Roadha Mihaaru
ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ވެކްސިން ހޯދައިދެނީ

ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް 30،000 ޑޯޒު ވެކްސިން ހޯދައިދެނީ

24 މާޗް 2017

ކޮންޓްރޯލް ނުވެ ރާއްޖޭގައި ފެތުރެމުންދާ ސްވައިން ފްލޫ ނުވަތަ އެޗްވަންއެންވަން އިން ރައްކާތެރިވުމަށް ސަރުކާރުން ކުރާ މަސައްކަތްތަށް އެހީތެރިވުމުގެ ގޮތުން ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެ އަށް 30،000 ޑޯޒު ވެކްސިން ހޯދައިދޭން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮންޓްރޯލް ނުވެ ރާއްޖޭގައި ފެތުރެމުންދާ ސްވައިން ފްލޫ ނުވަތަ އެޗްވަންއެންވަން އިން ރައްކާތެރިވުމަށް ސަރުކާރުން ކުރާ މަސައްކަތްތަށް އެހީތެރިވުމުގެ ގޮތުން ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެ އަށް 30،000 ޑޯޒު ވެކްސިން ހޯދައިދޭން ނިންމައިފި އެވެ.

ސްވައިން ފްލޫގައި ރާއްޖޭގެ ހާލަތުގެ މައްޗަށް، ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނެވި މަންދޫބު އަރްވިންދު މާތުރު ނެރުއްވި ބަޔާނުގައި ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ފެތުރެމުންދާ އެޗްވަންއެންވަންގެ ރާއްޖޭގެ ހާލަތު އެ ޖަމާއަތުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި މިކަމުން ރައްކާތެރިވުމުގެ ގޮތުން ސިއްހީ ދާއިރާ އަށް ލަފަ އާއި އިރުޝާދު ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެޗްވަންއެންވަން އަށް ހާއްސަކޮށްގެން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ބަޔާނުގައި އޭނާ ފާހަގަކުރައްވާފައިވެ އެވެ. ހާއްސަކޮށް ސިއްހީ އެހީތެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ޖަހަން ސަރުކާރުން ނިންމާފައިވާ ކަން ފާހަގަކޮށް، އެއެވްޗަންއެންވަންގެ ވެކްސިން ރާއްޖެ އަށް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަލިން ރައްކާތެރިވުމުގެ ގޮތުން، މާބަނޑު މީހުންނާއި ކެންސަރު ބައްޔާއި ކިޑްނީ ބަލި ފަދަ ހައި ރިސްކު ގްރޫޕްތަކަށް ވެކްސިން ދެމުން އަންނަ ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މިހާތަނަށް މާބަނޑު 900 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ވެސް ބަޔާނުގައި އަރްވިން ވިދާޅުވި އެވެ.

ރާއްޖޭގެ އިތުރުން ވެސް މިދުވަސްވަރު އެޗްވަންއެންވަން، އިންޑި އާއި ސްރީ ލަންކާ އާއި ނޭޕާލާއި ބޫޓާން އަދި ތައިލެންޑް ފަދަ ގައުމުތަކުން ރިޕޯޓްކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ރާއްޖޭގައި މި ބަލި ޖެހިގެން މިހާތަނަށް ތިން މީހުން މަރުވެފައިވާއިރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 176 އަށް ވަނީ އަރައިފަ އެވެ. މިބަލީގައި މިހާރު ވެސް އެޑްމިޓްކޮށްގެން 23 މީހަކަށް ފަރުވާދެމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުންޏެވެ.