Roadha Mihaaru
ދުނިޔޭގައި ކޮލެރާ ގިނަވަނީ، ވެކްސިން ވަރަށް މަދު

ދުނިޔޭގައި ކޮލެރާ ގިނަވަނީ، ވެކްސިން ވަރަށް މަދު

21 މާޗް 2024

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮލެރާގެ ކޭސްތައް ގިނަވަމުންދާ ކަމަށާއި އެކަމަކު އެ ބައްޔާ ދެކޮޅަށް ދޭ ވެކްސިން ލިބެން ހުރީ ވަރަށް މަދުން ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިއްޔެ ބުނެފި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮލެރާގެ ކޭސްތައް ގިނަވަމުންދާ ކަމަށާއި އެކަމަކު އެ ބައްޔާ ދެކޮޅަށް ދޭ ވެކްސިން ލިބެން ހުރީ ވަރަށް މަދުން ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިއްޔެ ބުނެފި އެވެ.

ކޮލެރާގެ ވެކްސިން އުފައްދާ ހަމައެކަނި ކުންފުނި ދެކުނު ކޮރެއާގެ ޔޫބަޔޮލޮޖިކްސް އަށް ޑިމާންޑާ އެއްވަރަށް ވެކްސިން ނުއުފެއްދާ ކަމަށާއި އެކަމަކު ކޮލެރާގެ ނުރައްކާ އެތައް މިލިއަން ބަޔަކަށް އެބަ އޮތް ކަމަށް ޑަބްލިއުއެޗްއޯގެ އިންޓަނޭޝަނަލް ކޯޑިނޭޓިން ގްރޫޕް އޮން ވެކްސިން ޕްރޮވިޝަން (އައިސީޖީ) އިން ބުންޏެވެ.

"މިދިޔަ އެތައް އަހަރަކާ އަޅާބަލާއިރު ވެސް ދުނިޔޭގައި ކޮލެރާގެ ކޭސްތައް ނުފެންނަހާ ގިނައިން ފެންނާތީ އެކަން ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ،" ކޮލެރާ ވެކްސިން ޖަމާކޮށް މެނޭޖުކުރާ އައިސީޖީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"މިހާރު ބޭނުންވާ މިންވަރާ އަޅާބަލާއިރު ލިބެން ހުރި ވެކްސިން ޑޯޒްތަކުގެ އަދަދުގައި މާ ބޮޑަށް މަދުވުމުން މިހާރު ހުރި ވެކްސިންގެ ސްޓޮކަށް މީގެ ކުރިން ދުވަހަކު ވެސް ނެތް ވަރުގެ ޕްރެޝަރެއް މިހާރު އެބަ އޮތް."

ޑަބްލިޔުއެޗްއޯއަށް ފާހަގަކުރެވުނު ކޮލެރާގެ ކޭސްތަކުގެ އަދަދު 2022 ވަނަ އަހަރު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދެގުނައަށް އިތުރުވެ، 473،000 އަށް އަރައިފަ އެވެ. އަދި 2023 ވަނަ އަހަރު ގާތްގަނޑަކަށް 700،000 ކޭސް ފެނިފައިވެ އެވެ.

އައިސީޖީން ބުނީ މި އަހަރު އުފެއްދޭނީ ވެކްސިންގެ 17 - 50 މިލިއަން ޑޯޒާ ދެމެދުގެ އަދަދެއް ކަމަށާއި އެކަމަކު މިއީ ކޮލެރާގެ އަސަރުކުރާނެ ކަމަށް ބެލެވޭ އެތައް މިލިއަން ބަޔަކަށް އެކަށީގެންވާ ވަރަށް ވުރެ މާ މަދު އަދަދެއް ކަމަށެވެ.

މި ވެކްސިން އުފެއްދުމަށް 2025 ވަނަ އަހަރުގެ ކުރިން އާ ކުންފުންޏެއް މާކެޓަށް ނުކުންނާނެ ކަމަށް ނުބެެލެވޭތީ އަންނަ އަހަރާ ހަމައަށް ވެސް ދަތިކަން އޮންނާނެ ކަމަށް އައިސީޖީން ބުންޏެވެ.

މިއީ މި ވެކްސިންގެ ދެ ޑޯޒް ދިނުމަށް ކުރިން ދީފައި އޮތް ލަފާ 2022 ވަނަ އަހަރު އެއް ޑޯޒަށް ބަދަލުކުރުމުން ވެސް ދަތިކަން އޮތް މިންވަރެވެ.

އައިސީޖީން ބުނީ ކޮވިޑް-19 ގެ ވެކްސިން އުފެއްދުމަށް ދިން ވަރުގެ ސަމާލުކަމެއް ކޮލެރާ ވެކްސިން އުފެއްދުމުގައި ވެސް ދޭންޖެހޭ ކަމަށެވެ.

ކޮލެރާ އަކީ ވައިބްރިއޯ ކޮލެރޭ ބެކްޓީރިއާ ހުންނަ ނަޖިސް، ތަޣައްޔަރުވެފައިވާ ކާނާ އާއި ފެނުގެ ތެރެއަށް ގޮސްގެން ފެތުރޭ، ގޮހޮރުގެ ސީރިއަސް އިންފެކްޝަނެކެވެ. ކޮލެރާ އިތުރުވަމުންދަނީ ސާފު ފެން ލިބުން ދަތިވުމާއި ރައްކާތެރި ގޮތުގައި ފާހާނާ ކުރެވޭނެ ވަސީލަތްތައް ނެތުމާއި ތާހިރުވުމަށް ސައިބޯނި ފަދަ ތަކެތި ނުލިބޭ މީހުންގެ އަދަދު ގިނަވަމުން ދިއުމުގެ ސަބަބުންނެވެ.

މި ބަލި އެންމެ ބޮޑަށް އުޅޭ ގައުމުތަކުގެ ތެރޭގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، އިތިއޮޕިއާ، ހޭޓީ، ސޯމާލިއާ، ސޫދާން، ސީރިއާ، ޒެމްބިއާ އަދި ޒިމްބާބުވޭ ހިމެނެ އެވެ. -- އޭއެފްޕީ