Roadha Mihaaru

ނ. އަތޮޅުގެ 13 ރަށަކަށް ރައީސް ފުރާވަޑައިގެންފި

ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.

ނ. އަތޮޅުގެ 13 ރަށަކަށް ރައީސް ފުރާވަޑައިގެންފި

ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.

މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ހެނބަދު އާއި ހޮޅުދު އާއި ޅޮއްސާއި ކުޑަފަރި އާއި ކެނދިކުޅުދު އާއި ވެލިދު އާއި މަނަދު އާއި މަގޫދު އާއި މާޅެންދު އާއި މާފަރާއި މިލަދު އާއި ފޮއްދޫ އަދި ލަންދު އަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

‎"ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތް ކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި ވެސް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

‎މި ދަތުރުފުޅުގައި، އެކި ރަށްރަށުގައި ތަރައްގީ އަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ރައީސް ފައްޓަވައި ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްތައް ފެށުމާއި ޕޮލިސް ޕޯސްޓް ގާއިމު ކުރުމުގެ މަސައްކަތް ފެށުން ހިމެނޭ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ރަށްރަށުގެ ސްކޫލްތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ރާވައިގެން ކުރަން ނިންމާފައިވާ ބައެއް މަސައްކަތްތައް ރައީސްގެ ދަތުރުފުޅުގައި ފައްޓަވައި ދެއްވާނެ ކަމަށް ބުންޏެވެ.

"ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރީގައި ރަށްރަށަށް ކުރައްވާ މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ބުންޏެވެ.