14 ފެބުރުއަރީ 2023
ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތުގައި ބައެއް ތަނބުތައް ކަނޑަށް ޖަހައިގެން އެ ކުރާ މަސައްކަތްތަކުން މާބޮޑު ކަމެއް އަދި ނުފެނެ އެވެ. އެކަމަކު މި ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، ފުރަތަމަ ފަހަރަށް މިއަދު މާލެ އާއި ގުޅިފަޅުގެ ވޯކްސައިޓަށް ނޫސްވެރިން ގެންގޮސް ދެއްކި އިރު ފެނުނީ އެހެން މަންޒަރެކެވެ.
ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތުގައި ބައެއް ތަނބުތައް ކަނޑަށް ޖަހައިގެން އެ ކުރާ މަސައްކަތްތަކުން މާބޮޑު ކަމެއް އަދި ނުފެނެ އެވެ. އެކަމަކު މި ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، ފުރަތަމަ ފަހަރަށް މިއަދު މާލެ އާއި ގުޅިފަޅުގެ ވޯކްސައިޓަށް ނޫސްވެރިން ގެންގޮސް ދެއްކި އިރު ފެނުނީ އެހެން މަންޒަރެކެވެ.
މިއީ ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ ގޮތް މިހާ ތަފުސީލުކޮށް ނޫސްވެރިންނަށް ކިޔައިދިން ވެސް ފުރަތަމަ ފަހަރެވެ.
އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ހަދަމުން އަންނަ ތިލަމާލެ ބްރިޖު ޕްރޮޖެކްޓުގެ މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވި ގޮތުގައި، ތިލަމާލެ ބްރިޖު ހަދަން މާލޭގައި، އެއްގަމުގައި 8 ތަނބު ޖަހަ އެވެ. އެ ތަނބުތައް ޖެހުމަށް ބޭނުންވާ ޕައިލިން މަސައްކަތް ނިމި، މިހާރު ކުރަމުން އަންނަނީ ޕައިލް ކެޕް އެޅުމުގެ މަސައްކަތެކެވެ.
ތިލަމާލެ ބްރިޖު އަޅަން މާލޭގައި ޖަހާ ތަނބުތަކުގެ ތެރެއިން ނިމިފައި ހުރި ދެ ތަނބު: މާލޭގައި އެއްގަމުގައި 8 ތަނބު ޖަހާ -- ފޮޓޯ: މިހާރު
ޕައިލިން އަކީ ތަނބަށް ބޭނުންވާ ސަޕޯޓް ހޯދުމަށް ބިމު އަޑިއަށް ޖަހާ ކޮންކްރީޓް ހޮޅިތަކެކެވެ. ޕައިލް ކެޕް އަޅަނީ އެ ހޮޅިތަކުގެ މަތީގަ އެވެ.
ޕައިލް ކެޕް އަޅައި، އަސްލު ތަނބު ޖަހަނީ އޭގެ މަތިންނެވެ. މާލޭގައި ޖަހާ ދެ ތަނބުގެ މަސައްކަތް މިހާރު ހުރީ ނިމިފަ އެވެ. ތަނބު ޖެހުމަށް ފަހު، ދެން އޮންނާނީ، ތަނބުގެ މަތީގައި، ވީ އަކުރެއްގެ ސިފައިގައި ހުންނަ ކެޕިން ޖެހުމެވެ. ނުވަތަ ބްރިޖު މަތިން ދަތުރުކުރާ ބައި ކަމަށްވާ "ސުޕަސްޓްރަކްޗާ"ގެ މަސައްކަތެވެ. އެ މަސައްކަތް ފަށަން ވެސް މިހާރު އޮތީ ތައްޔާރުވެފަ އެވެ.
ތިލަމާލެ ބްރިޖުގެ ޕައިލިން އިން ފެށިގެން ސުޕަސްޓްރަކްޗާއާ ހަމައަށް ތަނބެއްގެ ޑިޒައިން އިންނާނެ ގޮތް ދައްކައިދޭ ކުރެހުމެއް -- ފޮޓޯ: މިހާރު
"ސުޕަސްޓްރަކްޗާގެ ބައިތައް ގުޅިފަޅުގައި މެނުފެކްޗާ ކޮށްގެން ގެނެސްގެން މިކޮޅުގައި [މާލޭގައި] ހަމައެކަނި ކުރާނެ ކަމަކީ އެ އެއްޗެހި އިންސްޓޯލްކުރަމުން ދިއުން،" ޖިނާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބްރިޖުގެ ޕައިލިން މަސައްކަތް ކުރަމުން އަންނަނީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެއީ އެއްގަމާއި މޫދުގެ ތިލަ ހިސާބުތަކާއި ކަނޑުގެ ކުޑަކޮށް ފުން ހިސާބުތަކާ އަދި ކަނޑުގެ އެންމެ ފުން ހިސާބުތަކުގައި އެކި ގޮތްގޮތަށެވެ. އެންމެ ފުން ހިސާބުތަކުގައި ޕައިލިންގެ މަސައްކަތަށް ބޭނުންކުރަނީ، މި މަޝްރޫއުގައި ބޭނުންކުރާ އެންމެ ބޮޑު ފްލޯޓިން ޕްލެޓްފޯމް "ރުމައިލާ" އެވެ.
މާލެ ސައިޓުގައި، މޫދުގެ ތިލަ ހިސާބުގައި ވަގުތީ ބްރިޖެއް ހަދައިފައި: މޫދުގެ ތިލަ ހިސާބުތަކުގައި ޕައިލިންގެ މަސައްކަތްތަށް ބޭނުންކުރާނީ މި ކަހަލަ ވަގުތީ ބްރިޖުތަކެއް -- ފޮޓޯ: މިހާރު
ކަނޑުގެ ކުޑަކޮށް ފުން ހިސާބުތަކުގައި ޕައިލިންނަށް ބޭނުންކުރަނީ ކުދި ފްލޯޓިން ޕްލެޓްފޯމުތަކެވެ. ތިލަ ހިސާބުތަކުގައި ޕައިލިންގެ މަސައްކަތް ކުރަނީ ވަގުތީ ބްރިޖެއް އަޅައިގެންނެވެ. މާލެ ސައިޓުގައި، މޫދުގެ ތިލަ ހިސާބުގައި އޭގެ ވަގުތީ ބްރިޖެއް މިހާރު ހުރީ ހަދައިފަ އެވެ.
ބްރިޖު އަޅަން ވިލިމާލެއިން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް އޮތީ ފަށައިފަ އެވެ. ވިލިމާލޭގައި ވެސް ޕައިލިންގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ބްރިޖު އޮފީހުން މިއަދު ދެއްކި ކުރެހުންތަކުގައިވާ ގޮތުން، މާލެ-ވިލިމާލެ ދެމެދު ކަނޑުގައި އެކަނިވެސް މައިގަނޑު 9 ތަނބު ހުންނާނެ އެވެ. އަދި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުއްޓާ ދެމެދު އެކިވަރުގެ 50 ތަނބު ހުންނާނެ އެވެ.
މާލޭގެ އެއްގަމުގައި ޖަހާ ތަނބެއްގެ ޕައިލިން މަސައްކަތް ނިންމައި ޕައިލް ކެޕް އެޅުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: މިހާރު
ގުޅިފަޅުން ފެނުނު މަންޒަރުތަކުން އެނގުނު ގޮތުގައި، ބްރިޖުގެ އެންމެ ބޮޑު، އަދި އެންމެ މުހިންމު މަސައްކަތްތައް ކުރަމުން އަންނަނީ އެތަނުގަ އެވެ. މި މަސައްކަތަށް ގުޅިފަޅުން ބޮޑު ސަރަހައްދެއް ވެސް އޮތީ ކަނޑައަޅައިފަ އެވެ.
މުޅި ޕްރޮޖެކްޓުގެ މަސައްކަތުގައި، 1،500 އެއްހާ މީހުން 24 ގަޑިއިރު އަންނަނީ މަސައްކަތްކުރަމުންނެވެ. އެ އެންމެންގެ އެކޮމޮޑޭޝަން ވެސް ހަޖައްސާފައި ހުރީ ގުޅިފަޅުގަ އެވެ. އަދި މި މަޝްރޫއުއަށް ބޭނުންވާ ހުރިހާ މެޝިނަރީއެއް ވެސް ހުރީ އެތަނުގަ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ގުޅިފަޅުގައި ކުރަނީ: މި މަޝްރޫއަށް ބޭނުންވާ ހުރިހާ މެޝިނަރީ ހުރީ އެ ރަށުގައި -- ފޮޓޯ: މިހާރު
ގުޅިފަޅުން އެންމެ ތަފާތު ކަމަކަށް ފާހަގަކުރެވުނީ، ތަނބުތަކުގެ ދެމެދުން ބްރިޖް ގުޅުވާލަން ހަދަން ޖެހޭ "ސުޕަސްޓްރަކްޗާ"ގެ ބައިތައް ހެދުމަށް ބޭނުންކުރާ މޮޑިއުލް ނުވަތަ "ތައްގަނޑުތަކެވެ". މާލެ-ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖު ހެދިއިރު، "ސުޕަސްޓްރަކްޗާ"ގެ ބައިތައް ގެނައީ ޗައިނާގައި ހަދައިގެންނެވެ.
