Roadha Mihaaru
ޔާމީންގެ މައްސަލައިގެ ތެރެއަށް އަތްނުބާނާނަން: ރައީސް

ޔާމީން މައްސަލައިގެ ތެރެއަށް އަތްބާނައި ނުފޫޒު ފޯރުވަން އަޅުގަނޑަށް މަޖުބޫރު ނުކުރުވާ: ރައީސް

16 އޯގަސްޓް 2023

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގެ ތެރެއަށް އަތްބާނައި ނުފޫޒު ނުފޯރުވޭނެ ކަމަށާއި ޝަރުއީ ހުރިހާ މަރުހަލާއެއް ނުނިމެނީސް އެމަނިކުފާނަށް ކުރެއްވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދެ ވަނަ ދައުރެއްގެ ކެމްޕޭނަށް އއ. ރަސްދުއަށް ވަޑައިގެން ރައީސް މިގޮތަށް ވިދާޅުވި އިރު، ޔާމީން ޖަލުން ދޫކޮށްލަން އިދިކޮޅު ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް އަރިހުން އެދިވަޑައިގެންފަ އެވެ. އަދި ޕާޓީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ވެސް ގެންދަވަނީ ޔާމީން މިނިވަންކުރަން ގޮވާލައްވަމުންނެވެ.

ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނުގެ ވާދަވެރިން އެންމެ ކަންބޮޑުވާ ކަމަކީ ޔާމީން ޖަލުގައި ހުންނަވަން ޖެހުން ކަމަށެވެ. ނަމަވެސް ޝަރީއަތެއްގެ ތެރޭ އޮތް މައްސަލައެއްގައި ގޮތެއް ނިންމުމުގެ ގާނޫނީ ބާރު ރައީސަށް ލިބިވަޑައިގެންފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުނީމަ ދެން އެ އޮންނަ ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށް ދިނުމުގެ އިހުތިޔާރު އަޅުގަނޑަށް އޮންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ރަސްދޫގައި؛ ޔާމީން މައްސަލާގައި ކަމެއް ކޮށްދެއްވޭނީ ޝަރުއީ މަރުހަލާތައް ނިމުމުން ކަމަށް ވިދާޅުވި. -- ރައީސް

ރައީސް ރަސްދޫގައި؛ ޔާމީން މައްސަލާގައި ކަމެއް ކޮށްދެއްވޭނީ ޝަރުއީ މަރުހަލާތައް ނިމުމުން ކަމަށް ވިދާޅުވި. -- ރައީސް

އެހެންވެ އެކަމުގެ ތެރެއަށް އަތް ބާނައި ނުފޫޒު ފޯރުވަން އެމަނިކުފާނަށް މަޖުބޫރު ނުކުރަން އެދިވަޑައިގަންނަވާ ކަމަށާއި އެކަމެއް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ ތެރެއަށް އަތް ބާނާ ނުފޫޒު ފޯރުވަން އަޅުގަނޑަށް މަޖުބޫރު ނުކުރުވާ. އެކަމެއް އަޅުގަނޑު ނުކުރާނަން. -- ރައީސް

ޔާމީންގެ މައްސަލައެއް މީގެ ކުރިން ވެސް ކޯޓުތަކުގައި ހިނގި ކަމަށާއި އޭރު ސުޕްރީމް ކޯޓުހާ ރަނގަޅު ތަނެއް އިދިކޮޅު ފަރާތްތަކަށް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދު އަލުން އެ ކޯޓު ގޯސްވެފައިވާ އިރު އޭރު ވެސް އެކަމުގައި އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅު ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން އަބަދުވެސް ދައްކަމުންދަނީ ކޮންމެވެސް މީހަކު ޖަލަށް ލާ ވާހަކަ އެވެ. ނަމަވެސް އެމަނިކުފާނުގެ އެ ވިސްނުމެއް ނެތް ކަމަށާއި ވަޑައިގަންނަވަނީ ރަށްރަށް ތަރައްގީ ކުރައްވަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެ ދަތުރުގައި [ކުރީ ސަރުކާރުގައި] ލިބުނު އަނިޔާތަކާއި ތަންމަލު ކުރަން ޖެހުނު ވޭނާއި ކަންކަން އަދި ހަނދާނަކުން ފިލައިގެން ނުދޭ. އެކަމާ ވިސްނަވާތި،" ރައީސް ވިދާޅުވި އެވެ.