Roadha Mihaaru

"ސުޕަމޭން"އަށް ތަރުހީބު ބޮޑު؛ 56 މިލިއަން ޑޮލަރު ލިބިއްޖެ

ޑީސީ ޔުނިވާސްގެ ސުޕަހީރޯ "ސުޕަމޭން"ގެ އާ ފިލްމަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

"ސުޕަމޭން"އަށް ތަރުހީބު ބޮޑު؛ 56 މިލިއަން ޑޮލަރު

ޑީސީ ޔުނިވާސްގެ ސުޕަހީރޯ "ސުޕަމޭން"ގެ އާ ފިލްމަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ދުނިޔޭގެ ބޮކްސް އޮފީހުގައި "ސުޕަމޭން"އަށް ފުރަތަމަ ދެ ދުވަހު ވަނީ 56.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. އެ ފިލްމު ރިލީޒްކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

ގިނަ ކްރިޓިކުންގެ ފަރާތުން ވެސް އެ ފިލްމަށް ލިބިފައި ވަނީ ޕޮޒިޓިވް ރިވިއުތަކެވެ.

"ސުޕަމޭން"އަކީ މި އަހަރު ނުކުތް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދެ ދުވަހު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އެ ލިސްޓުގެ އެއްވަނައިގައި، 57.11 މިލިއަން ޑޮލަރާއެކު އޮތީ "އަ މައިންކްރާފްޓް މޫވީ" އެވެ. އަދި މިހާރު ތިންވަނައިގައި އޮތީ 55.94 މިލިއަން ޑޮލަރާއެކު، ޑިޒްނީގެ "ލީލޯ އެންޑް ސްޓިޗު" އެވެ.

ޑީސީ ސްޓޫޑިއޯސް ހިންގުމާ މިހާރު ހަވާލުވެ ހުރި ހޮލީވުޑްގެ ޑައިރެކްޓަރު ޖޭމްސް ގަންގެ "ސުޕަމޭން"އަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ. ދުނިޔޭގައި އުޅެ ބޮޑުވި ސުޕަމޭންގެ އުފަން ޕްލެނެޓް، ކްރިޕްޓޯންގެ ސަގާފަތާއި ތަރިކަ އަލުން ހޯދުމަށް ކުރާ ދަތުރުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ވެސް އޭނާ އެވެ.

"ސުޕަމޭން"ގެ މި އާ ފިލްމުގައި ސުޕަމޭންގެ ރޯލު ކުޅުނީ އެމެރިކާގެ އެކްޓަރު ޑޭވިޑް ކޮރެންސްވެޓް އެވެ. އޭނާއެކު މުހިންމު ރޯލުތައް ކުޅެނީ ރޭޗަލް ބްރޯޒެހެން އާއި ނިކޮލަސް ހޮލްޓް އެވެ.

ޖޭމްސް ވަނީ މާވެލްގެ "ގާޑިއަންސް އޮފް ދަ ގެލެކްސީ"ގެ ސީކުއެލް އާއި ޑީސީގެ "ސުއިސައިޑް ސްކޮޑް" ކަހަލަ ފިލްމުތައް ޑައިރެކްޓުކޮށްފަ އެވެ.