ތަނބުތަކުގެ މަތީގައި ޖަހާ، ވީ އަކުރެއްގެ ސިފައިގައި ފެންނަ ކެޕިން ވެސް އެފަހަރު ގެނައީ ޗައިނާއިންނެވެ. އެކަމަކު، މިފަހަރު އެވެސް ހަދަނީ ގުޅިފަޅުގަ އެވެ.
ތިލަމާލެ ބްރިޖުގެ ސުޕަސްޓްރަކްޗާ ހަދަން ބޭނުންކުރާ މޮޑިއުލް ނުވަތަ "ތައްގަނޑެއް" (ދަނބު ކުލާގައި) -- ފޮޓޯ: މިހާރު
އެ "ތައްގަނޑުތައް" ބޭނުންކޮށްގެން ބްރިޖުގެ މަތިން ދުއްވާ ބައި ނުވަތަ މަގު ހިމެނޭ ގޮތަށް، ސުޕަސްޓްރަޗާގެ ހުރިހާ ބައިތަކެއް ގުޅިފަޅުގެ ސައިޓުގައި ހަދާނެ އެވެ. އަދި އޭގެ ފަހުގައި، އެ ބައިތައް ގެންގޮސް، ހުރިހާ ތަނބުތައް ގުޅުވާލާނެ އެވެ. އޭގެ ބައެއް "ތައްގަނޑުތައް" އިންސްޓޯލްކޮށް، މިހާރު ހުރީ މަސައްކަތް ފަށަން ތައްޔާރުވެފަ އެވެ.
ޖިނާން ވިދާޅުވީ، މި މަޝްރޫއުގައި ދިމާވާ އެންމެ އުނދަގޫ ކަމަކީ ކަނޑުގައި ޕައިލިންގެ މަސައްކަތްކުރުން ކަމަށެވެ. ކަނޑުގައި ޕައިލިންގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމުމުން، މި މަޝްރޫއުގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ނިމުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ބޭނުންކުރާ ގުޅިފަޅުގެ ސައިޓް: މި މަޝްރޫއަށް ބޭނުންވާ ހުރިހާ މެޝިނަރީ ހުރީ އެ ރަށުގައި -- ފޮޓޯ: މިހާރު
"ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ދަނީ. ކޮންޓްރެކްޓަރު ދީފައިވާ ޑޭޓާ އެއްގޮތަށް ޑިސެމްބަރަށް މާލެއިން ފެށިގެން ގުޅިފަޅުން ބްރިޖު ފެށޭ ކޯނަ އަށް މަސައްކަތް ނިމެނޭ،" އޭނާ ވިދާޅުވި އެވެ.
ބްރިޖު އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި، އަންނަ ޑިސެމްބަރު މަހު ބްރިޖު މަތިން މާލެއިން ވިލިމާލެއަށް ދަތުރުކުރެވޭނެ އެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް މުޅި ބްރިޖުގެ މަސައްކަތް ނިންމާލެވެނޭ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ކިޔައިދެއްވަނީ -- ފޮޓޯ: މިހާރު
މި މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ.
މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މި މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.
ރައީސް ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓަށް
އެފްކޮންސް ވިއްކާލިޔަސް މަޝްރޫއަށް ބަދަލެއް ނާންނާނެ
ބްރިޖު ނިންމާނެކަމުގެ 100 ޕަސެންޓް ޔަގީންކަން
ތިލަ-މާލެ ބްރިޖު މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދަނީ
ތިލަމާލެ ބްރިޖުގެ 33 ޕަސެންޓް މަސައްކަތް ނިމިއްޖެ
ބާކީ 4 ތަނބު، ޑިސެމްބަރަށް ވިލިމާލެއާ ބްރިޖް ގުޅޭނެ
ބްރިޖުގެ މަސައްކަތަށް ބޭނުންވާ އިތުރު ޕްލެޓްފޯމެއް
ބްރިޖުގައި ދުނިޔޭގެ އެންމެއުސް ޕްރީކާސްޓް ސެގްމަންޓް
މާލެ-ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރާނަމަ ފިޔަވަޅުއަޅަނީ
ބާޖު ފަރަކަށް ނާރާ، ނަގިލި ކަހާލީ: އެފްކޮންސް