އއ. މާޅޮހުގައި ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން ރޭ މަރުވި އަބްދުއްރަހަހުމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން މާލެ ފޮނުވައިލަން ނިންމައިފި އެވެ.
13 ޖުލައި 2025
އއ. މާޅޮހުގައި ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން ރޭ މަރުވި އަބްދުއްރަހަހުމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން މާލެ ފޮނުވައިލަން ނިންމައިފި އެވެ.
މި ރަށު އޯކިޑްމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަހުމާންގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ އޭނާ ނިދާފައި އޮއްވައި ރޭ ދަންވަރު ދޭއް ޖަހަން އުޅެނިކޮށެވެ. ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް ރޭ ފަތިހު އަބްދުއްރަހުމާން ވަނީ މަރުވެފަ އެވެ.
އޭނާގެ ހަށިގަނޑު މި ވަގުތު މި ރަށު ސިއްހީ މަރުކަޒުގައި ބާއްވާފައިވާއިރު އޮޓޮޕްސީ އަށް ހަދަން މާލެ ފުރުވައިލަން ވަނީ ނިންމައިފަ އެވެ. އާއިލާގެ މީހުންނަށާއި ރަށުގެ މީހުންނަށް މޫނު ދެއްކުމަށް ފަހު މިއަދުގެ ހަވީރުގެ ވަގުތެއްގައި އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވައިލާނެ އެވެ.
ނަމަވެސް އާއިލާ އިން ބުނީ އޮޓޮޕްސީ ހަދަން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ތަހުގީގަށް ހުރަސް އަޅަނީކީއެއް ނޫން. އެކަމަކު އެއީ ހަށިގަނޑަށް ދެވޭ އިތުރު ގެއްލުމެއް ކަމަށް ބެލެވޭތީ ބޭނުން ނުވަނީ އެކަން ކުރަން،" އާއިލާ އިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އަބްދުއްރަހުމާނާއި އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމް ދިރިއުޅެނީ އަންހެނުންގެ މާހިޔަ ގޭގަ އެވެ. އެ ދެމަފިރިން ނިދަނީ ދެ ކޮޓަރީގައި ކަމަށް ވާއިރު އަބްދުއްރަހުމާނަށް ހަމަލަ ދިން ކަން ނާޒިމާ ފާހާނައަކަށް އެ ކޮޓަރިއަށް ވަން ވަގުތު އެވެ. އޭރު ފިރިމީހާ ދިޔައީ މަރަށް ތެޅެމުން ކަމަށް ނާޒިމާ ބުންޏެވެ.
"އަބްދުއްރަހުމާން ހަމަ މަރަށް ތެޅުނީ. އަޅުގަނޑު ބަލާލިއިރު މުޅި މީހާގެ މޫނުމަތީގައި އޮތީ ހުސް ލޭ. މީހެއްގެ ހަށިގަނޑުން ލޭ ފައިބާނީ އެ ވަރަށޭ އަޅުގަނޑަށް ބުނެވޭނީ. ކޮޓަރީގެ ފާރަށް ވެސް ބައިވަރު ލޭ ބުރާފައި ހުރި،" އއ. މާޅޮހުގެ ސިއްހީ މަރުކަޒުގައި ފިރިމީހާގެ ހަށިގަނޑު ބާއްވާފައި ވާތީ އެ ތަނުގައި ހުރެ "މިހާރު" އާ ވާހަކަ ދައްކަމުން ނާޒިމާ ކިޔައިދިނެވެ.
ހަމަލަދީފައި ނުކުމެގެން ދިޔަ މީހާގެ ފައިގެ ނިޝާން ވެސް ފެންނަން ހުރި ކަމަށް އޭނާ ބުންޏެވެ.
މިއީ ކުށް މަދު ރަށަކަށް ވާތީ ގިނަ ގޭގެ ތަޅެއް ނުލަ އެވެ. އެގޮތުގެ މަތިން އަބްދުއްރަހުމާންގެ ދެމަފިރިން ވެސް ނިދަނީ ގެ ތަޅުނުލަ އެވެ.
އަބްދުއްރަހުމާންގެ އަންހެނުންގެ ފޯނު ހިފަހައްޓައިފި
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް
ރަށަށް ބަޔަކު އަރައި މަރާލީ ކަމުގެ ޝައްކު ބޮޑުވެއްޖެ!
މާޅޮހުގެ މަރު:ރަށުގެ ހުރަސް މަގު އަތިރިފަޅި ފާސްކުރަނީ
މިރަށުން ކުރާ ޒާތުގެ ކަމެއް ނޫން، ސަބަބެއް ވެސް ނެތް
އަންހެނުންނަށް ފެނުނީ އަބްދުއްރަހްމާން މަރަށް ތެޅެނިކޮށް
އަބްދުއްރަހުމާންގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި
އަބްދުއްރަހުމާން މަރަށް ހަފުތާއެއް، ކުރިއެރުމެއް ނެތް!
މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް
ސީން އަށް ވަން މީހުންގެ ސާމްޕަލް ނަގަން ފަށައިފި