Roadha Mihaaru
އިންފުލުއެންޒާ ވެކްސިން ޖަހަން އިލްތިމާސްކޮށްފި

އިންފުލުއެންޒާ ވެކްސިން ޖަހަން އިލްތިމާސްކޮށް ގަޑިތައް އާއްމުކޮށްފި

29 މެއި 2018

ރާއްޖޭގައި ފެތުރެމުންދާ ހުމުގެރޯގާގައި އިންފުލުއެންޒާ އޭ އަށް ޕޮޒިޓިވްވާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ، އިންފުލުއެންޒާ ވެކްސިން ޖަހަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އިލްތިމާސްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި ފެތުރެމުންދާ ހުމުގެރޯގާގައި އިންފުލުއެންޒާ އޭ އަށް ޕޮޒިޓިވްވާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ، އިންފުލުއެންޒާ ވެކްސިން ޖަހަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އިލްތިމާސްކޮށްފި އެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި އިންފުލުއެންޒާ ވެކްސިން ޖަހައިދޭ ގަޑިތައް އާއްމުކޮށް، އެޗްޕީއޭ އިން ބުނީ އިންފުލުއެންޒާ އިން ރައްކާތެރިވުމަށް ވެކްސިން ޖެހުން މުހިއްމު ކަމަށެވެ. ވަކިން ހާއްސަކޮށް، އިންފުލުއެންޒާ ޖެހިގެން ނުރައްކާވެދާނެ މީހުން ވެކްސިން ޖެހުމަށް އިސްކަންދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.

އިންފްލުއެންޒާ ޖެހުމުން، ކުޑަކުދިންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ނުރައްކާ ބޮޑެވެ.

އައިޖީއެމްއެޗުގެ އިތުރުން ދަމަނަވެއްޓާއި އޭޑީކޭ އާއި ސެނަހިޔާ އާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލުން ވެސް ވެކްސިން ޖަހައިދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި އައިޖީއެމްއެޗާއި އޭޑީކޭ އިން ވެކްސިން ޖަހާނީ އެ ހޮސްޕިޓަލްތަކުން ކަނޑައަޅާފައިވާ ގަޑިތަކުގަ އެވެ. ދަމަނަވެށީގައި ހެނދުނު 10:15 އިން މެންދުރު 1:30 އަށް ވެކްސިން ޖަހައިދޭއިރު، ރޭގަނޑު 9:00-10:00 އަށް ވެކްސިން ޖަހައިދެނީ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު އެކަންޏެވެ.

ސެނަހިޔާގައި، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 10:00- 14:00 އަށް އަދި ރޭގަނޑު 20:00-00:00 އަށް ވެކްސިން ޖަހައިދޭނެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖަހައިދެނީ، އާދީއްތަ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު 12:00- 13:30 އަށެވެ.

ފްލޫއިން ރައްކާތެރިވާނެ ގޮތްތައް

ފްލޫއިން ރައްކާތެރިވާނެ ގޮތްތައް

އެޗްޕީއޭ އިން އިއްޔެ އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ފެތުރެމުންދާ ހުމުގެރޯގާ އާ ގުޅިގެން ޓެސްޓް ކުރި މީހުންގެ ތެރެއިން 69 ޕަސެންޓް މީހުން އިންފްލުއެންޒާ "އޭ" އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. ހުމާ ގުޅިގެން މިދިޔަ ހަފުތާގައި އެކަނިވެސް 6000 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ސަމާލުކަންދޭންވީ ކަންކަން:

- އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި ކިނބިހި އަޅާއިރު ރުމާ/ޓިޝޫ އިން އަނގަމަތި ނިވާކުރުން.

- އާއްމު ސާފުތާހިރު ކަމަށް އިސްކަން ދިނުން.

- ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން.

- ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ވީހާ ވެސް ގިނައިން ދިޔާތަކެތި ބޭނުން ކުރުން.

- ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން.

- މަދިރިން ރައްކާތެރިވުން.