ތެދުބަހުން ވާހަތައް ދައްކައި އަދި ތެދުބަހުން ކަންކަން ރިޕޯޓު ކުރުމުގެ މިނިވަންކަން ރާއްޖޭގައި ތަންމިނަށް ހުޅުވިފައިވާ އެބައޮތް ކަމަށާއި އެކަމަކު އެއްވެސް މީހަކާ ބެހޭ ގޮތުން ދޮގެއް ނުލިޔެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
20 ސެޕްޓެމްބަރ 2025
ތެދުބަހުން ވާހަތައް ދައްކައި އަދި ތެދުބަހުން ކަންކަން ރިޕޯޓު ކުރުމުގެ މިނިވަންކަން ރާއްޖޭގައި ތަންމިނަށް ހުޅުވިފައިވާ އެބައޮތް ކަމަށާއި އެކަމަކު އެއްވެސް މީހަކާ ބެހޭ ގޮތުން ދޮގެއް ނުލިޔެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރަައީސް އެހެން ވިދާޅުވީ، ހަތަރު އަތޮޅަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ވ. ފެލިދޫގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މީޑިއާގެ މިނިވަންކަމާ ގުޅޭ ގޮތުން ރައީސް ރޭ ވާހަކަފުޅު ދެއްކެވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު އެ މަނިކުފާނު މިދިޔަ އަންގާރަ ދުވަހު ތަސްދީގު ކުރެއްވި ނަމަވެސް އެ ގާނޫނާ މެދު ނޫސްވެރިންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާތީ އެވެ.
އެކަކަށް ވެސް ގޮންޖަހާލާފައި ގާނޫނަކާ ހިލާފަށް މިތާކު، ގާނޫނަކަށް ތަބައެއް ނުވާނަމޭ ބުނެފައި އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން. އެއީ އަޅުގަނޑަށް އޮތް ފުރުސަތެއް ނޫން، އަޅުގަނޑު ކޮށްގެން ހުރި ހުވާގައި ހުރި ފުރުސަތެއް ނޫން އެއީކީއެއް،"--- ރައީސް
އަދި ނޫސްވެރިންގެ ޖަމިއްޔާ އިން ބުނެފައި ވަނީ ގާނޫނަށް އަމަލު ނުކުރާނެ ކަަމަށެވެ.
ރައީސް މުއިއްޒު ރޭ ވިދާޅުވީ އެ މަނިކުފާނު ދިވެހި ގައުމުގެ ރިޔާސަތާ ހަވާލުވެޑައިގަތީ ގާނޫނު ނެގެހެއްޓުމަށް ކަމަށެވެ. އެހެންވެ ގާނޫނުގެ ވެރިކަމުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނެ ކަމަށް ވިދާޅުވި އެވެ.
އަދި މާތްﷲ ގަންދެއްވައި، އެ މަނިކުފާނު ހުވާ ކުރައްވާފައިވަނީ އިސްލާމީ ހަމަތަކާ އެއްގޮތަށް ދައުލަތް ހިންގުމަށް ކަމަށް ވާއިރު، އެ ގޮތުގައި ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާ އެކު ކަމަށާއި އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނާޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
"އެކަކަށް ވެސް ގޮންޖަހާލާފައި ގާނޫނަކާ ހިލާފަށް މިތާކު، ގާނޫނަކަށް ތަބައެއް ނުވާނަމޭ ބުނެފައި އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން. އެއީ އަޅުގަނޑަށް އޮތް ފުރުސަތެއް ނޫން، އަޅުގަނޑު ކޮށްގެން ހުރި ހުވާގައި ހުރި ފުރުސަތެއް ނޫން އެއީކީއެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ފެލިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
މީޑިއާގައި މަސައްކަތް ކުރާ މީހުންނަށް ވެސް ތެދުބަހުން ވާހަކަ ދެއްކުމުގެ ފުރިހަމަ މިނިވަންކަން އޮތް ކަމަށާއި ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ގެނެސްދިނުމުގައި ތަން މިނަށް މިނިވަންކަން އޮތް ކަމަށާއި އެއްވެސް ހިފެހެއްޓުމެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ހުރިހާ ކަމެއް ވެސް ރިޕޯޓް ކުރަންވީ. ލިޔަންވީ. ބޭނުންވަރަކަށް ލިޔަންވީ. އެކަމަކު ދޮގު ވާހަކައެއް ނުލިޔެވޭނެ. އަނެކާއާ ބެހޭގޮތުންނެއް ހަގީގަތް ބެލުމެއް ނެތި، ވާހަކަތަކެއް ނުލިޔެވޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެއީ ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމައެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ހަމަޖެހިގެން އުޅޭ އެއްބައިވަންތަ، އެކުވެރި، ކުލުނާއި ލޯބި ލިބިގެންވާ މުޖުތަމައުއެއްގެ ގޮތުގައި އޮންނަން. އަނެކާއަށް އިހުތިރާމް އަދާ ކުރާ ގައުމަކަށް ވާން،".
ރައީސް ވިދާޅުވި ގޮތުގައި، ސޯޝަލް މީޑިއާ ވެސް "ބޭން" ކޮށް އާއްމު ރައްޔިތުންގެ ސޯޝަލް މީޑިއާ ރެގިއުލޭޓް ގާނޫނުގެ ދަށުން ތަޅު އަޅުވައި، ބަންދު ކުރަނީއޭ ކިޔައިގެން އުފައްދަނީ ފިތުނަ ފަސާދަ އެވެ. އެ ގާނޫނުގެ ދަށުން ސޯޝަލް މީޑިއާގެ އެކައުންޓުތައް ވެސް ރެގިއުލޭޓް ކުރާ ކަމަށް ބުނާ ވާހަކަތައް ރައީސް ރޭ ދޮގުކުރެއްވި އެވެ.
ފެލިދޫގެ ރައްޔިތުންނާ އެކު ރައީސް މުއިއްޒު ރޭ ބޭއްވެވި ޖަލްސާ އަށް ފަހު، އެހެން ބޭފުޅުންނާ އެކު ގައުމީ ސަލާމަށް ތައްޔާރުވެވަވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް
"ކީރިތި ގުރުއާނުގައި އޮންނަނީ ފިތުނަފަސާދަ އުފެއްދުމަކީ ގަތުލު ކުރުމަށް ވުރެ ނުބައި ކަމެކޭ. އަޅުގަނޑުމެންނަކީ މުސްލިމުން. ދެން ގުރުއާނަށް ވެސް ގޮންޖަހާލާފައި ލިޔަންވީތޯ ހަމަ. ނުކުރެވޭނެ އެ ކަމެއް، މި ގައުމުގައި ނުކުރެވޭނެ އެ ކަމެއް. އެ ކަން ކުރަން ކޮންމެ ތާކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އަޔަސް އަޅުގަނޑަށް ފަރުވާލެއް ނެތް އެ ކަމަކާ،" ރައީސް މުއިއްޒު ވަރަށް ޔަގީންކަމާ އެކު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނު ހުވާ ކުރައްވައިގެން ހުންނެވީ އިސްލާމްދީނުގައި ވާ ގޮތުގެ މަތިން އަދި ގާނޫނުއަސާސީގައި ބުނާ ގޮތަށް ކަންކަން ކުރުމަށް ކަމަށެވެ. އެހެންވެ، އެ ކަންކަން ކުރުމުގައި ދެމިހުންނެވީ ވަރަށް ސާބިތުކަމާ އެކު ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މީޑިއާގައި މަސައްކަތް ކުރާ މީހުންނަށް ވެސް އެ މީހުންގެ ދާއިރާގައި ތިބެގެން ޒިންމާދާރުކަމާ އެކު ކަންކަން ކުރެވޭނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، މީޑިއާ ރެގިއުލޭޓް ބިލުން ވެސް ލިބެނީ އެ ފުރުސަތު ކަމަށާއި ސާބިތު ނުހިފޭ ވާހަކަތައް އެ ގާނޫނުން ބަންދުވާ ކަމަށެވެ.
"ސާބިތު ނުކުރެވޭ ވާހަކަތައް އެ މީހަކު ޖެހޭ ނަމަވެސް އޭގައި ބަޔާންކުރަން އެބަޖެހޭ ތިމަންނައަކަށް މި އަދި ސާބިތުވާ ކަމެއް ނޫނޭ. އަންވެރިފައިޑްއޭ މި، ވެރިފައިއެއް ނުކުރެވެއޭ ބަޔާންކުރަން ޖެހޭ ލިޔާއިރުގައި. އެހެން އެ ގާނޫނުގައި އޮތީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ތިމާ ބޭނުން ކޮންމެ ވާހަކައެއް ދޮގު ހަދައިގެން ދެއްކުމަކީ މިނިވަންކަމެއް ނޫނެވެ. އެ ހައްގު އެއްވެސް މީހަކަށް ނެތް ކަމަށް ވިދާޅުވި އެވެ.
"ކިތައް އާއިލާ ތޯ ހަލާކުވެ، ރޫޅިގެން ދިޔައީ ހަގީގަތް ބެލުމެއް ނެތި ލިޔަމުންދާ ވާހަކަތަކުގެ ސަބަބުން. އެހެންވީމާ އަޅުގަނޑުމެން މުސްލިމުންނަށް ވީތީ ވެސް އިސްލާމްދީނުގައި އައިސްފައިވާ ހަމަތައް ގަބޫލު ކުރަންޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ރެގިއުލޭޓް ބިލާ މެދު ރާއްޖޭގެ އެތައް ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާ އާއި މަދަނީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ފެލިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
މީޑިއާ ރެގިއުލޭޓް ބިލް އިސްލާހުތަކާ އެކު ފާސްކުރި ނަމަވެސް ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭތީ ތަސްދީގު ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލާފައި ވެ އެވެ.
މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ މާއްދާގައި މިހާރު ބުނެފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، އާންމުންގެ ކިބައިން މާފަށް އެދުމާ އެކު ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހު ޖަހަން ޖެހެ އެވެ.
އެ ގާނޫނުގެ ދަށުން ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސް މަޖައްލާއަކުން ހިލާފުވެއްޖެ ނަމަ، މައްސަލައިގެ ކުޑަ ބޮޑުމިނަށާއި ގާނޫނާ ހިލާފުވުން ތަކުރާރުވަމުންދާ މިންވަރަށް ރިއާޔަތްކޮށް ފިޔަވަޅު އަޅާނެ އެވެ. އަދި ނޫސްތައް 5،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ނޫސްވެރިންގެ ޖަމިއްޔާ އިން މައިގަނޑު ގޮތެއްގައި ބުނަނީ ސަރުކާރުން ރެގިއުލޭޓް ކުރާ މީޑީއާގެ ނިޒާމެއް ބޭނުން ނުވާ ކަމަށާއި އޮންނަ ޖެހެނީ ސެލްފު ރެގިއުލޭޓަރީ ނިޒާމެއް ކަމަށެވެ.
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް
ނޫސްވެރިންނަށް ތަންމިނަށް މިނިވަންކަން ދީފައިވޭ: ސައީދު
މީޑިއާ ބިލު މަޖިލީހުން ބޭރުކުރަން ސީޕީޖޭއިން ގޮވާލައިފި
"މީޑިއާތަކަށް އިނާޔަތެއް ދިނުން ހަގީގަތަކަށް ހަދާނަން"
މީޑިއާ ބިލް ރައީސް ތަސްދީގު ކުރައްވައިފި
މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް: އިބޫ
މީޑިއާ ބިލުގެ ރިކޮމެންޑޭޝަނަށް 4މަސް ދޭން އެދިއްޖެ
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމާ ދެކޮޅު
މީޑިއާ ބިލް: ނަޝީދަށް ފެނުނީ ޕާޓީތައް ބައްދަލުވާން!
މީޑިއާ ބިލު ބޭރުކުރަން 21 ޖަމިއްޔާއަކުން ގޮވާލައިފި