Roadha Mihaaru

އެފްއައިޔޫގެ ވެރިޔާގެ މަގާމުން އަޝްރަފް ވަކިކޮށް، ސާޖިދު އައްޔަންކޮށްފި

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް އެ މަގާމުން ވަކިކޮށް، އެ މަގާމަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފި އެވެ.

އެފްއައިޔޫގެ ހެޑްގެ މަގާމުން އަޝްރަފް ވަކިކޮށް، ސާޖިދު
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

03 އޯގަސްޓް 2025

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް އެ މަގާމުން ވަކިކޮށް، އެ މަގާމަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފި އެވެ.

އެމްއެމްއޭއިން ބުނީ އެފްއައިޔޫގެ ވެރިޔާ އަޝްރަފު އެ މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރީ ހިންގުން ހަރުދަނާ ކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ކަމަށެވެ. އަދި މާދަމާއިން ފެށިގެން އެފްއައިޔޫގެ ހެޑްގެ މަޤާމަށް އިސްމާއިލް ސާޖިދު ވަނީ އައްޔަންކޮށްފަ އެވެ.

އަޝްރަފް ބަދަލުކުރީ ރިސްކް އެންޑް ކޮމްޕަޔަލަންސް ޑިޕާޓްމެންޓްގެ ވެރިޔާގެ މަގާމަށެވެ. އަދި އެފްއައިޔޫގެ ވެރިއަކަށް އައްޔަންކުރި ސާޖިދަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އެމްއެމްއޭގައި އޮންނަ ޔުނިޓެކެވެ. އެތަނުގެ އިސްވެރިއަކަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަނީ އެމްއެމްއޭގެ ގަވަނަރުނަރަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަޝްރަފްގެ މަގާމު ބަދަލުކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް ކުންފުންޏާ ގުޅޭ މާލީ މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫ އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ވަނީ ސޯޝަލް މީޑިއާގައި އިއްޔެ އާންމުވެފައިވެ އެވެ.

މީގެ ކުރިން ވެސް 2018 ގައި އެފްއައިޔޫގެ ހެޑްގެ މަގާމުން އަޝްރަފު ވަކިކޮށްފައިވެ އެވެ. އޭރު އޭނާ ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅޭ ޝައްކު ކުރެވޭ މުއާމަލާތެއް ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައި ވަނިކޮށެވެ. ނަމަވެސް ފެބްރުއަރީ 2023 ގައި އޭނާ އަލުން މަގާމަށް ރުޖޫއަކޮށްފައިވެ އެވެ.