Roadha Mihaaru
ބައެއް ޓެސްޓްތައް މާދަމާ ހަދަން ފަށާނެ: އައިޖީއެމްއެޗް

ބައެއް ޓެސްޓްތައް މާދަމާ ހަދަން ފަށާނެ: އައިޖީއެމްއެޗް

09 ނޮވެމްބަރ 2021

ލޭގެ ޓެސްޓުތައް ހަދަން ބޭނުންކުރާ މެޝިންތަކަށް ދިމާވި މައްސަލަ އެއްކޮށް ހައްލު ނުވި ނަމަވެސް، މާދަމާއިން ފެށިގެން ވަކި އަދަދަކަށް ލިމިޓްކޮށްގެން އެޕޮއިންޓަމަންޓް ދޫކުރަން އައިޖީއެމްއެޗުން ނިންމައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ލޭގެ ޓެސްޓުތައް ހަދަން ބޭނުންކުރާ މެޝިންތަކަށް ދިމާވި މައްސަލަ އެއްކޮށް ހައްލު ނުވި ނަމަވެސް، މާދަމާއިން ފެށިގެން ވަކި އަދަދަކަށް ލިމިޓްކޮށްގެން އެޕޮއިންޓަމަންޓް ދޫކުރަން އައިޖީއެމްއެޗުން ނިންމައިފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ލެބޯޓަރީގައި ލޭގެ ޓެސްޓު ހައްދަން ބޭނުންކުރާ މެޝިންތަކަށް "ކުރިން ލަފާކޮށްފައި ނުވާ ޓެކްނިކަލް މައްސަލައެއް" ދިމާވެގެން އެ ޓެސްޓުތައް ހެދުން އައިޖީއެމްއެޗުން މެދުކަނޑައިލީ އިއްޔެ އެވެ. އެނގިފައިވާ ގޮތުގައި މެޝިންތަކުގައި މައްސަލަ ޖެހުނީ އެތަނުގެ ކޫލިން ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.

އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ލޭގެ ޓެސްޓު ހަދަން ބޭނުންކުރާ އެލިނިޓީ ސީއެލްގެ މެޝިންތަކަށް ދިމާވި މައްސަލަ ހައްލު ކުރުމަށްޓަކައި އެ ހޮސްޕިޓަލުގެ ޓެކްނިކަލް ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެކަމަކު އެ މައްސަލަ އަދި މުޅިން ހައްލު ނުވާތީ މާދަމާ ހެނދުނު 8 އިން ފެށިގެން އައުޓްޕޭޝަންޓް ލޭގެ ޓެސްޓުތައް ހެދުމަށް ލިމިޓުކޮށްގެން 300 ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

"... އަދި މި މައްސަލަ މުޅިން ހައްލުވެ، މެޝިންތަކުގެ ފުލް ކެޕޭސިޓިގައި ބޭނުންކުރެވެން ފެށުމުން، ކުރިއެކޭ އެއްފަދައިން އައުޓްޕޭޝަންޓް ލޭގެ ޓެސްޓުތައް ހެދުމަށް ނަންބަރު ނަންގަވާ ހުރިހާ ބޭފުޅުންނަށް ހިދުމަތްދޭން ފަށާނެ ވާހަކަ ދަންނަވަން،" އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައި ވެ އެވެ.

އެ ޓެސްޓުތައް "ވިނަވި" ހިދުމަތް ފޯރުކޮށްދޭ އެހެން ކޮންމެ ލެބޯޓްރީއަކުން ވެސް ހެދޭނެ ކަމަށް އައިޖީއެޗުން ބުނެ އެވެ.

އެކި ޓެސްޓްތައް ހަދަން އައިޖީއެމްއެޗްގެ ލެބަށް ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ ގިނަ މީހުން ދެ އެވެ. އަދި ލެބް ނުހުންނަ ހެލްތު ސެންޓަރުތަކުން ވެސް ޓެސްޓުތައް ހަދަން ފޮނުވަނީ އައިޖީއެމްއެޗަށެވެ.

އެނގިފައިވާ ގޮތުގައި، ލޭގެ ޓެސްޓު ހެދުން ހުއްޓާލަން ޖެހުނީ އެ ޓެސްޓު ހަދަން ބޭނުންކުރާ އެލިނިޓީ ސީއެލް މެޝިންތައް އަމިއްލަ އަށް ނިވޭތީ އެވެ. އެ މައްސަލަ އިތުރަށް ބެލުމުން އެނގުނީ އެ މެޝިންތައް އަމިއްލަ އަށް ނިވެނީ ކޫލިން ސިސްޓަމްތައް ވެސް ހަލާކުވެގެން ނުޖައްސާ ހުންނާތީ ހޫނު ބޮޑުވެގެންނެވެ.