Roadha Mihaaru

ނޭކުރެންދޫ ޖަލު ބިން 15 އަހަރު ފަހުން ރައްޔިތުންނަށް، އިގުތިސާދީ މަސައްކަތަކަށް ދޫކޮށްލަނީ!

ހދ. ނޭކުރެންދޫގައި ޖަލެއް އެޅުމަށް މީގެ 15 އަހަރު ކުރިން ސަރުކާރުން ނެގި ބިން އަނބުރާ އެ ރަށު ކައުންސިލާ ހަވާލު ކޮށްފައިވާ ކަމަށާއި އެ ތަނުގައި ރައްޔިތުންނަށް ފައިދާ ވާނެ އިގްތިސާދީ މަސައްކަތެއް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

ނޭކުރެންދޫ ޖަލު ބިން 15 އަހަރު ފަހުން ރައްޔިތުންނަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

26 އޯގަސްޓް 2025

ހދ. ނޭކުރެންދޫގައި ޖަލެއް އެޅުމަށް މީގެ 15 އަހަރު ކުރިން ސަރުކާރުން ނެގި ބިން އަނބުރާ އެ ރަށު ކައުންސިލާ ހަވާލު ކޮށްފައިވާ ކަމަށާއި އެ ތަނުގައި ރައްޔިތުންނަށް ފައިދާ ވާނެ އިގްތިސާދީ މަސައްކަތެއް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

ރާއްޖޭގެ އުތުރުގައި އަޅާ ފުރަތަމަ ޖަލު ނޭކުރެންދޫގައި އެޅުމުގެ މަސައްކަތް 2010 ވަނަ އަހަރު ފަށައި ޖަލު އަޅާނެ ތަން ކަނޑައަޅައި، 21 ހެކްޓަރުގެ ބިން ސާފުކޮށް ރުއް ގަހަށް ބަދަލު ވެސް ދިނެވެ.

އޭރުއްސުރެ ހުސް ބިމެއްގެ ގޮތުގައި އޮތް ތަން 2022 ވަނަ އަހަރު ޔުނިކް ޗޮއިސް ޕްރައިވެޓު ލިމިޓެޑް ކިޔާ ކުންފުންޏަކާ ސަރުކާރުން ފަހުން ހަވާލުކުރީ ވެސް އެ ޖަލުގެ މަސައްކަތް ކުރުމަށެވެ.

ރައީސް މުއިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޭކުރެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަައި ވިދާޅުވީ، ޖަލު ހެދުމަށް އެ ރަށުން ދޫކޮށްފައި އޮތް ބިން މިހާރު ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

"އެއީ އަޅުގަނޑު ވައުދު ވެފައި އޮންނާނެ އެ ތަން އިގްތިސާދީ ގޮތުން ރަށަށް ފައިދާވާނެ ގޮތަށް ބޭނުން ކުރުމަށް ފުރުސަތު ދޭން ވާނެ ކަމަށް. އެ ގޮތަށް ފުރުސަތު ފަހިކޮށް ދޭން ވާނެ ކަމަށް،" ރައީސްގެ ވައުދު ހަނދާން އާ ކުރައްވަމުން ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ އެ ބިމުގައި ރައްޔިތުންގެ މަޝްވަރާއާ އެކު، އިގްތިސާދީ މަސައްކަތެއް ކުރަން ފެށުމަށް ރަނގަޅު ޕްރޮޕޯސަލެއް ކައުންސިލުން ހުށަހެޅުމުން ހުއްދަ ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، ތަރައްގީއަށް ފަށާފައިވާ މަސައްކަތްތައް އަވަސް މުސްތަގުބަލެއްގައި މި ސަރުކާރުން ނިންމައިދޭނެ އެވެ.