Roadha Mihaaru
އެމްޑީޕީ އަށް ތާއީދެއް ނުކުރާނަން: ޔާމީން

އެމްޑީޕީއެއް ނެތް، ޖަވާބުދާރީ ކުރުވާނީ އަޅުގަނޑުމެން: ޔާމީން

25 ޖޫން 2024

ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް މި ވަގުތު އެންމެ ބޮޑަށް ކުރެވޭނީ ޕީއެންއެފަށް ކަމަށާއި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ އަށް ތާއީދު ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް މި ވަގުތު އެންމެ ބޮޑަށް ކުރެވޭނީ ޕީއެންއެފަށް ކަމަށާއި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ އަށް ތާއީދު ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި، ސަރުކާރު ހިންގާ ޕީއެންސީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ނަތީޖާ އިއުލާންކުރުމާ އެކު، ސިޔާސީ ޕޯޑިއަމާ ދުރުގައި ހުންނެވުމަށް ފަހު، ޕީއެންއެފުން ރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ، އެމްޑީޕީ އަށް ތާއީދު ނުކުރާނެ ކަމަށާއި އެއީ ފަސް އަހަރު ވަންދެން އެ މަނިކުފާނު ހުރަގޭގައި ގެންގުޅުނު މީހުން ކަމަށެވެ.

ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ގެއްލުވައިލީ އެމްޑީޕީން ކަމަށާއި އެހެންކަމުން އެ ޕާޓީ އަށް ތާއިދު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެމްޑީޕީއެއް އެބަ އޮތްތޯ؟ ނެތޭ. އެއީ އެކްސްޕަޔާޑް ފޯސްއެއް. އެ މީހުނެއް ނެތޭ މިއަދަކު، އަޅުގަނޑުމެންނެއް އެެމްޑީޕީ ވެގެނެއް ނޫޅޭނަން،" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ މުޅި ރާއްޖޭގެ އަހުލާގު ހަލާކުކޮށްލި ޕާޓީ އެވެ. ހައްގުތައް ދޭނެ ކަމަށް ބުނެ ވެރިކަމަށް އައިސް ސިފައިންނާއި ފުލުހުން ނެރެ ރައްޔިތުން ހަނާ ކުރީ އެމްޑީޕީން ކަމަށާއި އެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޕީއެންއެފުން ރައްޔިތުންގެ މަޖިލީހަށް އެ މަނިކުފާނުގެ ތާއީދާ އެކު ގިނަ ބަޔަކު ވާދަކުރިއިރު، އެންމެ ކެންޑިޑޭޓަކު ވެސް އިންތިހާބު ނުވުމުން ހިތާމަ ކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެކަމަކު، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ ގޮތަށް ދިމާވީ އެމްޑީޕީގެ ސަރުކާރެކޭ އެއްގޮތަށް، މި ސަރުކާރުން ވެސް އިންތިހާބަށް ނުފޫޒު ފޯރުވަން ގިނަ ކަންތައްތަކެއް ކުރުމުންނެވެ.

މިހާރުގެ ރައްޔިތުންގެ މަޖިލިހުގައި ޕީއެންއެފްގެ ގޮނޑިއެއް ނެތަސް ސަރުކާރު ޖަވާބުދާރީކުރުވަން އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރާ މަސައްކަތުގައި ގަބޫލު ކުރެވޭ ކަމެއް އޮތް ނަމަ އެ ކަމަކަށް ތާއިދު ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. މަޖިލިހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރަން މާބޮޑު ކަމެއް އެމްޑީޕީގެ މެންބަރުންނަށް ނުކުރެވޭނެ ކަމަށާއި އެ އަށް ވުރެ ބޮޑު މަސައްކަތެއް ޕީއެންއެފްގެ އޮފީހުގައި ކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ ވާހަކަފުޅުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ވެސް ރޭ ރައްދު ދެއްވައިފަ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްގައި ހުރި 14.7 ބިލިއަން ރުފިޔާ މި ސަރުކާރުން މިހާތަނަށް ނަގާފައިވާ ކަމަށާއި އެއީ ހަމަ ފައިސާ ޗާޕް ކުރުން ފަދަ ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވަން އިއްޔެ ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ފައިސާ ޗާޕުނުކޮށް، އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ އިން ތަރައްގީގެ މަސައްކަތްތަކާއި އަދިވެސް މުހިންމު ގިނަ ކަންތައްތައް ކުރަމުން، ބޭރުގެ ދަރަނީގެ ވެސް 2.7 ބިލިއަން ރުފިޔާ އެންމެ ލޯނެއް ވެސް ޑިފޯލްޓް ނުވެ ދައްކާފައިވާނެ ކަމަށެވެ. ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ މި ހަތް މަސް ތެރޭގައި ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެއީ އަމިއްލަ ފަރާތްތަކަށް ހަތަރު ބިލިއަން އަދި ސަރުކާރުގެ ކުންފުނިތަކަށް ދެއްކި ހަތް ބިލިއަން ރުފިޔާގެ ދަރަންޏާ އެކު އެވެ.

އެ ހިސާބުތަކާ މެދު ސުވާލު އުފައްދަވައި ޔާމީން ވިދާޅުވީ މީރާގެ ތަފާސްހިސާބުތައް ދައްކަނީ ދައުލަތަށް 12 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ވަދެފައިވާ ކަން ކަމަށާއި 13.7 ބިލިއަން ސަރުކާރުން ހަރަދުކޮށްފައިވާއިރު، 1.7 ބިލިއަން ރުފިޔާ ހޯދި ގޮތެއް ސާފު ނުވާ ކަމަށެވެ.

"ކިނިހެއްތޯ މިކަން ކޮށްގެން މި އުޅެނީ. މިއީ ފައިސާ ޗާޕް ނުކުރަމޭ ބުނާ ވާހަކައިގެ އަސްލަށް މި އަންނަނީ. އެމްއެމްއޭގެ ހިސާބުތަކުގައި އެޑްވާންސް ޓު ދަ ގަވަރްމެންޓް ކިޔާފައި އޮވޭ ސަރުކާރުން އެދިގެން ދޭ ކުރު މުއްދަތުގެ ލޯނު. މިއީ އެއް މަސް ދުވަހުގެ ތެރޭ އަދާކުރަން ޖެހޭ އެއްޗެއް. މީގެ އެންމެ ވިޔާނުދާ އާދައެއް އުފައްދާފައި އޮތް ބޭފުޅަކީ މިދިޔަ ސަރުކާރު ހިންގެވި އިބްރާހިމް މުހައްމަދު ސޯލިހު،" ޔާމީން ވިދާޅުވި އެވެ.

މިދިޔަ ސަރުކާރު ނިމުނުއިރު، އެޑްވާންސް ޓު ދަ ގަވަރްމެންޓްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ޔާމީން ތުހުމަތު ކުރައްވާ ގޮތުގައި މި ސަރުކާރު މިހާތަނަށް އައިއިރު، އެ އަދަދުން 14.7 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.