Roadha Mihaaru

ޗާގޯސް ހޯދަން ނޫޅޭ ކަމަށް ސަފީރު ވިދާޅުވިއޭ ބުނަނީ އޮޅުވާލަން: ހަލީލް

ރާއްޖެއިން ޗާގޯސް ހޯދަން ނޫޅޭ ކަމަށް، ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަ ސަފީރު ގީލާ އަލީ ވިދާޅުވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތް އޮޅުވާލަން ފަތުރާ ވާހަކަތަކެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ޗާގޯސް ހޯދަން ނޫޅެޔޭ ކިޔަނީ އޮޅުވާލަން: ހަލީލް
އިފްރާޒް އަލީ
އިފްރާޒް އަލީ

16 ޖުލައި 2025

ރާއްޖެއިން ޗާގޯސް ހޯދަން ނޫޅޭ ކަމަށް، ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަ ސަފީރު ގީލާ އަލީ ވިދާޅުވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތް އޮޅުވާލަން ފަތުރާ ވާހަކަތަކެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

މި ޚަބަރު ފެތުރި މީޑިއާތައް ކުށްވެރިކުރައްވައި، ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށާއި އެތަން ހޯދަން ވެސް ރާއްޖެއިން ނޫޅޭ ކަމަށް ސަފީރު ގީލާ ޔޫރަޕިއަން ޕާލިމަންޓުގައި ވިދާޅުވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ސަފީރުގެ ވާހަކަ ރިޕޯޓްކޮށްފައި އޮތީ ހަގީގަތް އޮޅުވާލައިގެން ކަމަށެވެ.

ހަލީލް ވިދާޅުވީ ޔޫރަޕިއަން ޕާލިމެންޓުގައި ސަފީރު ހާމަކުރައްވާފައި ވަނީ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވަހީގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާ މެދުގައި ދެކޭގޮތް ކަމަށެވެ. ހަލީލް ވިދާޅުވި ގޮތުގައި ސަފީރު ފާހަގަކުރެއްވީ ފޯޅަވައްސަކީ އެމެރިކާގެ އަސްކަރީ ބޭސްއެއް މާ ކުރިންސުރެ ގާއިމްކޮށްފައި ހުރި ތަނެއްކަމާއި ރާއްޖެ އާއި އެމެރިކާއާ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމެވެ.

"ހަގީގަތަކީ، ކަނޑައެޅިފައިވާ ނިޒާމުތަކާ ހިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއް ނެތި، ފޯޅަވަހީގެ ހައްގުތައް ދޫކޮށްލާފައި ވަނީ 2022 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގެ ސިއްރު ސިޓީއަކުންނެވެ. މިކަން ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ އެވެ،" ހަލީލް ވިދާޅުވި އެވެ.

މޮރިޝަސް އިން ޗާގޯސް ހޯދަން ކުރި މަސައްކަތުގައި އެމްޑީޕީގެ ސަރުކާރުން ދޫ ދިނުމުގެ ސަބަބުން ޗާގޯސް ރާއްޖެއަށް ނުލިބުނީ ކަމަށް މި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެ އެވެ. މޮރިޝަސް އަށް ޗާގޯސް ލިބުމުން، ރާއްޖެ އާއި ޗާގޯސްއާ ދެމެދު ކަނޑުގެ އިގްތިސާދީ ސަރަހައްދުން ފުށުއަރާ ބައި އިޓްލޮސް އިން ދެ ބަހައި އިން ކަނޑައަޅެމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލީ ކަމަށް ވެސް ތުހުމަތުކުރެ އެވެ. އަދި އެ ބައި ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ނަމަވެސް ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމެރިކާގެ ވެސް ރުހުމާ އެކު ސޮއިކޮށްފިކަން އިނގިރޭސިވިލާތުން އިއުލާންކުރީ މިދިޔަ މެއި މަހު އެވެ. އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ އެކަން އިއުލާނުކުރައްވައި ވިދާޅުވެފައި ވަނީ އެ ގައުމުން އިސްތިއުމާރުކުރި ޗާގޯސް އަނބުރާ މޮރިޝަސްއާ ހަވާލުކުރުމަކީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ މަސްލަހަތު ބޮޑު އަސްކަރީ ބޭސް، ޑިއޭގޯ ގާސިއާ (ފޯޅަވަހި)ގެ ކޮންޓްރޯލް ދެމެހެއްޓެން އޮތް ހަމައެކަނި ގޮތް ކަމަށެވެ.

ބައި ގަރުނަށް ފަހު ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޫކޮށްލީ އެތައް އަހަރެއް ވަންދެން ކުރި މަޝްވަރާތަކަށް ފަހުގަ އެވެ.

އިނގިރޭސިވިލާތުގެ ދަށުގައި ޗާގޯސް އޮތީ މޮރިޝަސް ވެސް ހިމެނޭ ގޮތަށް ހުރިހާ ރަށެއް އިނގިރޭސިން އިސްތިއުމާރުކޮށްގެން ތިބުމަށް ފަހު މޮރިޝަސްއަށް މިނިވަންކަން ދިނުމުން އޭގެ ބަދަލުގައި ޗާގޯސްގެ ރަށްތަކަށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް 1970ގެ އަހަރުތަކުގެ ތެރޭގައި ބަދަލުކުރުމުންނެވެ. އޭގެ ފަހުން ޗާގޯސްގެ ރަށްތަކުން ގަދަކަމުން މީހުން ބޭލުވީ އެވެ. އޭރު އެތަނުގެ އާބާދީއަކީ ގާތްގަނޑަކަށް 2،000 އެވެ.

ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލާގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ގެންގޮސްފަ އެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވާއިރު، އޭގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ.

އެ ނިންމުމުގެ މައްޗަށް ބުރަވެ މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ހުށަހެޅި އެވެ. އެއީ ޗާގޯސްއަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށް އެދި އެވެ. އެ ޓްރައިބިއުނަލް އިން ވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސިވިލާތުގެ ބާރު ނުހިނގާނެ ކަމަށެވެ. އެހެންވެ މޮރިޝަސް އިން ހުށަހެޅި ގޮތަށް ކަނޑުގެ ސަރަހައްދު އިން މިހާރު ވަނީ ވަކިކޮށްފަ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު، 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. މޮރިޝަސްއަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.