Roadha Mihaaru
ކޮވެކްސް: ކެނެޑާގެ އެހީ ރާއްޖެއަށް ވެސް ލިބޭނެ

ކެނެޑާއިން ކޮވެކްސް އަށް ދިން ފައިސާއިން ރާއްޖެ އަށް ވެސް އެހީ ލިބޭނެ

04 ޖޫން 2021

ކޮވިޑް-19 އާ ދެކޮޅަށް ގައުމުތަކުން ކުރާ މަސައްކަތްތަކަށް އެހީވުމަށް ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީ އަށް ކެނެޑާ އިން ހަދިޔާކުރި ފައިސާ އިން ރާއްޖެ އަށް ވެސް އެހީ ލިބޭނެ ކަމަށް، ކެނެޑާ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނޮން މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޑޭވިޑް މެކިނޮން ވިދާޅުވީ ކެނެޑާ އިން ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ފަސޭހައިން ވެކްސިން ފޯރުކޮށްދިނުމަށް ކޮވެކްސް އިން ކުރަމުން އަންނަ މަސައްކަތަށް އެހީވުމުގެ ގޮތުން އިއްޔެ 220 މިލިއަން ކެނޭޑިއަން ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ އިތުރުން ސްރީ ލަންކާ އަށް ވެސް ކެނެޑާގެ އެހީ ލިބޭނެ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެ އަށް ބޭރުގެ އެކި ގައުމުތަކުގެ އެހީ އަންނަނީ ލިބެމުންނެވެ. އެގޮތުން އެމެރިކާ އިން ވަނީ ކޮވެކްސްގެ ދަށުން އެ ގައުމުން ކޮވިޑް ވެކްސިން ފޮނުވާ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފަ އެވެ.

ރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދަށް ކޮވެކްސް ފެސިލިޓީގެ ދަށުން ހަތް މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށް އިއުލާނުކޮށްފައި ވެ އެވެ. އެ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ޕާކިސްތާނު އަދި މެލޭޝިޔާ އެވެ.

ރާއްޖެ އަށް ވެކްސިން ފޯރުކޮށްދޭނެކަން އެމެރިކާ އިން އިއުލާންކޮށް ފައިވާއިރު، އެ ގައުމުން ހަދިޔާކުރި ޕީޕީއީއާއި ސިއްހީ ސާމާނު މިއަދު ވަނީ ރާއްޖެ ގެނެސްފަ އެވެ.