Roadha Mihaaru
ހާލުގައި ޖެހުނު ދިވެހި ކުދިން ގެނެވޭނެ ގޮތެއް އަދި ނުވޭ!

އިންޑިއާގައި ހާލުގައި ޖެހުނު ދިވެހި ތިން ކުދިން ގެނެވޭނެ ގޮތެއް އަދި ހަމައެއްނުޖެހޭ: އާއިލާ

02 އެޕްރީލް 2017

ޗުއްޓީއަކަށް ކަމަށް ބުނެ އިންޑިއާ އަށް ގެންގޮސް ޔަތީމުހާނާ އަކަށްލައި "އަނިޔާ" ދިން އއ. އުކުޅަހު ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް އަދިވެސް ހަމަނުޖެހޭ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޗުއްޓީއަކަށް ކަމަށް ބުނެ އިންޑިއާ އަށް ގެންގޮސް ޔަތީމުހާނާ އަކަށްލައި "އަނިޔާ" ދިން އއ. އުކުޅަހު ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް އަދިވެސް ހަމަނުޖެހޭ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

އުކުޅަސް ފިރިހެނަކާއި އިންޑިއާގެ ޓްރިވެންޑްރަމްގެ އަންހެނަކު ކައިވެނިކޮށްގެން ލިބުނު ތިން އަންހެން ކުދިން އެ ގައުމަށް ގެންދިޔައީ 2013 ގަ އެވެ. އޭގެފަހުން ތިން ކުދިންގެ ހަބަރެއް ނުވެގެން ހޯދަނިކޮށް އެ ކުދިން ފެނުނީ ޓްރިވެންޑްރަމްގެ ޔަތީމުހާނާއެއްގައި ތިއްބާ ކަމަށް އާއިލާ އިން ބުންޏެވެ.

އާއިލާ އިން ބުނީ ރާއްޖޭގެ ކަމާގުޅޭ އެކި އިދާރާތަކަށް ސިޓީ ފޮނުވައިގެންނާއި ބައްދަލުކޮށް "އާދޭސްކޮށްގެން" ތިން ކުދިން ޔަތީމުހާނާ އިން ނެރެވުނީ މިދިޔަ މަހު ފަހުކޮޅު ކަމަށެވެ. ތިން ކުދިންގެ ތެރެއިން ދޮށީ ކުއްޖާގެ އުމުރަކީ 12 އަހަރެވެ. ދެން ތިބި ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކަށް އަށެއް އަދި އަނެއް ކުއްޖާގެ އުމުރަކީ 7 އަހަރެވެ.

އެ ކުދިންގެ ކާފަ، އަބްދުﷲ ނައީމް އިންޑިއާގައި ހުރެ ފޯނުން މިއަދު ކިޔައިދިން ގޮތުގައި ތިން ކުދިން ޔަތީމުހާނާ އިން ނެރުނީ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓް މެދުވެރިކޮށެވެ. އެ ކުދިން ޔަތީމުހާނާ އަށް ލާން މަންމަ ދައްކާފައި އޮތް ސަބަބަކީ ކުދިންގެ ބައްޕަ މަރުވެފައި ވުން ކަމަށް އާއިލާ އިން ބުންޏެވެ.

އެ ކުދިން ނެރުނީ، ޔަތީމުހާނާ އަށް ބައްޕަ ދިއުމުން ކަމަށް ނައީމް ބުންޏެވެ. އެތަނުގައި ތިން ކުދިން ހޭދަކުރި އަހަރެއްހާ ދުވަހުގެ ތެރޭގައި ޖިސްމާނީ އަދި ނަފްސާނީ އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

"ތިން ކުދިންނަށް ވަރަށް އަނިޔާ ދީފައި ހުރި ކަން އެނގޭއިރު ވެސް ކޮންސިއުލޭޓުން އެ ކުދިން ހަވާލުކުރީ މަންމައާ،" ނައީމް ބުންޏެވެ.

