Roadha Mihaaru

ދިވެހި އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ދެނީ

ދިވެހި އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ދޭން މޮރޮކޯގެ ސަރުކާރުން ނިންމައި، ދިވެހި ސަރުކާރަށް ރަސްމީކޮށް އެކަން އަންގައިފި އެވެ.

އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު
އިފްރާޒް އަލީ
އިފްރާޒް އަލީ

07 ޖުލައި 2025

ދިވެހި އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ދޭން މޮރޮކޯގެ ސަރުކާރުން ނިންމައި، ދިވެހި ސަރުކާރަށް ރަސްމީކޮށް އެކަން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި މިއަދު ބުނީ، މޮރޮކޯ ސަރުކާރުން އެ ފުރުސަތު ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މޮރޮކޯގެ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށެވެ.

ދިވެހި އިމާމުންނަށް އެ ފުރުސަތު ދޭން ނިންމައި، އެއްބަސްވުން ހެދުމަށް ދިވެހި ސަރުކާރަށް މިހާރު ފޮނުވާފައިވާ ކަމަށާއި ވަރަށް އަވަހަށް އެ އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ކަމަށް ބުންޏެވެ.

އިމާމުންނަށް އަރަބި ބަސް އުނގެނުމުގެ ފުރުސަތު ހަމަޖައްސަނީ މޮރޮކޯ ރަސްގެފާނުގެ ހާއްސަ ބެއްލެވުމުގެ ދަށުން ހިންގަވާ އިންސްޓިޓިއުޓްއަކުން ކަމަށް ވެސް ޝަހީމް ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ އިންސްޓިޓުޓްގައި ކިޔަވާ އިމާމުންނަށް އެކޮމޮޑޭޝަންގެ އިތުރުން ޕޮކެޓްމަނީ ވެސް ދޭނެ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އިމާމުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން އިތުރު ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މިދިޔަ އަހަރު ވެސް 100 އަށް ވުރެ ގިނަ އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީނާއި ތަޖުރިބާގެ ފުރުސަތު ހޯދައިދިނެވެ.