Roadha Mihaaru

ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާ ވަގުތުން ފަށަން ތައްޔާރު: ހަމާސް

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މިހާރު އޮތް ހުށަހެޅުމާ މެދު މަޝްވަރާތައް ވަގުތުން ފަށަން ތައްޔާރު ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.

ހަމަލާ ހުއްޓުމުގެ މަޝްވަރާ ވަގުތުން ފަށަން ތައްޔާރު

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މިހާރު އޮތް ހުށަހެޅުމާ މެދު މަޝްވަރާތައް ވަގުތުން ފަށަން ތައްޔާރު ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.

ހުކުރު ދުވަހު ވެސް ޣައްޒާގައި އިޒްރޭލުން 50 މީހަކު ޝަހީދުކޮށްލާފައި ވަނިކޮށް ހަމާސް އިން މިކަން އިއުލާނުކޮށްފައި މި ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ފެށޭ ހަފްތާގައި އެމެރިކާއަށް ދާން ހަމަޖެހިފައި ވަނިކޮށެވެ. މި ދަތުރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޣައްޒާގެ 21 މަސް ދުވަސްވީ ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ނަތަންޔާހޫއަށް ވެސް ބާރު އަޅާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

"މިކަން ކުރާނެ ގޮތަކާ މެދު ސިލްސިލާ މަޝްވަރާތަކެއް ވަގުތުން، ސީރިއަސްކަމާ އެކު ފަށަން މި ހަރަކާތް އޮތީ ތައްޔާރަށް" ކަމަށް ހަމާސް އިން ބުންޏެވެ. އަދި އެމެރިކާގެ ތާއީދު އޮތް ހުށަހެޅުން ސުލްހައިގެ މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ގައުމުތަކުގެ ފަރާތުން މިހާރު ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

ހަމާސްއާ އެކު ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އިސްލާމިކް ޖިހާދުން ވެސް ބުނީ މަޝްވަރާތަކަށް ތާއީދުކުރާ ކަމަށާއި އެކަމަކު ރަހީނުކޮށްފައިވާ އިޒްރޭލު މީހުން ދޫކޮށްލުމާ އެކު އިޒްރޭލުގެ އަނިޔާވެރިކަން އަލުން ނުފަށާނެ ކަމުގެ ޔަގީންކަން ބޭނުންވާ ކަމަށެވެ.

އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސް އިން ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލި އިރު އެތައް ބަޔަކު ރަހީނު ވެސް ކުރި އެވެ. ހަމާސް އާއި ފަލަސްތީނުގެ އިސްލާމިކް ޖިހާދާއި އެހެން ބައެއް ޖަމާއަތްތައް ގުޅިގެން ދިން ހަމަލާގައި ރަހީނުކުރި އެކި މީހުން އެކި ޖަމާއަތްތަކުގެ ބެލުމުގެ ދަށުގައި ވާއިރު މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ހަމަލާތައް މެދުކަނޑާލަންވީ އެއްބަސްވުންތަކުގެ ދަށުން ގިނަ އަދަދެއްގެ ރަހީނުން މިނިވަންކޮށްފަ އެވެ. ގަތަރާއި މިސްރުން މެދުވެރިންގެ ގޮތުގައި މަސައްކަތްކޮށްގެން ހަމަލާތައް ހުއްޓުމަކަށް ގެނައި ދެ ފަހަރު ވެސް އިޒްރޭލާއި ހަމާސް އިން ވެސް އަސީރުން މިނިވަންކުރި އެވެ. އެކަމަކު އޭގެ ފަހުން އަލުން ހަމަލާތައް ފެށީ އެވެ.

ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން އަދިވެސް އެތައް ބަޔަކު ވީތަނެއް ނޭނގޭއިރު އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ރަހީނުންގެ ހާލަތު ވެސް ނޭނގޭ ކަމަށް ބުނެ އިޒްރޭލުގެ އާންމުންގެ ފަރާތުން ނަތަންޔާހޫއަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. މި ފިއްތުންތަކާ ހެދި ނަތަންޔާހޫ އިއްޔެ ބުނީ "ހުރިހާ ރަހީނުން ވެސް އަނބުރާ ގެންނާނަން" ކަމަށެވެ.

ޓްރަމްޕު ވެސް އިއްޔެ ވަނީ "ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ލިބުން އެދޭ" ކަމަށް ވިދާޅުވެފަ އެވެ.

ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ މަޝްވަރާތަކުގެ މައުލޫމާތު އެނގޭ ފަލަސްތީނުގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީން ބުނީ ފަހުގެ ހުށަހެޅުންތަކުގެ ތެރޭގައި 60 ދުވަހުގެ މުއްދަތަށް ހަމަލާތައް ހުއްޓާލައި އެ މުއްދަތުގެ ތެރޭގައި އިޒްރޭލުގެ ރަހީނުންގެ ތެރެއިން ދެބައިކުޅަ އެއްބައި އަދި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ އެތައް ބަޔަކު ވެސް މިނިވަންކުރުން ހިމެނޭ ކަމަށެވެ.

ފަލަސްތީނުގެ ޖަމާއަތްތަކުން އަސީރުކޮށްފައިވާ 251 މީހުންގެ ތެރެއިން 49 މީހުން ޣައްޒާގައި ވެއްޖެ ކަމަށާއި، އޭގެ ތެރެއިން 27 މީހަކު މަރުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެ އެވެ.

ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ޣައްޒާއަށް ހަމަލާދޭތާ 21 މަސް ދުވަސް ވެފައި ވާއިރު މި ފަހުން އަލުން ވަނީ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވާ ގިނަ މީހުންނަކީ އާންމުން ނަމަވެސް މިހާރުވެސް ބުނަމުންދަނީ ހަމަލާތައް އަމާޒުކުރަމުންދަނީ ހަމާސްގެ މެންބަރުން އުޅޭ ތަންތަނަށް ކަމަށެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 57،268 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. -- އޭއެފްޕީ