Roadha Mihaaru

ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި

ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރެމަސިންހަ މިއަދު ހައްޔަރުކޮށްފި އެވެ.

ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި

ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރެމަސިންހަ މިއަދު ހައްޔަރުކޮށްފި އެވެ.

ރަނިލް ހައްޔަރުކުރީ އިނގިރޭސި ވިލާތުގެ ޔުނިވަސިޓީއެއްގައި އޮތް އޭނާގެ އަނބިކަނބަލުންގެ ގްރެޖުއޭޝަން ހަފްލާއަށް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރެއްވި ދަތުރަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް ހާޒިރުކުރުމަށް ފަހުގަ އެވެ. ވެރިކަމުގައި ހުންނެވި އިރު ލަންޑަނަށް ކުރެއްވި އެ ދަތުރަކީ އަމިއްލަ ދަތުރެއް ނަމަވެސް ދައުލަތުގެ ފައިސާ އެކަމަށް ބޭނުންކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އިންވެސްޓިގޭޓަރުން ތުހުމަތުކުރާ ގޮތުގައި ގައުމުން ބޭރުގެ އެކި ތަންތަނަށް ކުރެއްވި ދަތުރެއްގެ ތެރެއިން ލަންޑަނަށް ކުރެއްވި ދަތުރުގައި ރަސްމީ އެއްވެސް މަސައްކަތެއް ނެތެވެ. އަދި އެ ދަތުރަށް ހަރަދުކުރީ ދައުލަތުގެ ފައިސާ ކަމަށް ބުނެފައިވެ އެވެ.

މި މަހުގެ ކުރީކޮޅު ރަނިލްގެ ކުރީގެ ޕްރެޒިޑެންޝަލް ސެކްރެޓަރީ ސަމަން އެކަނަޔަކަ އާއި ކުރީގެ ޕްރައިވެޓް ސެކްރެޓަރީ ސަންޑްރާ ޕެރޭރާއާ ވަނީ މި ދަތުރުގެ އިންތިޒާމުތަކާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.

ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަށް ފުލުހުން ހުށަހެޅި ހުށަހެޅުންތަކުން އެނގޭ ގޮތުގައި މުޅި މައްސަލަ ބިނާވެފައި ވަނީ ޔުނިވާސިޓީ އޮފް ވޮލްވާހެމްޕްޓަންގައި އަނބިކަނބަލުންގެ ޕީއެޗްޑީ ގްރެޖުއޭޝަން ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ދަތުރަށެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ރަނިލްގެ އަރިހުގައި ދިހަ ބޭފުޅަކު ވަޑައިގެން ދަތުރަށް ދައުލަތުން ގާތްގަނޑަކަށް 16.9 މިލިއަން ރުޕީސް (ގާތްގަނޑަކަށް 56،000 އެމެރިކާ ޑޮލަރު) ހަރަދުވި އެވެ. އަދި މި ދަތުރުގެ މުއްދަތު ތެރޭގައި ރަނިލް ވަނީ ކިއުބާ އަށާއި އެމެރިކާއަށް ރަސްމީ ދަތުރެއް ކުރައްވައިފަ އެވެ. އިނގިރޭސި ވިލާތަށް އަމިއްލަ ދަތުރެއްގައި ވަޑައިގަތީ އެމެރިކާގައި ހުންނެވުމަށް ފަހުގައި ކަމަށް ފުލުހުން ބުނެ އެވެ.

ލަންކާގައި 2022 އިން 2024 އަށް ރައީސްކަން ކުރެއްވި ރަނިލް އަކީ އެ ގައުމުގައި މި ފަހުން ހައްޔަރުކުރި ސިޔާސީ ބޭފުޅުންގެ ތެރެއިން އެންމެ ސީނިއާ ބޭފުޅެވެ. މިހާރުގެ ރައީސް އަނޫރާ ކުރާމަ ޑިސެނަޔަކަ ކާމިޔާބުކުރެއްވި އިންތިހާބާ އެކު ވެރިކަން ގެއްލިވަޑައިގަތް ރަނިލް ވަނީ އެތައް ފަހަރަކު ބޮޑުވަޒީރުކަން ވެސް ކުރައްވައިފަ އެވެ. އަދި ކެބިނެޓްގެ އެކި މަގާމުތައް ވެސް ފުރުއްވާފައިވެ އެވެ.