Roadha Mihaaru

ރުކެއް ކަނޑަން އުޅުމުގެ ތެރޭގައި މޭކަށިގަނޑު ބިނދި ބޮޑު އަނިޔާއެއް

ގދ. ފިޔޯރީގައި ރުކެއް ކަނޑަން އުޅުނު މީހަކަށް ބޮޑު އަނިޔާއެއްވެ، އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

ރުކެއް ކަނޑަން އުޅުމުގެ ތެރޭގައި ބޮޑު އަނިޔާއެއް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

07 އޯގަސްޓް 2025

ގދ. ފިޔޯރީގައި ރުކެއް ކަނޑަން އުޅުނު މީހަކަށް ބޮޑު އަނިޔާއެއްވެ، އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

އިއްޔެ ހަވީރު ހިނގި އެ ހާދިސާގައި އަނިޔާވީ އެ ރަށު ގަސްކަރަ، އަނީދު ސައީދު (އަނީ) 38، އަށެވެ.

ފިޔޯރީ ކައުންސިލްގެ އޮފޝަލަކު "މިހާރު" އަށް ވިދާޅުވީ އަނީދަށް އަނިޔާވީ، ރުއް ކަނޑަން އެއްސި ވާ އަނީދުގެ ފައިގައި އޮޅި، އޭނާ ދުރަށް ވިއްސައިގެން ގޮސް ކަމަށެވެ. މޭކަށިގަނޑު ބިނދި، އިތުރު އަނިޔާތަކެއް އޭނާއަށް ވަނީ ލިބިފަ އެވެ.

އަނީދު ފުރަތަމަ ގެންދިޔައީ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ.

"ރުއް ކަނޑައި، ވަކި ދިމާއަކަށް ވައްޓާލަން މަތީގަ ވަލެއް އައްސާފައި ހުރީ. ރުކުގައި އައްސާފައި ހުރި ވަލުގައި އެއްބަޔަކު ހިފަހައްޓައިގެން ތިބިއިރު އަނީދު ހުރީ އޭގެ އެންމެ ފަހަތުގައި. އޭނަ ފައިގައި ވާ އޮޅިފައި އިންކަން ނޭނގި، ރުއް ވެއްޓުނު ގަޑީގަ އޭނަ ވިއްސައިގެން ދިޔައީ،" އޮފިޝަލް ވިދާޅުވި އެވެ.

ރުއް. ކަނޑަން އުޅުމުގެ ތެރޭގައި މީގެ ކުރިން ވެސް އެކި ކަހަލަ ނުރައްކާތެރި ހާދިސާތައް ހިނގައި މީހުންނަށް އަނިޔާވެފައިވެ އެވެ.