Roadha Mihaaru

ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ޔޫކޭގެ 220 އެމްޕީއަކު ބޮޑުވަޒީރުގެ ކިބައިން އެދެފި

ފަލަސްތީނުގެ ދައުލަތެއް ރަސްމީކޮށް ބަލައިގަތުމަށް، އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ 220 އަށް ވުރެ ގިނަ މެމްބަރުން ހުކުރު ދުވަހު އިނގިރޭސި ވިލާތުގެ ސަރުކާރަށް ގޮވާލައިފި އެވެ.

ފަލަސްތީނު ދައުލަތަށް ޔޫކޭގެ 220 އެމްޕީއެއްގެ ތާއީދު

ފަލަސްތީނުގެ ދައުލަތެއް ރަސްމީކޮށް ބަލައިގަތުމަށް، އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ 220 އަށް ވުރެ ގިނަ މެމްބަރުން ހުކުރު ދުވަހު އިނގިރޭސި ވިލާތުގެ ސަރުކާރަށް ގޮވާލައިފި އެވެ.

މި މެންބަރުންގެ ތެރޭގައި ބޮޑުވަޒީރު ކިއާ ސްޓާމާގެ ސަރުކާރުގެ މެންބަރުން ވެސް ހިމެނޭއިރު ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ސްޓާމާއަށް ކުރިމަތިވަމުންދާ ޕްރެޝަރު އިތުރަށް ވަނީ ބޮޑުވެފަ އެވެ.

އިނގިރޭސިވިލާތުގެ ނުވަ ސިޔާސީ ޕާޓީއެއްގެ މަންދޫބުން ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގައި މިގޮތަށް އެދިފައި މިވަނީ ސެޕްޓެމްބަރު މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގައި ފްރާންސުން ފަލަސްތީނުގެ ދައުލަތެއް ރަސްމީކޮށް ބަލައިގަންނާނެ ކަމަށް އެ ގައުމުގެ ރައީސް އިމަނުއެލް މެކްރޮން އިއުލާންކުރައްވާފައި ވަނިކޮށެވެ.

ފްރާންސަކީ ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނަ ޖީ-7 ގެ ފުރަތަމަ ގައުމަށް ވާއިރު އެއީ ޔޫރަޕްގެ އެންމެ ނުފޫޒުގަދަ އެއް ގައުމެވެ.

ފްރާންސްގެ ނިންމުމަށް އިޒްރޭލާއި އެމެރިކާއިން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމާ މެދު ސްޓާމާއަށް އެތެރެ އާއި ބޭރުން ޕްރެޝަރު އިތުރުވަމުން މި ދަނީ ޣައްޒާއަށް މިހާރު ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ސަބަބުން އިޒްރޭލާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ވެސް ގިނަވެފައި ވަނިކޮށެވެ.

"އަންނަ ހަފުތާގައި ބާއްވާ ކޮންފަރެންސްގައި ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަތުމަށް އިލްތިމާސް ކުރަން،" އިނގިރޭސިވިލާތުގެ 221 މެމްބަރަކު ސޮއިކުރައްވައި ނެރުއްވި ސިޓީގައިވެ އެވެ.

ސިޓީގައި އިޝާރާތްކޮށްފައިވަނީ މި މަހުގެ 28-29 އަށް ނިއު ޔޯކްގައި ފްރާންސާއި ސައުދީ އަރަބިއްޔާ ގުޅިގެން ބާއްވާ އދ.ގެ ކޮންފަރެންސަށް އިޝާރާތް ކުރައްވަމުންނެވެ.

"މިނިވަން އަދި މުސްތަގިއްލި ފަލަސްތީނެއް އުފެއްދުމަކީ ހަމައެކަނި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު އިނގިރޭސިވިލާތުން ފަލަސްތީނު ބަލައިގަތުން ވާނީ މުޅި މައްސަލައަށް ކުރާނެ ބޮޑު އަސަރަަކަށެވެ. ސިޓީގައި ބުނެފައިވެ އެވެ.

އޭއެފްޕީގެ ހިސާބުތައް ދައްކާ ގޮތުން ފްރާންސާ އެކު މިހާރު 142 ގައުމަކުން ދައުލަތެއްގެ ދަރަޖާގައި މިހާރު ފަލަސްތީނު ބަލައިގަނެ އެވެ.

އެމެރިކާ އާއި އިޒްރޭލުން ބުނީ ފްރާންސުން ފަލަސްތީނު ބަލައިގަތުމަކީ އެއްވެސް ބުރަދަނެއް ނެތް ބޭކާރު ނިންމުމެއް ކަމަށެވެ.