Roadha Mihaaru

އަމިއްލައަށް ފުރާނަ ގެއްލުވާލުމާ މެދު ޑަބްލިޔުއެޗްއޯގެ ކަންބޮޑުވުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރުވާ ކޮންމެ 100 މީހަކުން އެކަކަށްވުރެ ގިނަ މީހުން މަރުވަނީ އަމިއްލައަށް ކަމަށާއި، ޒުވާނުންގެ މެދުގައި އިތުރުވަމުންދާ ނަފްސާނީ ބަލިތަކާ މެދު އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއްޔެ ބުނެފި އެވެ.

އަމިއްލައަށް ފުރާނަ ގެއްލުވާލުމާ މެދު ކަންބޮޑުވުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރުވާ ކޮންމެ 100 މީހަކުން އެކަކަށްވުރެ ގިނަ މީހުން މަރުވަނީ އަމިއްލައަށް ކަމަށާއި، ޒުވާނުންގެ މެދުގައި އިތުރުވަމުންދާ ނަފްސާނީ ބަލިތަކާ މެދު އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއްޔެ ބުނެފި އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ އަމިއްލައަށް މަރުވާ މީހުންގެ ނިސްބަތް މުޅި ދުނިޔޭގެ ނިސްބަރުން ކުޑަތަންކޮޅެއް ދަށްވެފައިވާ ކަމަށާއި އެކަމަކު މި މައްސަލަ ކުޑަކުރުމުގައި ކުރިއެރުން ވަރަށް ލަސް ކަމަށެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރު މުޅި ދުނިޔޭގައި ގާތްގަނޑަކަށް 727،000 މީހުން އަމިއްލައަށް މަރުވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުންޏެވެ.

ގައިންގަޔަށް ނާރާ ބަލިތަކާއި ނަފްސާނީ ދުޅަހެޔޮކަމާބެހޭ ޑިޕާޓްމަންޓުގެ ވަގުތީ ވެރިޔާ ޑެވޯރާ ކެސްޓެލް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަމިއްލައަށް މަރުވާ ކޮންމެ 100 މީހަކުން އެކަކަށް ވުރެ ގިނައީ އަމިއްލައަށް މަރުވާ މީހުން ކަމަށް ވާއިރު، ކޮންމެ މަރަކަށް އިތުރު 20 މީހަކު އަމިއްލައަށް މަރުވާން މަސައްކަތްކުރެ އެވެ.

އަމިއްލައަށް މަރުވާ މީހުންގެ ސަބަބުން އެހެން އެތައް ބައެއްގެ ދިރިއުޅުމަށާއި ވަޒީފާތަކަށް ވަރަށް ބޮޑު އަސަރެއް ކުރާ ކަމަށާއި ރަހުމަތްތެރިންނާއި ގާތް އެތައް ބަޔަކަށް ހީވެސް ނުކުރާ ފަދަ ހިތްދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ "ވޯލްޑް މެންޓަލް ހެލްތު ޓުޑޭ" ރިޕޯޓުގައި އެކި ސަރަހައްދުތަކުގައި، ޒުވާނުންމަރުވާ މައިގަނޑު ސަބަބަކީ އަމިއްލައަށް މަރުވުން ކަމަށެވެ.

އެ ރިޕޯޓްގައިވާ ގޮތުން 2021 ވަނަ އަހަރު 15 އަހަރާއި 29 އަހަރާ ދެމެދުގެ އަންހެން ކުދިންނާއި އަންހެނުން މަރުވާ ދެވަނަ އަށް އެންމެ ބޮޑު ސަބަބު އަދި އެ އުމުރުފުރާގެ ފިރިހެނުން މަރުވާ ތިން ވަނަ އަށް އެންމެ ބޮޑު ސަބަބަކީ ވެސް އަމިއްލައަށް މަރުވުމެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ 2000 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އަމިއްލައަށް މަރުވާ ނިސްބަތް 35 ޕަސެންޓް ދަށަށް ގޮސްފައި ވިޔަސް މިކަން ދަށްކުރުމަށް ކަނޑައެޅި އަމާޒަށް ވާސިލެއް ނުވެ އެވެ. އަމިއްލައަށް މަރުވާ މީހުންގެ ނިސްބަތް ޑަބްލިޔުއެޗްއޯ އިން ވަނީ 2015 ވަނަ އަހަރުން 2030 ވަނަ އަހަރާ ހަމައަށް، ތިންބައިކުޅަ އެއްބައި ދަށްކުރުމަށް އަމާޒުހިފައިފަ އެވެ. އެކަމަކު މިހާރުގެ ޓްރެންޑްތަކުން ދައްކާ ގޮތުގައި މި ރޭޓް ދަށްކުރެވޭނީ އެންމެ 12 ޕަސެންޓެވެ.

އެމެރިކާ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސަރަހައްދެއްގައި ވެސް ވަނީ އަމިއްލައަށް މަރުވާ ރޭޓް ދަށަށް ގޮސްފަ އެވެ. އެ ސަރަހައްދުގައިވަނީ އަމިއްލައަށް މަރުވާ ނިސްބަތް ވަނީ 17 ޕަސެންޓް އިތުރުވެފަ އެވެ.

އަމިއްލައަށް މަރުވާ މީހުންގެ ގާތްގަނޑަކަށް 75 ޕަސެންޓް ނިސްބަތްވަނީ ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުން އަންނަ، އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކަށެވެ. -- އޭއެފްޕީ