ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ދެއްވާ ހާއްސަ އެވޯޑެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.
19 މެއި 2025
ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ދެއްވާ ހާއްސަ އެވޯޑެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.
ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި ރައީސަށް މި އެވޯޑް އެރުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށާއި އެ ސިޔާސަތުތަކުގެ ސަބަބުން މީހުން ދުންފަތުން ސަލާމަތްކުރެވި، ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރެވޭނެތީ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
ރައީސް ވަނީ ދުންފަތާ ދެކޮޅަށް ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފަ އެވެ. އެގޮތުން، ރާއްޖޭގައި ވޭޕް ބުއިމާއި ވިއްކުން އެއްކޮށް ވަނީ މަނާކޮށްފަ އެވެ. އަދި، ސިނގިރޭޓްގެ ޑިއުޓީ ވެސް ވަނީ ބޮޑުކޮށްފަ އެވެ.
މީގެއިތުރުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަށް ދުންފަތުގެ ގާނޫނު ވެސް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މި ގެނައި އިސްލާހުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެ ފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން އެ ވިއްކާ މީހުން ކަށަވަރުކުރަން ޖެހޭނެ އެވެ.
ދުންފަތުގެ ބާވަތެއް ގަންނަނީ އެ އުމުރަށް ފެތޭ މީހެއް ނޫން ކަމަށް ބެލެވޭ ނަމަ އެ މީހެއްގެ އައިޑީކާޑު ނުވަތު އެ މީހެއްގެ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް، އިސްލާހުގައި ވެ އެވެ.
ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ އުމުރަކަށް ކުރިން އޮތީ 18 އަހަރުން ދަށެވެ. އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ގެނައި އިސްލާހުގައި ވަނީ އެ އުމުރު 21 އަށް މަތިކޮށްފަ އެވެ.
ރައީސް ވަނީ އެ ވިޔަފާރީގައި އުޅޭ ފަރާތްތައް ވެސް އެކަން ހުއްޓާލާފައި ކޮންމެވެސް އެހެން ކަމެއް ކުރުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
"އަޅުގަނޑު އެދެން ސިނގިރޭޓު އެތެރެކޮށް ސިނގިރޭޓު ވިއްކާ މީހުން އެ ވިޔަފާރި ދޫކޮށްލަން. އެހެން ކަމަކާ އުޅެން. މިއީކީ ކުރާވަރު ކަމެއް ނޫނޭ. ދެން މިއީކީ ކުޑަކުޑަ ގައުމެއް. މިލިއަނުން މިލިއަނުން މީހުން އުޅޭ ތަނެއް ނޫން. ކީއްކުރަން މިތާނގައި އެކަން ކުރަންވީ،" މީގެކުރިން ރައީސް ވިދާޅުވެފައިވެ އެވެ.
ދުންފަތާ ދެކޮޅަށް ރައީސް ދެއްކެވީ ދުނިޔެއަށް ނަމޫނާއެއް
ރައީސަށް ޑަބްލިއުއެޗްއޯގެ އެވޯޑް އަރުވައިފި
ވޭޕް މަނާކުރާތީ ޑަބްލިއުއެޗްއޯއިން މަރުހަބާ ކިޔައިފި
ވޭޕް މަނާކުރުމުގެ ހެޔޮ ނަތީޖާ އެބަ ފެނޭ: ރައީސް
ދުންފަތުގެ ޓެކްސްއެއް ރައީސަށް މުހިންމެއް ނޫން!
ޖެނެރޭޝަނަލް ބޭންގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
2007 ވަނަ އަހަރަށް ނިންމީ ރަނގަޅަށް ތަންފީޒުކުރަން
ޖެނެރޭޝަން ބޭން: 2007 އިން ފެށިގެން ދުންފަތް މަނާ
ޖެނެރޭޝަން ބޭންއަށް ކެބިނެޓުން މިއަދު ގޮތެއް ނިންމަނީ
ރައީސްގެޕޯލް:ގިނަ މީހުން ބުރަވީ 2000 ވަނަ އަަހަރަށް