"ދެން ކަމާބެހޭ ހުރިހާ އިދާރާތަކުން ވެސް މި ބުނަނީ ބޭރު ގައުމެއްގެ ރައްޔިތަކާ ދިވެއްސަކު ކައިވެނިކޮށްގެން ލިބިފައިވާ ކުދިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުކުރެވޭނެ ފަދަ ގާނޫނެއް ގަވާއިދެއް ނެތޭ ރާއްޖެއަކު. އެކަހަލަ އެއްބަސްވުމެއް ވެސް ނެތޭ. މި ޖަވާބު ކޮންމެ ތަނަކުން ވެސް މި ލިބެނީ."

މައުލޫމާތު އެނގޭ ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވީ ޔަތީމުހާނާ އިން ނެރެ ކުދިން މަންމައާ ހަވާލުކުރުމުގައި ބައްޕަ އަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ހުރި ކަމަށެވެ. ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި މި ކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ކޮންސިއުލޭޓުން ވަނީ ފޮރިން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީއާ ހިއްސާކޮށްފަ އެވެ. އެ ތިން ކުދިންގެ ވެސް ޕާސްޕޯޓް ހަދާފައިވާ، މަންމަ ގަބޫލު ނަމަ ހުރިހާ ކުދިން ވެސް އަނބުރާ ރާއްޖެ ފޮނުވުމުގެ މަސައްކަތް ރާއްޖޭގެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކޮންސިއުލޭޓުން ކުރަމުން އަންނަ ކަމަށް ވެ އެވެ.

ނައީމް ބުނިގޮތުގައި މަންމަ ދޭ އަނިޔާ އިން ދިވެހި ތިން ކުދިން ސަލާމަތްކޮށްދޭނެ މަގެއް ފަހިކޮށްދޭން އެދި ރާއްޖޭގެ ފެމެލީ ކޯޓާއި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އަށް ވެސް މައްސަލަ ހުށަހެޅި އެވެ. އެކަމަކު، ޖެންޑާ މިނިސްޓްރީ ފިޔަވައި އެއްވެސް އިދާރާއަކުން އެހީތެރިކަމެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"ޖެންޑާ އިން ވަރަށް އެހީތެރިވެދިން. އަޅުގަނޑުމެން އިންޑިއާ އަށް މިއައީ ވެސް ޖެންޑާގެ އިރުޝާދާ އެކު، މިހާރު ދޮށީ ކުއްޖާގެ ޕާސްޕޯޓާއި އެހެން އިންތިޒާމްތައް ހަމަޖެހި މި މަހު 12 ގައި ރާއްޖެ ގެންދެވޭނެ ކަމުގެ އުއްމީދުގައި މިތިބީ،" ނައީމް ބުންޏެވެ.

މަންމަ ގާތުގައި ހުންނަ ބޭނުން ނުވާ ކަމަށް ދޮށީ ދަރިފުޅު ކޮންސިއުލޭޓުގައި ބުނުމުން މަންމަ އެކަމަށް ދެކޮޅު ހަދާފައި ނުވާ ކަމަށް އާއިލާ އިން ބުންޏެވެ.

"ވަރަށް ރޮއެފައި ކިޔައިދިނީ މަންމަ އެ ކުދިންނާ ދޭތެރޭ ކަންކަން ކުރި އިހާނަތްތެރި ގޮތްތައް. އެކަމަކު ދެން ތިބި ދެ ކުދިން ފޮނުވޭނީ މަންމަ އެ ކުދިން ރާއްޖެ ފޮނުވަން ބޭނުންވާ ނަމަ ކަމަށް ކޮންސިއުލޭޓުން އަންގާފައި ވަނީ،" އޭނާ ބުންޏެވެ.

ނައީމް ބުނިގޮތުގައި ދިވެހި ޕާސްޕޯޓުގައި ތިބި ތިން ކުއްޖަކު ރާއްޖެ ގެނެވޭނެ ގޮތެއް ހޯދަން އާއިލާ އިން "ގަނަތެޅޭއިރު" ސަރުކާރުން މިކަމާ އަޅާލާނަމަ އެ ކުދިންނަށް މިހާރު އޮންނާނީ ކޮންމެވެސް މަގެއް ފެނިފަ އެވެ. ސަރުކާރުން މިކަމުގައި އިސް ނަގައިފި ނަމަ، ހޯދޭނެ ހައްލުތަކެއް އޮންނާނެ ކަމަށް އާއިލާ އިން ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.