Roadha Mihaaru
ބަލިމަޑުކަން ނިމުމުގެ ކޮޅުމަތި އެބަ ފެނޭ: ޑަބްލިއެޗްއޯ

ކޮވިޑް-19ގެ ބަލިމަޑުކަން ނިމުމުގެ ކޮޅުމަތި އެބަ ފެނޭ: ޑަބްލިއެޗްއޯ

19 ޑިސެމްބަރ 2020

ކޮވިޑް-19ގެ ބަލިމަޑުކަން ނިމުމުގެ ކޮޅުމަތި މިހާރު ފެނިފައިވާ ކަމަށާއި ނަމަވެސް އެބަލިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތައް އަދި މުޅިން ދޫކޮށްލައިގެން ނުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އިއްޔެ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19ގެ ބަލިމަޑުކަން ނިމުމުގެ ކޮޅުމަތި މިހާރު ފެނިފައިވާ ކަމަށާއި ނަމަވެސް އެބަލިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތައް އަދި މުޅިން ދޫކޮށްލައިގެން ނުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އިއްޔެ ބުނެފި އެވެ.

ޑަބްލިއުއެޗްއޯއިން ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ޖަމާއަތުގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގަބްރެޔެސުސް ވިދާޅުވީ ކޮވިޑްގެ ކެންޑިޑޭޓް ވެކްސިންތަކުގެ ދެ ބިލިޔަން ޑޯޒް، އދ. އިން ކަނޑައަޅާފައިވާ ވެކްސިން ޕްރޮގްރާމް، ކޮވެކްސްއަށް ލިބޭނެ ކަން މިހާރު ކަށަވަރުކުރެވިފައިވާ ކަމަށެވެ.

ކޮވެކްސްއަކީ ކޮވިޑަށް ފަރުވާ އާއި ވެކްސިން ހޯދަން ގުޅިގެން މަސައްކަތްކުރަން ޑަބްލިއެޗްއޯ އާއި ޔޫރަޕިއަން ޔޫނިއަން އަދި ބޭސް އުފައްދާ ކުންފުނިތަކާއި ގައުމުތަކުން އުފަައްދާފައިވާ ފެސިލިޓީއެކެވެ.

ޓެޑްރޯސް ވިދާޅުވީ އެއަށް ވުރެ އިތުރަށް ވެސް ވެކްސިންގެ ޑޯޒްތައް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިއީ ބަލިމަޑުކަމުގެ ނިމުން ފެންނަ ހިސާބަށް އައިކަމުގެ ހިތްހަމަޖެހުން ލިބިގަންނަންވީ ވަގުތު. ނަމަވެސް ރައްކާތެރިވާން ކުރާ މަސައްކަތް ހުއްޓައިނުލަން ފަރުވާތެރިވާން ޖެހޭނެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި އެހެން މީހުން ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމުގެ ޒިންމާ އަޅުގަނޑުމެން އުފުލަން ޖެހޭނެ،" އޭނާ ވިދާޅުވި އެެވެ.

ކޮވެކްސްއަށް ދެ ބިލިޔަން ޑޯޒްގެ ވެކްސިން ލިބޭނެ ކަން ކަށަވަރުކުރެވުމުގެ މާނައަކީ، ޑަބްލިއުއެޗްއޯ އިން ބުނިގޮތުގައި، އެ ފެސިލިޓީގައި ބައިވެރިވެފައިވާ 190 ގައުމަށް ވެސް އަންނަ އަހަރު ވެކްސިން ލިބޭނެކަން ކަށަވަރުވުމެވެ. އެގޮތުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގައުމުތަކަށް ވެކްސިން ގެންދަން ފެށޭނެ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

ޑަބްލިއުއެޗްއޯއިން ލަފާކުރާ ގޮތުގައި އަންނަ އަހަރު ނިމޭ އިރު ހުރިހާ ގައުމެއްގެ ވެސް އާބާދީގެ 20 ޕަސެންޓް މީހުންނަށް ކޮވިޑްގެ ވެކްސިން ދެވޭނެ އެވެ. އަދި ދެން ތިބި މީހުންނަށް 2022 ވަނަ އަހަރު ވެކްސިން ދީ ނިންމާލެވޭނެ އެވެ.

ކޮވިޑް-19 އަކީ އެބަލީގެ މާ ބޮޑު ހަގީގަތެއް އަދި ނޭނގޭ އާ ބައްޔަކަށް ވާތީ އެބަލިން ރައްކާތެރިވުމަށް ގައުމުތަކުން ވަރަށް ހަރުކަށި ފިޔަވަޅުތައް އެޅި އެވެ. އޭގެ ތެރޭގައި ދަތުރުފަތުރުކުރުން ހުއްޓައިލުމާއި މީހުން ގެއިން ބޭރުގައި އުޅުން މަނާކުރުން ހިމެނެ އެވެ. އެ ފިޔަވަޅުތަކާ ހެދިި އިގުތިސާދީ ގޮތުން ގިނަ ގައުމުތަކަަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

ކޮވިޑަށް ވެކްސިން ހޯދަން ކުރި މަަސައްކަތްތައް ކާމިޔާބުވުމާ އެކު ގިނަ ގައުމުތަކުން ވަނީ ފިޔަވަޅުތައް ލުއިކޮށްފަ އެވެ. މިހާރު ވެސް ދެ ވެކްސިނަކަށް އެމެރިކާ އިން ވަނީ ހުއްދަ ދީފަ އެވެ.