Roadha Mihaaru
60 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިން ދެނީ

60 އަހަރުން މަތީގެ މީހުންނަށް ވެސް ފައިޒާ ވެކްސިން ޖަހައިދެނީ

22 އެޕްރީލް 2021

ދިގު މުއްދަތަކަށް ބޭސް ނުުކުރި ނަމަވެސް އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިން ޖަހައިދޭން އެޗްޕީއޭ އިން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދިގު މުއްދަތަކަށް ބޭސް ނުުކުރި ނަމަވެސް އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިން ޖަހައިދޭން އެޗްޕީއޭ އިން ނިންމައިފި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް މި މަހުގެ 11 ގައި، މާލޭ ސަރަހައްދުގައި ފައިޒާ ވެކްސިން ޖަަހައިދޭން ފުރަތަމަ ފެށީ ހާއްސަ ހާލަތުތަކެއްގައި ތިބި މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 16-17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ހަށިގަނޑުގެ ގުނަވަންތައް ބަދަލުކޮށްފައިވާ ކުދިންނާއި ގަވާއިދުން ޑައިލަސިސް ހަދައި، ކީމޯތެރަޕީ އަދި ރޭޑިއޯތެރަޕީ ހަދައި ކުދިންނާއި ހަށިގަނޑުގެ ދިފާއީ ބާރު ދެރަވާ ފަދަ ބޭސްތައް ބޭނުންކުރާ ކުދިންނެވެ.

އެ ކަންކަމުގެ އިތުރުން ދިގު މުއްދަތަށް ސެޓްރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނާއި ހަކުރު ބައްޔާއި ތެލެސީމިއާ މޭޖާ އަދި ސިކްލްސެލް އެނީމިއާ ބަލީގެ މީހުންނާއި ޑައުންސިންޑްރޯމް ހުންނަ މީހުންނާއި ސިސްޓެކް ފައިބްރޯސިސް އާއި ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ އަދި އުފެދުމުގައި ހިތުގެ މައްސަަލަތައް ހުންނަ މީހުންނަށް ވެސް ދޭނީ ފައިޒާ ވެކްސިން ކަމަށް ކުރިން ބުނެފައިވެ އެވެ.

އޭރު އެޗްޕީއޭ އިން އާންމުކުރި ގިންތިތަކުގެ ތެރޭގައި އުމުރުން 60 އަހަރުން މަތީގެ މީހުން ނުހިމެނެ އެވެ. އެކަމަކު، އެ އުމުރުފުރާގެ މީހުންނަށް ވެސް ވެކްސިން ދޭން މިހާރު ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހިންގާ ކޮވެކްސް ފެސިލިޓީގެ ދަށުން ވަނީ ފައިޒާ ވެކްސިންގެ 5،500 ޑޯޒް ރާއްޖެ އަށް ލިބިފަ އެވެ. އެ ވެކްސިނަކީ މައިނަސް 70 ޑިގްރީގައި ބަހައްޓަން ޖެހޭ ވެކްސިނެއް ކަމުން، މި ވެކްސިން ދެމުން އަންނަނީ މާލޭ ސަރަހައްދުގައި އެކަންޏެވެ.

ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގައި ފައިޒާ ވެކްސިން ޖަހައިދެމުން އަންނައިރު މި ވެކްސިން ޖެހުމަށް ރަޖިސްޓަރީވާން ޖެހެ އެވެ. ރަޖިސްޓަރީވެ، އެޕޮއިންޓްމަންޓް ހެއްދުމުން ވެކްސިން ޖަހަން ދާން ޖެހޭ ދުވަހާއި ތަން ފަދަ މައުލޫމާތުތައް އެޗްޕީއޭ އިން އަންގާނެ އެވެ.

އެ އިދާރާ އިން ބުނާ ގޮތުގައި، އެ ވެކްސިން ޖެހުމަށް ދާން އަންގާނީ، ރަޖިސްޓަރީވެފައިވާ ތަރުތީބުންނެވެ. ފައިޒާ ވެކްސިންގެ ލިބިފައި ވަނީ މަދު ސްޓޮކެއް ކަމުން، އެ ވެކްސިން ޖަހަން ދާން އަންގާ ގަޑިއަށް ދިއުމަށް އެޗްޕީއޭ އިން އެދެ އެވެ.