Roadha Mihaaru

އިދިކޮޅުން ބައިނަލްއަގްވާމީ މުޖުތަމައުގައި ހަގީގަތާ އެއްގޮތަށް ވާހަކަ ދައްކަން އެދިއްޖެ

އިދިކޮޅު ޕާޓީގެ ޒިންމާދާރު މަގާމުގައިތަކުގައި ތިއްބެވި ބޭފުޅުން، ބައިނަލްއަގްވާމީ މުޖުތަމައުގައި ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު އެދިވަޑައިގެންފި އެވެ.

އިދިކޮޅުން ތެދު ހަގީގަތަށް ވާހަކަ ދައްކަން އެދިއްޖެ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

17 މެއި 2025

އިދިކޮޅު ޕާޓީގެ ޒިންމާދާރު މަގާމުގައިތަކުގައި ތިއްބެވި ބޭފުޅުން، ބައިނަލްއަގްވާމީ މުޖުތަމައުގައި ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު އެދިވަޑައިގެންފި އެވެ.

ހަލީލް އެހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި، މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރި މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކިޔަމުން ގެންދާ ފާޑުކިޔުންތަކަށް "އެކްސް"ގައި ދެއްވި ރައްދެއްގަ އެވެ.

ހަލީލް ވިދާޅުވީ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ އެކަމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް، އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑީޝަރީ އަށް ނުފޫޒު ނުފޯރުވާ ކަމަށާއި ޝަރުއީ ދާއިރާގެ މިނިވަންކަން ދަމަހައްޓަވާނެ ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ވެސް ބައިނަލްއަގްވާމީ މުޖުތަމައާ ވާހަކަ ދައްކަވާއިރު އެ ހަގީގަތާ އެއްގޮތަށް ވާހަކަ ދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އިދިކޮޅު ޕާޓީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިނަލްއަގުވާމީ މުޖްތަމައުއާ ވާހަކަ ދައްކާއިރު ކަން ހިނގި ގޮތަށް ތެދު ބަހުން ވާހަކަ ދައްކާނެ ކަމަށް އުންމީދު ކުރަން،" ހަލީލް ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވިއިރު، އިދިކޮޅު އެމްޑީޕީން ވަނީ ފަނޑިޔާރުންގެ ވަކިކުރުމުގެ މައްސަލަ ޔޫރަޕިއަން ޕާލަމެންޓާ ހިއްސާކޮށްފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މިކާއިލް އަހުމަދު ނަސީމެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ބޭފުޅުން މަގާމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.

އެ ދެ ފަނޑިޔާރުން ވަކިކުރަން ކޮމިޓީން ފާސްކުރި ފަހުން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ފަނޑިޔާރުންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލު ކުރެވި، އެންމެންނަށް އެއް ހަމައަކުން އަމަލު ކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެ ދެ ފަނޑިޔާރުން ވަކިކުރާށެވެ.