Roadha Mihaaru

ޓޫރިޒަމް ކުރިއަރާފައިވާ ވާވުގެ ތިން ރަށެއްގައި މާޗުގެ ކުރިން ޑޮލަރު އޭޓީއެމް ބަހައްޓަނީ

ޓޫރިޒަމް ކުރިއަރާފައި އޮތް ވ. އަތޮޅުގެ ތިން ރަށެއްގައި އަންނަ މާޗް މަހުގެ ކުރިން ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވާވުގެ 3 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

20 ސެޕްޓެމްބަރ 2025

ޓޫރިޒަމް ކުރިއަރާފައި އޮތް ވ. އަތޮޅުގެ ތިން ރަށެއްގައި އަންނަ މާޗް މަހުގެ ކުރިން ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ގުދުރަތީ ރީތި ރަށްތަކާ އެކު ޓޫރިޒަމްގައި "ވާއުއެޓޯލް"ގެ ނަމުން މަޝްހޫރު އެ އަތޮޅަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ މީހުން ދިރިއުޅޭ ފަސް ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި އަތޮޅުގެ ތިން ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަން ޖެހެނީ، ގިނަ އަދަދެއްގެ ޑޮލަރު ދައުރުވަމުންދާ ރަށްތަކަކަށް ވުމާ އެކު ޓޫރިޒަމް ކުރިއަރުވަން ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.

ޑޮލަރު އޭޓީމް ބަހައްޓަން ކަނޑައަޅާފައިވާ ރަށްތަކަކީ ފުލިދު އާއި ފެލިދޫގެ އިތުރުން ކެޔޮދޫގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ފެލިދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ފެލިދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކެޔޮދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިއަދު ވިދާޅުވީ ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަމުގައި އަމަލީ ކުލަ ޖައްސައިދިނުމަކީ ސަރުކާރުގެ މަސައްކަތެއް ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ މާޗް މަހުގެ ކުރިން އެ ތިން ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ވާވު އަތޮޅުގެ ޓޫރިޒަމް އެންމެ ކުރިއެރީ ޝިޕްރެކް ސަރަހައްދަށްދާ ޓޫރިސްޓުންނާއި ދިވެހިންގެ އަދަދު އިތުރުވުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އެއީ ޓޫރިސްޓުންނާއި ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ. ފަރަށް އަރާފައި އޮންނަ އެ ބޯޓު ބަލައިލުމަށާއި އޭގެ ކައިރީގައި ފީނުމަށް ވ. އަތޮޅާއި މާލެ އަތޮޅުގެ ރަށްރަށާއި ރިސޯޓުތަކުން ވެސް ވަރަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮންމެ ދުވަހަކު ދެ އެވެ. އެ ސަރަހައްދަށް ޓޫރިސްޓުން ގެންދަނީ ވެސް ގެސްޓް ހައުސްތަކާއި ރިސޯޓުތަކުން ޕެކޭޖުތައް ވިއްކައިގެންނެވެ.

ވ. އަތޮޅުގެ ލޯކަލް ޓޫރިޒަމް ކުރިއެރުމުގައި މި ޝިޕްރެކަކީ މުހިންމު ދައުރެއް އަދާކުރި ޓޫރިސްޓް އެޓްރެކްޝަނެކެވެ. އެ އަތޮޅުގައި ހުރި ގެސްޓް ހައުސްތައް ޕްރޮމޯޓްކުރާއިރު މި ޝިޕްރެކް ވަރަށް ބޮޑަށް ބޭނުންކުރެ އެވެ.

ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ އެ ބޯޓު ފަރުން ނެއްޓިގެން މިދިޔަ ހުޅަނގު މޫސުމުގެ ވިއްސާރާގައި އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާތީ މިހާރު އޮންނަނީ އެތާ ކައިރި ސަރަހައްދެއްގައި، އޮޔާ ނުދާނެހެން ބާއްވައިފަ އެވެ.