Roadha Mihaaru

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލުކުރަން އެމްޑީޕީން ކޯޓަށް

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތައް ބާތިލުކުރުމަށް އިދިކޮޅުން އެމްޑީޕީން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ލާމަރުކަޒީ ގާނޫނުގެ އިސްލާހު ބާތިލުކުރަން ކޯޓަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

21 އޯގަސްޓް 2025

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތައް ބާތިލުކުރުމަށް އިދިކޮޅުން އެމްޑީޕީން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

މި މައްސަލަ ކޯޓަށް ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތައް ތަސްދީގު ނުކުރަން 60 އަށް ވުރެ ގިނަ ކައުންސިލުންނާއި އެމްޑީޕީން ވެސް ބަޔާން ނެރެފައިވަނިކޮށް އެ ބިލު ރައީސް ތަސްދީގު ކުރެއްވީ މިމަހުގެ 15 ގަ އެވެ.

ގާނޫނަށް މި ފަހަރު ގެނައި އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހުގައިވާ ގޮތުން ނަމަ ރަށްރަށުގެ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން 10 މިލިއަން ވުރެ ދަށުގެ ވިޔަފާރިއެއް ނުކުރެވޭނެ އެވެ. އަދި އެ މާއްދާއާ ތައާރުޒުވާ ނަމަ އެ މާއްދާ އަށް ނުވަތަ އިސްލާހަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެފަދަ ވިޔަފާރީގެ ހަރަކާތްތައް ހުއްޓާލަން ވާނެ ކަމަށް ބުނެފައިވެ އެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި އެއީ ރަށްރަށުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ކުރިއަރުވަން ގެނައި އިސްލާހެކެވެ. ލޯކަލް އޮތޯރިޓީ ކުންފުނިތަކުން 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓުމަންޓުތައް ހިންގައިގެން ލިބޭ ފައިދާއިން ރައްޔިތުންނަށް ކަންކަން ކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ބަދަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ބުނެފައިވަނީ ކައުންސިލަރުންނަށް މުސާރަ ނަގައިގެން ތިބުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ދެން ނުކުރެވޭނެ ކަމަށެވެ. އެ ޕާޓީން ބުނީ މި ގެނައި ބަދަލާ އެކު ކައުންސިލުތަކުގެ ބާރު އެއްކޮށް ކެނޑޭނެ ކަމަށެވެ.

އެމްޑީޕީން ބުނި ގޮތުގައި ކައުންސިލްތަކަށް ކުންފުނި ހެދުމުގެ ބާރު އެމްޑީޕީގެ ސަރުކާރުގައި ދިނީ ސަރުކާރުން ދޭ ގްރާންޓުގެ އެހީގައި ކައުންސިލްތަކުގެ ހުރިހާ ހަރަދެއް ހަމަނުޖެއްސޭތީ، އަމިއްލައަށް އާމްދަނީ ހޯދައިގެން ރަށުގެ މަސައްކަތްތައް ކުރެވޭނެ މަގުފަހިކޮށްދިނުމަށެވެ. އެކަމަކު ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކައުންސިލުތަކަށް އަމިއްލަ އާމްދަނީ ހޯދުމުގެ މަގު ބަންދުވާ ކަމަށް ބުނެ އެ ޕާޓީން އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.