Roadha Mihaaru

ދަރިމައިވާ ރޭޓު ދުވަހަކު ދަށަށް ނުދާ ވަރަށް ދަށަށް

މުޅި ދުނިޔޭގައި ދަރިމައިވާ ރޭޓު ހީވެސް ނުކުރާ ވަރަށް ދަށަށް ގޮސްފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

ދަރިމައިވާ ރޭޓު ދުވަހަކު ދަށަށް ނުދާ ވަރަށް ދަށަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

19 ޖޫން 2025

މުޅި ދުނިޔޭގައި ދަރިމައިވާ ރޭޓު ހީވެސް ނުކުރާ ވަރަށް ދަށަށް ގޮސްފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

އާއިލާއާ ބެހޭ އދ.ގެ ޖަމިއްޔާ، ޔޫއެންއެފްޕީއޭ އިން ވަނީ ދަރިމައިވާ ރޭޓު ދަށްވުމާ ގުޅޭގޮތުން ދިރާސާއެއް ހަދައިފަ އެވެ. މި މަހުގެ 10 ވަނަ ދުވަހު ނެރުނު ދިރާސާ ރިޕޯޓަށް 14 ގައުމަކުން 14،000 އަށްވުރެ ގިނަ އަންހެނުންނާއި ފިރިހެނުންގެ މައުލޫމާތު އެއްކޮށްފައިވެ އެވެ.

އެ ގައުމުތަކަކީ؛ ދެކުނު ކޮރެއާ، ތައިލެންޑު، އިޓަލީ، ހަންގޭރީ، ޖަރުމަނު، ސްވިޑަން، ބްރެޒިލް، މެކްސިކޯ، އެމެރިކާ، އިންޑިއާ، އިންޑޮނޭޝިއާ، މޮރޮކޯ، ސައުތު އެފްރިކާ އަދި ނައިޖީރިއާ އެވެ. އެއީ ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި އާބާދީ އެވެ. ޔޫއެންއެފްޕީއޭއިން ބުނީ ދިރާސާގައި ބައިވެރިވި ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ދަރިން ހޯދުމަށް ހުރަސް އެޅެނީ އިގުތިސޯދީ ދަތިތަކުގެ ސަބަބުން ކަމަށެވެ. އެއީ، އެ ޖަމިއްޔާއިން ސިފަކުރި ގޮތުގައި ހަގީގީ ކާރިސާއެކެވެ.

"ދުނިޔޭގައި ދަރިމައިވުމުގެ ނިސްބަތް ވަނީ ހީވެސް ނުކުރާ ވަރަށް ދަށްވެފައި،" ޔޫއެންއެފްޕީއޭގެ އިސްވެރިޔާ ޑރ ނަތާލިއާ ކަނެމް ވިދާޅުވި އެވެ.

ދިރާސާގައި ބައިވެރިވި ގިނަ މީހުން ބުނެފައިވަނީ ދެ ކުދިން ނުވަތަ އެއަށްވުރެ ގިނަ ކުދިން ބޭނުންވާ ކަމަށެވެ. ނަމަވެސް، ގައުމުތަކުގެ މެޖޯރިޓީ މީހުން ބުނެފައިވަނީ މާލީ ދަތިކަމުގެ ސަބަބުން ދަރިން ލިބުމަށް ހުރަސްއެޅޭ ކަމަށެވެ.

ކޮރެއާގައި 58 ޕަސެންޓު މީހުން އެ މައްސަލަ ފާހަގަކުރެ އެވެ. މާލީ ހާލަތާ ހެދި ދަރިން ހޯދަން ދަތިވާ ކަމަށް އެންމެ މަދުން ބުނެފައިވަނީ ސްވިޑަނެވެ. އެއީ 19 ޕަސެންޓެވެ.

ދުނިޔޭގައި އާބާދީ މިހާރު އެންމެ ބޮޑު ގައުމަކީ، 1.5 ބިލިއަނެއްހާ މީހުންނާއެކު އިންޑިއާ އެވެ. އެ ގައުމުގެ ފާޓިލިޓި ރޭޓު ވެސް ވަނީ 1.9 އަށް ތިރިވެފަ އެވެ.

"މިހާރު މި ފެންނަނީ އާބާދީ ބޮޑުވުން ނުވަތަ އާބާދީ ދަށްވުމާ ގުޅޭ ގޮތުން ވަރަށް ބޮޑު ހިތާމަވެރި ވާހަކަތައް ދައްކާ ތަން. އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ބޮޑަށް ހަރުކަށި އަދި ބައެއް ފަހަރު މެނިޕިއުލޭޓިވް ޖަވާބު ލިބޭ،" ޑރ ކަނެމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މީގެ 40 އަހަރު ކުރިން ޗައިނާ، ކޮރެއާ، ޖަޕާން، ތައިލެންޑު އަދި ތުރުކީގެ އާބާދީ ބޮޑުވުމުން އެންމެން ވެސް ކަންބޮޑުވި ކަމަށެވެ. ނަމަވެސް، އެކަން ބަދަލުވެ، 2015 ވަނަ އަހަރާ ހަމައަށް އައިއިރު އެ ގައުމުތަކުގެ އަމާޒު ހިފާފައި އޮތީ ދަރިމައިވުމުގެ ނިސްބަތް މަތިކުރުމަށެވެ.

"ދަރިމައިވުން މަދުވުމާއި މުސްކުޅިވެފައިވާ އާބާދީއަކާއި އާބާދީ ހުއްޓިފައި އޮތުމަކީ ނޭޝަނަލިސްޓް ހިޖުރަވެރިންނާ ދެކޮޅު އަދި ޖެންޑާ ކޮންޒަވޭޓިވް ސިޔާސަތުތައް ތަންފީޒުކުރުމުގެ ޖަސްޓިފިކޭޝަނެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަން ފެންނަމުން މިދަނީ،" ޕްރޮފެސަރު ގީޓެލް ބަސްޓެން ވިދާޅުވި އެވެ.