Roadha Mihaaru
ގައުމު މި ހާލަތަށް ވައްޓާލީ އެމްޑީޕީން: ޔާމީން

ގައުމު މި ހާލަތަށް ވައްޓާލީ އެމްޑީޕީން، ރައީސް މުއިއްޒެއް ނޫން: ޔާމީން

23 ފެބުރުއަރީ 2024

ރާއްޖެ މި އޮތް ހާލަތަށް ވައްޓާލީ އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި ކަމަށާއި އެ ކަމުގެ ޒިންމާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނަންގަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖެ މި އޮތް ހާލަތަށް ވައްޓާލީ އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި ކަމަށާއި އެ ކަމުގެ ޒިންމާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނަންގަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ވަކިވެވަޑައިގެން އަމިއްލަފުޅަށް އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ސިލްސިލާ ބައްދަލުވުމުގައި އޯޑިއެންސްގައި އިންނަވައިގެން ޔާމީން ވިދާޅުވީ، މިދިޔަ ފަސް އަހަރުގެ ތެރޭގައި ކަން ހިނގި ގޮތުގެ ހަގީގަތް ރައްޔިތުންނަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

މިހާރުގެ އިދިކޮޅު ޕާޓީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޔާމީން ވިދާޅުވީ ގައުމު ހިންގުމާއި ދަރަނި ފިލުވަން ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީން ބުންޏަސް އޭގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީން ކަމަށެވެ.

"މިއަދު އެ ބޭފުޅުން އެބަ ވިދާޅުވޭ ވެރިކަން ހިންގާކަށް ވެސް ނޭނގެއޭ، ފައިސާ މެނޭޖުކުރާކަށް ވެސް ނޭނގެއޭ. ދަރަނި ފިލުވާކަށް ވެސް ވެސް ނޭނގެއޭ. އެކަމަކު ދަރަނި އުފެއްދީ ކޮން ބައެއް ކަން ގަބޫލުކުރާކަށް ވެސް ބޭނުމެއް ނުވޭ. ދައުލަތުގެ މުއައްސަސާތައް މިނިވަން ނޫން ކަމަށް ވެސް އެބަ ވިދާޅުވޭ. ދައުލަތުގެ މުއައްސަސާތައް މިނިވަން ނުކޮށް މުށުތެރޭގައި ގެންގުޅުނީ ކޮން ބައެއް ކަން އެނގޭ،" ޔާމީން ވިދާޅުވި އެވެ.

"ރާއްޖެ މިއަދު މި ހާލަތުގައި މިއޮތީ ޑރ. މުއިއްޒު މި ހާލަތަށް ރާއްޖެ ވައްޓާލައިގެންނެއް ނޫން، އޭގެ ހަގީގަތެއް ވެސް އެނގޭނެ. ފަސް އަހަރުގެ ވެރިކަމެއް ދިޔައިރު ރާއްޖެ މިހާލަތަށް ގެނެސްފައި މިއޮތީ އެމްޑީޕީ ވެރިކަމެއްގައި ތިބެގެން،" ޔާމީން

އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބެ ރާއްޖޭގައި ދިވެހިންގެ ސިޔާދަތީ ބާރު ނުހިނގައިގެން އުޅެނީ ކޮން ބައެއްގެ ސަބަބުން ކަން ވެސް ރައްޔިތުންނަށް އެނގޭ ކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ވެސް އެމްޑީޕީން ކަމަށެވެ.

ޗާގޯސްގެ މައްސަލައިގައި އެމްޑީޕީގެ ސަރުކާރުން އަމަލުކުރި ގޮތަށް ފާޑުވިދާޅުވެ، ޔާމީން ވިދާޅުވި ގޮތުގައި، ކިތަންމެ އާދައިގެ ކަމެއް ވިޔަސް ޖަވާބުދާރީވާން ރައްޔިތުން އެދުމުން، ގައުމީ ސަލާމަތުގެ ބޮޑު ބަހަނާ ދައްކާފައި ކަންކަން ފޮރުވަން މަސައްކަތް ކުރީ ވެސް އެމްޑީޕީންނެވެ.

އަދި ގައުމު މިއަދު އޮތް ހާލަތަށް ވެއްޓުނީ އެ ހުރިހާ ކަމެއްގެ ސަބަބުން ކަމަށް ޔާމީން ސިފަކުރެއްވި އެވެ.

"ރާއްޖެ މިއަދު މި ހާލަތުގައި މި އޮތީ ޑރ. މުއިއްޒު މި ހާލަތަށް ރާއްޖެ ވައްޓާލައިގެންނެއް ނޫން، އޭގެ ހަގީގަތެއް ވެސް އެނގޭނެ. ފަސް އަހަރުގެ ވެރިކަމެއް ދިޔައިރު ރާއްޖެ މި ހާލަތަށް ގެނެސްފައި މި އޮތީ އެމްޑީޕީ ވެރިކަމެއްގައި ތިބެގެން،" މިހާރު ގޭބަންދުގައި ހުންނެވި ޔާމީން ވިދާޅުވި އެވެ.

ޖަލުގައި ހުންނެވުމަށްފަހު ޔާމީން ގެއަށް ވަޑައިގެންނެވި ދުވަހުގެ އަރިހުގައި ރައީސް މުއިއްޒު: ދެ ބޭފުޅުންގެ މެދުގައި މައްސަލަ ޖެހި ޔާމީން މިހާރު ގެންދަވަނީ އަމިއްލަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން - ފޮޓޯ: ނިޝާން އަލީ | މިހާރު

ޖަލުގައި ހުންނެވުމަށްފަހު ޔާމީން ގެއަށް ވަޑައިގެންނެވި ދުވަހުގެ އަރިހުގައި ރައީސް މުއިއްޒު: ދެ ބޭފުޅުންގެ މެދުގައި މައްސަލަ ޖެހި ޔާމީން މިހާރު ގެންދަވަނީ އަމިއްލަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން - ފޮޓޯ: ނިޝާން އަލީ | މިހާރު

ޔާމީން ވިދާޅުވީ، ސަރުކާރެއް ޖަވާބުދާރީ ކުރުވަންޖެހޭ މަޖިލީހަކަށް އެފަދަ ހުތުރު ނަމޫނާތައް ދައްކަވާފައި ތިބި މެންބަރުން ހޮވަން ނުޖެހޭ ކަމަށެވެ. އަދި، މަޖިލީހަށް ސަރުކާރު މެންބަރުން ހޮވައިގެން ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، މަޖިލީހަށް ހޮވަންޖެހޭނީ ސަރުކާރާ ދެކޮޅުވެރިވެގެން ރައްޔިތުންގެ ކަންކަމަށް ހުރަސްނާޅައި، ސަރުކާރު ޖަވާބުދާރީ ވެސް ކުރެވޭނެ މެންބަރުން ކަމަށެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއްގައި ޔާމީން ވަނީ ރައީސް މުއިއްޒު އިންތިހާބުވުމާ އެކު، ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އެކަމަކު، މިހާތަނަށް ވެސް ޔާމީން ޖަލުން މިނިވަން ނުކުރެވޭތީ ރައީސާއި މުއިއްޒުގެ ދެމެދުގައި ވަނީ ގުޅުން ގޯސްވެފަ އެވެ. ރައީސް މުއިއްޒު ވިދާޅުވަނީ، ޔާމީން މިނިވަންކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ ޝަރުއީ ނިޒާމުގެ ތެރެއިން ކަމަށާއި އެ ކަމަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށެވެ.