Roadha Mihaaru

20 އަހަރުގެ ތަރައްގީގެ ގައުމީ މާސްޓަ ޕްލޭން ޖެނުއަރީގައި ލޯންޗްކުރަނީ

ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ މާސްޓަ ޕްލޭން އަންނަ އަހަރުގެ ކުރީކޮޅު ލޯންޗުކުރާނެ ކަމަށާއި އެކަމުގެ މަސައްކަތަށް ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓީމެއް ވެސް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް، "ވިލުންތެރި ރާއްޖެ" ޓީމުން މިއަދު ބުނެފި އެވެ.

ގައުމީ ތަރައްގީގެ މާސްޓަޕްލޭން ޖެނުއަރީގައި ލޯންޗްކުރަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

07 ސެޕްޓެމްބަރ 2025

ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ މާސްޓަ ޕްލޭން އަންނަ އަހަރުގެ ކުރީކޮޅު ލޯންޗުކުރާނެ ކަމަށާއި އެކަމުގެ މަސައްކަތަށް ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓީމެއް ވެސް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް، "ވިލުންތެރި ރާއްޖެ" ޓީމުން މިއަދު ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ 20 އަހަރުގެ ތަރައްގީގެ ގައުމީ މާސްޓަ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށަން ކެބިނެޓުން ނިންމީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.

ގައުމީ ތަރައްގީގެ ޕްލޭނަށް އާއްމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންސަލްޓެންސީ ފާމް، ނެކްސިއާ މޯލްޑިވްސް އިން އިއްޔެ ވަނީ ރަށްރަށަށް ދަތުރުކުރަން ފަށައިފަ އެވެ. އޭގެ ތެރެއިން 10 ޓީމަކުން މީހުން ދިރިއުޅޭ 186 ރަށަށް މި އަހަރު ނިމުމުގެ ކުރިން ޒިޔާރަތްކޮށް އާއްމުންނާއި ކަމާގުޅޭ ފަރާތްތައް އަދި ވިޔަފާރިވެރިންނާ ބައްދަލުކޮށް ހިޔާލު ހޯދާނެ އެވެ.

އޭގެ އިތުރުން، ތަފާތު އެކި ބައްދަލުވުންތަކާއި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ވެސް ތަރައްގީގެ ޕްލޭނަށް ހިޔާލު ހުށަހެޅޭނެ އެވެ.

އެ މަސައްކަތްތަކުގެ މައުލޫމާތު ދޭން، ނޭޝަނަލް ޑިވެލޮޕްމަންޓުގެ ޕަބްލިކް ރިލޭޝަންސް ޓީމުން ބޭއްވި ބައްދަލުވުމުގައި، ޕްރޮޖެކްޓު ލީޑު މުހައްމަދު ނަޒީފު ވިދާޅުވީ އުމްރާނީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީއާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

އެއަށްފަހު، އަންނަ ޖެނުއަރީ މަސް ނިމޭ ހިސާބުގައި އެ ޕްލޭން ލޯންޗުކުރާނެ ކަމަށް ނަޒީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާއްމުންގެ ހިޔާލު ހޯދުމުގެ އިތުރުން ގައުމީ ތަރައްގީގެ ފައިނޭންޝަލް ޕްލޭން ހެދުމަށް ފަސް ބޭފުޅުން ހިމެނޭ ބޭރުގެ ތަޖުރިބާކާރުންގެ ޓީމެއް ވެސް ވަރަށް އަވަހަށް ރާއްޖެ އަންނާނެ އެވެ. އޭގެ ތެރޭގައި އިގުތިސޯދާއި މާލީ ކަންކަން އަދި ޖިއޯ ކޮންސަލްޓަންޓެއް ވެސް ހިމެނެ އެވެ.

ނަޒީފު ވިދާޅުވީ އެ ޓީމުގެ ހަރަދުތައް ހަމަޖައްސަނީ ވެސް ބޭރުގެ ބައެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ގައުމީ ތަރައްގީގެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ބަދަލުތައް ގެންނާނެކަން އިއުލާންކުރައްވައިފަ އެވެ. އޭގެ ދަށުން މޮނިޓަރިން ފްރޭމްވޯކާއި ފައިނޭންޝަލް ޕްލޭން އަދި އިމްޕްލިމެންޓޭޝަން ފްރޭމްވޯކެއް ހަދާނެ އެވެ.

ނަޒީފު ވިދާޅުވީ ގައުމީ ތަރައްގީގެ ޕްލޭން ހެދުމުގެ މަރުހަލާތައް އެއްކޮށް ނިމޭނީ އަންނަ ޖޫން ހިސާބުގައި ކަމަށެވެ. އޭގެ ކުރިން، އާއްމުންގެ ރުހުން އޮތްކަން ވެސް ކަށަވަރުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.