Roadha Mihaaru

އެމްއެމްއޭގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ވިދާޅުވެ އަމީރުގެ ނުރުހުން!

އެމްއެމްއޭގެ މިނިވަންކަން ގެއްލި ފުރިހަމަ އަށް ޒިންމާ އަދާނުކުރެވޭ ކަމަށް ވިދާޅުވެ، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އަމީރުގެ ނުރުހުން އެމްއެމްއޭއަށް!

އެމްއެމްއޭގެ މިނިވަންކަން ގެއްލި ފުރިހަމަ އަށް ޒިންމާ އަދާނުކުރެވޭ ކަމަށް ވިދާޅުވެ، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، މަރުކަޒީ ބޭންކު އެމްއެމްއޭގެ އެންމެ ބޮޑު ޒިންމާއަކީ، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމާއި ތަކެތީގެ އަގުތައް ހިފަހައްޓައި އެކްސްޗޭންޖު ރޭޓު ޕޮސިލީގެ ތެރެއިން އަގު ހިފެހެއްޓުމަށް ފިޔަވަޅުތައް އެޅުން ކަމަށެވެ. އެކަމަކު އެމްއެމްއޭގެ އެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރާ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ރާއްޖޭގެ އާ ގާނޫނުއަސާސީގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އާއި އެމްއެމްއޭގެ ސެންޓްރަލް ބޭންކާ ވަކިވި ފަހުން އެމްއެމްއޭ ސަރުކާރުގެ ނުފޫޒަށް ނުދާވަރަކަށް މިހާރު އޮތް ސެންޓްރަލް ބޭންކް ސަރުކާރުގެ ނުފޫޒަށް ގޮސްފައި އޮތްކަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވަނީ ރަސްމާލެ ހިއްކުމުގެ މަޝްރޫއަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވް ބޭނުން ކުރަން އުޅޭ ކަމުގެ ތުހުމަތުތައް ކުރައްވައިފަ އެވެ. އެ ވާހަކަތައް އިއްޔެ ތިލަވި ނަމަވެސް ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

އަމީރު ވިދާޅުވިގޮތުގައި، ޔޫޒަބަލް ރިޒާވް އެހާ ބޮޑަށް ހީނަރުވެފައި އޮތް އިރު އެކަމަށް ބެލުމެއް ނެތި ސަރުކާރުގެ ޕްރޮޖެކްޓަކަށް އެ ފައިސާ ބޭނުން ކުރުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށް އަމީރު ވިދާޅުވި އެވެ.

"ސަރުކާރުގެ ޕްރޮޖެކްޓެއް ހިންގަން ރާއްޖޭގެ ރަސްމީ ރިޒާވް ބޭނުން ކުރުމަކީ ކުރަން ހެޔޮވާ ވަރު ކަމެއް ނޫން. މިހާރު ވެސް ރާއްޖެއިން އެބަ ފެނޭ އެސްޓީއޯ އިން ރަނގަޅަށް ބޭހެއް ނުގަނެވޭ، މިކަހަލަ ކަންކަން ހުރި އިރު ރާއްޖޭގެ ރިޒާވް މިގޮތަށް ބޭނުން ކުރުމަކީ ވަރަށް ނުރައްކާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އަމީރު ތުހުމަތު ކުރެއްވި ގޮތުގައި، ރަސްމާލެ ޕްރޮޖެކްޓަށް، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް މެދުވެރިކޮށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގަން ވެސް ވަނީ ޕްލޭންކޮށްފަ އެވެ.

އެ ޕްރޮޖެކްޓަށް ބޭނުންވާ ބާކީ ލޯނު ހަމަޖައްސަނީ ރަސްމާލެ ކުންފުނި މެދުވެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރިޒާވުން ދެވޭ މި ފައިސާ ޔަގީނުން ވެސް މިދެވެނީ ރަސްމާލެ ކުންފުންޏަށް. އެމްއެމްއޭގެ ގަަވަރުނަރަށް ވެސް މުވައްޒަފުންނަށްވެސް އެނގޭނެ، އެ ފައިސާ އެ ކުންފުންޏަށް ދީގެން ފަހުން އެ އަދައެއް ނުކުރެވޭނެކަން،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެމްއެމްއޭގެ ޕޮލިސީތައް ދަނީ ސަރުކާރުގެ ނުފޫޒުން ސަރުކާރު ބޭނުންވާ ގޮތަށެވެ. އެހެންވެ، މިނިވަންކަމާ އެކު، ގަވަރުނަރުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ކަމަށް ވިދާޅުވެ ފާޑުކިއުން އަމާޒު ކުރެއްވި އެވެ.