Roadha Mihaaru
ހާލުގައި ޖެހުނު އެއް ކުއްޖަކު ރާއްޖެ އަތުވެއްޖެ

ހާލުގައި ޖެހުނު ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު ރާއްޖެ އަތުވެއްޖެ

05 އެޕްރީލް 2017

ބައްޕަ މަރުވެފައިވާ ކަމަށް ބުނެ އޮޅުވާލައިގެން އިންޑިއާގެ ޔަތީމުހާނާއަކަށް ލީ ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު މިރޭ އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބައްޕަ މަރުވެފައިވާ ކަމަށް ބުނެ އޮޅުވާލައިގެން އިންޑިއާގެ ޔަތީމުހާނާއަކަށް ލީ ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު މިރޭ އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.

ތިން ކުދިންގެ ތެރެއިން ރާއްޖެ އައީ 12 އަހަރުގެ އަންހެން ކުއްޖާ އެވެ. އޭނާ ރާއްޖެ ފޮނުވަން އިންޑިއާގެ މަންމަ ފާތުމަތު އަށް މަޖުބޫރުވީ، އަމިއްލަ އަށް ރާއްޖެ އަންނަން ބޭނުންވެ އިންޑިއާގައި ހުންނަ ކޮންސިއުލޭޓުގައި އެދުމުން ކަމަށް ބައްޕަގެ އާއިލާ އިން ވަނީ ބުނެފަ އެވެ.

މި ކުއްޖާގެ ހަގަށް ތިބި އަށް އަހަރާއި ހަތް އަހަރުގެ ދެ ކުދިން ރާއްޖެ ފޮނުވަން މަންމަ ބޭނުމެއް ނުވެ އެވެ. އެ ކުދިންނަށް ނާދެވިގެން އުޅެނީ ވެސް އޭނާ އެއްބަސްނުވެގެންނެވެ.

އިންޑިއާގެ ޓްރިވެންޑްރަމަށް އުފަން ފާތުމަތު، އއ. އުކުޅަހު މީހަކާ ކައިވެނިކޮށްގެން ލިބުނު ތިން އަންހެން ދަރިން 2013 ގައި އިންޑިއާ އަށް ގެންދިޔައީ ޗުއްޓީއަކަށް ކަމަށް ބުނެ އެވެ. އޭގެ ފަހުން ޚަބަރެއް ނުވެގެން ހޯދަނިކޮށް އެ ކުދިން ފެނުނީ ޓްރިވެންޑްރަމްގެ ޔަތީމުހާނާއެއްގައި ތިއްބައި ކަމަށް ބައްޕަގެ އާއިލާ އިން ވަނީ ބުނެފަ އެވެ.

ޔަތީމުހާނާގައި ހޭދަވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ހިތްދަތި ހާލެއްގައި އުޅެން ޖެހުނު ކަމަށް 12 އަހަރުގެ ކުއްޖާ ވަނީ ބައްޕަގެ އާއިލާ އަށް ކިޔައިދީފަ އެވެ. އަދި ޖިސްމާނީ އާއި ނަފްސާނީ އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަން ހުރި ކަމަށް ކުދިންގެ ކާފަ އަބްދުﷲ ނައީމް ބުނެ އެވެ.

ފާތުމަތު ބުނިގޮތުގައި އަލުން ދަރިން ފެންނާނެ ކަމުގެ ޔަގީންކަން ނެތުމުން، ތިން ދަރިން ވެސް ރާއްޖެ ފޮނުވާކަށް ބޭނުމެއް ނުވެ އެވެ. ޔަތީމުހާނާ އަށް ދަރިން ލީ އޭނާގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ކަމަށާއި އެތަނުގައި އެ ކުދިން އުޅެމުން ދިޔައީ ހިތްހަމަޖެހިގެން ކަމަށް ވެސް އޭނާ ބުނެ އެވެ.

ޔަތީމުހާނާގައި އެ ކުދިންނަށް އަނިޔާކުރި ކަމަށް ބުނާ ވާހަކަ ފާތުމަތު ދޮގުކުރި އެވެ.