Roadha Mihaaru

އަމާޒަކީ އަތޮޅު ތެރޭގެ ރަށްރަށުން އެންމެ މަތީ ފެންވަރުގެ ހިދުމަތް ލިބޭނެ ގޮތް ހެދުން: ރައީސް

މި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކަމެއް ކުރުމަށް މާލެއަށް ދާންޖެހޭ ސިޔާސަތު ބަދަލުކޮށް، ކޮންމެ ރައްޔިތަކަށް ވެސް ރަށްރަށުން އެންމެ މަތީ ފެންވަރުގެ ހިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އަމާޒަކީ ރަށްރަށަށް މަތީ ފެންވަރުގެ ހިދުމަތް ދިނުން
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

19 ސެޕްޓެމްބަރ 2025

މި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކަމެއް ކުރުމަށް މާލެއަށް ދާންޖެހޭ ސިޔާސަތު ބަދަލުކޮށް، ކޮންމެ ރައްޔިތަކަށް ވެސް ރަށްރަށުން އެންމެ މަތީ ފެންވަރުގެ ހިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވ. އަތޮޅުގެ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފެލިދޫއަށް ރައީސް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައި އޭޓީއެމް ހުޅުވުމާއި އައިޑީކާޑާއި ޕާސްޕޯޓު ހިދުމަތް ފެށުމުން ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަ ދައްކާ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި، ރައީސް ވިދާޅުވީ ސަރުކާރުން އެފަދަ ކަންކަން ރަށްރަށުގައި ކުރަނީ ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށް ކަމަށެވެ.

"ކުރީގައި މި ވާގޮތަކީ މާލެއަށް ހުރިހާ ކަމެއް ވެސް ބަރޯސާ ވާން ޖެހެނީ. އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން އެއީ. އެހެންވެ ކޮންމެ ރަށެއްގައި އޭޓީއެމް ވެސް މި ހަދަނީ. އޭޓީއެމް ގާއިމް ކުރުމުން 200ރ. ނުވަތަ 100ރ. ނަގަން ކުރިން ޖީބުން ހަރަދު ކުރަން އެ ޖެހުނު ޖެހުން ނިމުމަކަށް އައިސް ވަރަށް ބޮޑެތި ފަސޭހަތައް އެބަ ލިބިގެންދޭ،" ރައީސް ވިދަޅުވި އެވެ.

"މާލޭގައި އުޅޭ މީހެކޭ، އެންމެ ކުޑަ ރަށެއްގައި އުޅޭ މީހެކޭ ހަމަހަމަ ވީ އެ ހިސާބުން. އަޅުގަނޑު ގަބޫލުކުރާ ހަމައަކީ އަޅުގަނޑު އަމަލީ ގޮތުން ތަންފީޒުކުރާ ފަލްސަފާއަކީ ވެސް ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެކޭ."

އައިޑީކާޑުގެ ހިދުމަތް މަދުވެގެން ކޮންމެ އަތޮޅެއްގެ އެއް ރަށުގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވެވަޑައިގެންނެވި ވައުދު އަންނަ މަސް ނިމުމުގެ ކުރިން ފުއްދަވައި ނިންމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް ވެސް އަމިއްލަ ރަށުގައި ހުރެގެން އެންމެ މަތީ ފެންވަރުގެ ހިދުމަތް ލިބޭނެ ގޮތެއް ހެދުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭގެ ސަބަބުން ރައްޔިތުންގެ ޖީބުން ވަރަށް ބޮޑެތި ހަރަދުތަކެއް ސަލާމަތްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.