއިރު އެހާ ބާރު ސްޕީޑުގައި ޝަރީއަތްތައް ނިމޭ ތަން ވެސް އެބަ ފެނޭ،" ޖަމީލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގެނައި ޑިމޮކްރެޓިކް ނިޒާމް މިއޮތީ ސޮއްސާލާފައި. ކުރިން ކަންކަން ތަޖުރިބާކޮށްފައި އަދި މި ސަރުކާރު ގެނައި މީހެއްގެ ހައިސިއްޔަތުން ހިތަށްއަރަނީ، މިއޮތް ވެށީގައި އަޅުގަނޑުމެންގެ ދުސްތޫރު ނަގަހައްޓާނެ މުއައްސަސާއެއް އަދި ފަރުދެއް ވެސް ހުރި ކަމަކަށް ނުފެނެއޭ."
ސިޔާސީ ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކުރަނީ ބިރުދައްކަން ކަމަށް ކުރާ ތުހުމަތު ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. އެއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަން ބައިނަލްއަގުވާމީ މީޑިއާ އަށް ހާމަކޮށްދޭން ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ ބިރުދައްކާ ކަމުގެ ތުހުމަތު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރަން ނެގި ވޯޓު ނާކާމިޔާބުވުމުން ކަމަށެވެ.
ފުޓްބޯޅަ މެޗެއް ބައްލަވަން ގަލޮޅު ދަނޑަށް ވަޑައިގެން ނަޝީދާ އެކު މައުމޫން ސެލްފީއެއް ނަންގަވާއިރު ރައީސް ޔާމީން އަރިހުގައި: ގާނޫނު ނެގެހެއްޓުމުގައި ރައީސް ޔާމީން ވަކި މީހަކު ތަފާތެއް ނުކުރާނެ ކަމަށް މުއާޒް ވިދާޅުވި. ---ފޮޓޯ: ނޫނުޑެއިލީ
ރާއްޖޭގެ ޝަރުއީ ނިޒާމާއި ފުލުހުންގެ މުއައްސަސާއަކީ ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ އަދި ސިޔާސީ ގޮތުން ވެސް ބާރު ނުފޯރުވޭނެ ދާއިރާތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ.
"މެމްބަރުންނާ ދެކޮޅަށް ތަހުގީގު ކުރެވެމުންދާ މައްސަލަތަކަކީ ގާނޫނީ ހެކިތަކެއްގެ މައްޗަށް އެކުލެވޭ މައްސަލަތަކެއް ކަމުން، އެ މައްސަލަތައް ތަހުގީގުކުރުމަކީ ފުލުހުންގެ ޒިންމާއެކެވެ،" ބަޔާނުގައިވެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ވާތީ ނުވަތަ މެމްބަރަކަށް ވާތީ އެއްވެސް މީހެއްގެ މައްސަލަ ތަހުގީގުކޮށް، ކޯޓަކުން ހުކުމް އިއްވާފައި ނުވާނެ ކަމަށެވެ. ނުވަތަ ސިޔާސީ ކަމެއްގައި އުޅޭތީ އޭނާ އަކީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި މި ސަރުކާރުން އަދަބު ދީފައި ނުވާނެ ކަމަށާއި އިިދިކޮޅު ފަރާތްތަކުން ސިޔާސީ ކުށްވެރިންނޭ ކިޔައި ކުރާ ތުހުމަތުތައް ގޮސް ހުއްޓެނީ ޖިނާއީ ކުށަކާ ހިސާބަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މުއާޒް ވިދާޅުވި ގޮތުގައި، ޖިނާއީ ކުށްތައް ނުވަތަ ޓެރަރިޒަމާ ގުޅުން ހުރި ކޮންމެވެސް ކަމެއްގައި ހުކުމް އިއްވާފައި ތިބި ލީޑަރުންނަށް ވެސް ކުށުން ބަރީއަވާން ކޯޓުގެ މަރުހަލާތައް ލިބިވަޑައިގެންނެވި އެވެ.
"ނާޒިމް ކަމަށް ވިއަސް އިމްރާން އަދި މުހައްމަދު ނަޝީދު ވިއަސް އެންމެ މަތީ ކޯޓާ ހަމައަށް ވަޑައިގެން، ކުށުން ބަރީއަވެވަޑައިގެންނެވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ވަނީ،" މުއާޒް ވިދާޅުވި އެވެ.
"މި ސަރުކާރުގެ ނައިބު ރައީސްކަން ކުރެއްވީމައެއް ނޫން އަހްމަދު އަދީބަށް ކޯޓުން ހުކުމް އިއްވާފައި ވަނީ. އެމަނިކުފާނު ކުރެއްވި ޖިނާއީ ކުށްތަކެއް ސާބިތުވެގެން."
