Roadha Mihaaru
ފަސޭހައިން އުފެއްދޭ ކޮލެރާ ވެކްސިނަކަށް ހުއްދަ ދީފި

ފަސޭހައިން އުފެއްދޭ ކޮލެރާ ވެކްސިނަކަށް ހުއްދަ ދީފި

21 އެޕްރީލް 2024

ކޮލެރާއިން ރައްކާތެރިވުމަށް މިހާރު ދޭ ވެކްސިނަށް ވުރެ ފަސޭހައިން އުފެއްދޭ ވެކްސިނަކަށް ޑަބްލިޔުއެޗްއޯ އިން ހުކުރު ދުވަހު ހުއްދަ ދީފި އެވެ.

ކޮލެރާއިން ރައްކާތެރިވުމަށް މިހާރު ދޭ ވެކްސިނަށް ވުރެ ފަސޭހައިން އުފެއްދޭ ވެކްސިނަކަށް ޑަބްލިޔުއެޗްއޯ އިން ހުކުރު ދުވަހު ހުއްދަ ދީފި އެވެ.

އަނގައިން ދޭ [އޯރަލް] މި ވެކްސިންގެ އާ ވައްތަރަކަށް ހުއްދަ ދިނުމުން، ކޮލެރާގެ ކޭސްތައް ދުނިޔޭގައި އިތުރުވަމުން ދާއިރު ވެކްސިންގެ ޑޯޒްތައް ފަސޭހައިން އަވަހަށް އިތުރުކުރެވޭނެ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުންޏެވެ.

އަލަށް ހުއްދަ ދިން "ޔޫވިކޮލް-އެސް" އަކީ މިހާރު ބޭނުންކުރާ "ޔޫވިކޮލް-ޕްލަސް" އަށް ވުރެ މަދު ކޮމްޕެނެންޓްތައް ހިމަނަައިގެން މާ ފަސޭހައިން އުފެއްދޭ ވެކްސިނެކެވެ. އެހެންވެ މިއީ ގިނައިން އަދި އަވަހަށް ވެކްސިން އިތުރުކުރުމަށް ލިބުނު ފުރުސަތަކަށް ވަނީ ވެފަ އެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ އާ ވެކްސިންގައި ވެސް ބަލިން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން [އެފިކަސީ] ކުރީގެ ވެކްސިނާ އެއްވަރު ކަމަށެވެ.

ޑަބްލިޔުއެޗްއޯއަށް ފާހަގަކުރެވުނު ކޮލެރާގެ ކޭސްތަކުގެ އަދަދު 2022 ވަނަ އަހަރު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދެގުނައަށް އިތުރުވެ، 473،000 އަށް އަރައިފަ އެވެ. އަދި 2023 ވަނަ އަހަރު ގާތްގަނޑަކަށް 700،000 ކޭސް ފެނިފައިވެ އެވެ.

ކޮލެރާ އަކީ ވައިބްރިއޯ ކޮލެރޭ ބެކްޓީރިއާ ހުންނަ ނަޖިސް، ތަޣައްޔަރުވެފައިވާ ކާނާ އާއި ފެނުގެ ތެރެއަށް ގޮސްގެން ފެތުރޭ، ގޮހޮރުގެ ސީރިއަސް އިންފެކްޝަނެކެވެ. ކޮލެރާ އިތުރުވަމުންދަނީ ސާފު ފެން ލިބުން ދަތިވުމާއި ރައްކާތެރި ގޮތުގައި ފާހާނާ ކުރެވޭނެ ވަސީލަތްތައް ނެތުމާއި ތާހިރުވުމަށް ސައިބޯނި ފަދަ ތަކެތި ނުލިބޭ މީހުންގެ އަދަދު ގިނަވަމުން ދިއުމުގެ ސަބަބުންނެވެ.

މި ބަލި އެންމެ ބޮޑަށް އުޅޭ ގައުމުތަކުގެ ތެރޭގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، އިތިއޮޕިއާ، ހޭޓީ، ސޯމާލިއާ، ސޫދާން، ސީރިއާ، ޒެމްބިއާ އަދި ޒިމްބާބުވޭ ހިމެނެ އެވެ. -- އޭއެފްޕީ