މުއާޒް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީގެ ލީޑަރަކަށް، ނުވަތަ ސިޔާސީ ހަރަކާތްތެރިއަކަށް ވުމަކީ ގާނޫނުތަކާއި ގަވާއިދުތަކުން ބޭރުވެ ޖިނާއީ ކުށްތަކަށް އަރައިގަތުމަށް ލިބޭ ލައިސަންސެއް ނޫނެވެ. ކުށެއް ކޮށްފި ނަމަ އެ ކުރި ކުށަކަށް ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި އެވަގުތު އެއީ ސިޔާސީ ލީޑަރެއްތޯ، ނޫސްވެރިއެއްތޯ ނުވަތަ އާއްމު ރައްޔިތެއްތޯ ނުބަލާނެ ކަމަށް ވިދާޅުވި އެވެ.
"ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ. ގާނޫނުތައް ނަގަހައްޓައި ދެމެހެއްޓުމަކީ ރައީސް ޔާމީންގެ ކޮނޑުފުޅުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް. ރައީސް ޔާމީނަކީ ގާނޫނުތައް ތަންފީޒުކުރައްވާނެ ބޭފުޅެއް. އެއީ ސިޔާސީ މީހެއްތޯ އެކުވެރިއެއްތޯ ތިމާގެ މީހެއްތޯ ނުބައްލަވާނެ. ތަފާތުކުރުމެއް ނެތި ގާނޫނީ ހުކޫމަތު ނަގަހައްޓަވާނެ ކަން ދިވެހި ރައްޔިތުން ވެސް ގަބޫލުކުރޭ،" މުއާޒް ވިދާޅުވި އެވެ.
ސަރުކާރުން އެހެން ބުނާއިރު، މުޒާހަރާތަކުގައި ފުލުހުންގެ ބެރިކޭޑް ފަޅާލައި، މޫދަށް އުކާލެއްވި ސިޔާސީ ބައެއް ބޭފުޅުން، ރައީސް ޔާމީންގެ ފަހަތްޕުޅުގައި ތިއްބެވުމުން، ދައުވާ ނުކޮށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އިދިކޮޅަށް ނުކުންނެވުމުން އޭނާގެ ދެ މައްސަލަ އަވަސްކޮށް، ޖަލަށް ލާފައިވުމަކީ، އިންސާފުތޯ، ސުވާލުކުރާ މީހުން މަދެއް ނޫނެވެ.
ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިން އަދީބުގެ އިނގިލީގެ ނިޝާން ފެނުމާ އެކު، އޭނާގެ ހުކުމުގައި އެ އޮތީ ޝައްކު އުފެދިފައި ކަމަށް، ގާނޫނީ ބައެއް ފަރާތްތަކުން ދެކެ އެވެ. ނަމަވެސް އެފަދަ ކަމެއްގައި، އޭނާ ސަލާމަތްކުރަން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މަސައްކަތްނުކުރަނީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ. އެއީ ސިޔާސީ ލީޑަރަކަށް ވުމުން ލިބުނު ބޭއިންސާފުކަމަށް، އިދިކޮޅު ފަރާތްތަކުން ގަބޫލުކުރެ އެވެ.
ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކަށް ބިނާކޮށް ވެސް ސިޔާސީ ލީޑަރުންގެ ތަހުގީގު ދަނީ ހިންގަމުންނެވެ. މިއީ ވާދަވެރި ސިޔާސީ މާހައުލަކަށް ހުޅުވިފައި އޮތް ގައުމެއްގައި، ސިޔާސީ އިދިކޮޅު ފަރާތްތަކަށް ބިރު ދެއްކުން ކަމަށް، އެތައް ބަޔަކު ދެކެ އެވެ. އަދި އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ސަރުކާރުން އަޅާ ހުރަސްތައް ގިނަކަމުން، އެއީ ވެސް ވާދަވެރިން ހުއްޓުވުމުގެ ބައެއް ކަމަށް، އެ ފަރާތްތަކުން ގަބޫލުކުރެ އެވެ.
މި ހުރިހާ ސަބަބުތަކެއް ހުރި އިރު، އެތައް ބަޔަކު ދެކޭ ގޮތުގައި، ސިޔާސީ ކުށްވެރިން ނެތޭ ސަރުކާރުން ބުނާބުނުމުގައި ސުވާލު ނޫން އެހެން އެއްޗެއް ނުއުފެދެ އެވެ.
"އިންޑިއާ އައުޓް"އާ ހެދި އޮތީ ނުތަނަވަސްކަން: ނަޝީދު
އަޅުގަނޑަކީ ވަރަށް ވަތަނީ މީހެއް: ރައީސް ޔާމީން
އިންތިހާބުގައި ވާދަކުރުމުގެ އާ ޝަރުތުތައް ފާސްކޮށްފި
އިބޫއާ އެކު އުދާސްތައް ފިލައިފި، ކެމްޕޭން ކުރަންވީ: ރައީސް
ޑިމޮކްރެސީ އަކީ ހުދުމުހުތާރުގެ ދެ ވަނަ މާނަތޯ؟
ނަޝީދަށް ވުރެ ގާސިމް ގައުމަށް ހެޔޮއެދޭނެ: ނިހާން
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
ނަޝީދުގެ ކުށަކީ ހުދުމުހުތާރުވުން: ރައީސް ޔާމީން
ނަޝީދަށް ފުރުސަތު ނެތްކަމުގެ އިޝާރާތް ރައީސްގެ ފަރާތުން
ރައީސް ޔާމީނާ ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު ކޮބާ؟