Roadha Mihaaru

އިޒްރޭލުން އެހީވާ ގޭންގު ލީޑަރު އަމާންދޭން ހަމާސްއިން އަންގައިފި

ފަލަސްތީނުގެ ޣައްޒާގައި، އިޒްރޭލުގެ އެހީއާ އެކު ހަމާސްއާ ދެކޮޅަށް މަސައްކަތްކުރާ ހަތިޔާރު އެޅި ގޭންގުގެ ލީޑަރު އަމާންދީ ހަތިޔާރު ބެހެއްޓުމަށް ހަމާސް އިން އަންގައި އިންޒާރު ދީފި އެވެ.

އިޒްރޭލުން އެހީވާ ގޭންގު ލީޑަރު އަމާންދޭން އަންގައިފި

ފަލަސްތީނުގެ ޣައްޒާގައި، އިޒްރޭލުގެ އެހީއާ އެކު ހަމާސްއާ ދެކޮޅަށް މަސައްކަތްކުރާ ހަތިޔާރު އެޅި ގޭންގުގެ ލީޑަރު އަމާންދީ ހަތިޔާރު ބެހެއްޓުމަށް ހަމާސް އިން އަންގައި އިންޒާރު ދީފި އެވެ.

ހަމާސްއާ ދެކޮޅަށް ގޭންގެއްގެ ގޮތުގައި މަސައްކަތްކުރާ "ޕޮޕިއުލާ ފޯސެސް" ގެ ލީޑަރު ކަމުގައި ބެލެވޭ ޔާސިރު އަބޫ ޝަބާބް، 35، އަމާންދީ، ޝަރީއަތް ހިންގުމަށްޓަކައި ހަވާލުވާން އަންގައި ހަމާސްގެ އަސްކަރީ ކޯޓުން ވަނީ މިއަދު އަމުރެއް ނެރެފަ އެވެ.

ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޖަމާއަތް ހަރަކާތްތެރިވަނީ ދެކުނުގެ ރަފަހްގެ އިރުމަތީ ސަރަހައްދުގަ އެވެ. އެއީ އިޒްރޭލު ސިފައިންގެ ބާރުގެ ދަށުގައި އޮންނަ އަދި ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން އޮޕަރޭޝަންތައް ހިންގާ ހިސާބެކެވެ.

ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ ޔާސިރު އަބޫ ޝަބާބް 10 ދުވަސް ތެރޭ ހަވާލުވާން އަންގާފައިވަނީ ޣައްދާރުވުމާއި ދުޝްމަނުންނާ ގުޅިގެން މަސައްކަތްކުރުމާއި ހަތިޔާރު އެޅި ގޭންގެއް އުފެއްދުމާއި ހަތިޔާރު ބޭނުންކޮށްގެން ބަޣާވާތްކުރަން އުޅުމުގެ ދައުވާތަކާ ގުޅިގެން ކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިދިޔަ މަހު ވަނީ މި ގޭންގަށް އިޒްރޭލުގެ އަސްކަރިއްޔާއިން އެހީވާ ކަމަށް އެއްބަސްވެފަ އެވެ.

ޔޫރަޕިއަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް ތިންކް ޓޭންކުން ބުނެފައިވަނީ އަބޫ ޝަބާބަކީ ޣައްޒާއަށް ގެންދާ އެހީގެ ތަކެތި ވަގަށް ނެގުމުގެ ޖަރީމާތައް ހިންގާ ގޭންގެއްގެ ލީޑަރު ކަމަށް ބެލެވޭ ހެކިތައް ގިނަ ކަމަށެވެ. އެކަމަކު އެހީގެ ސާމާނު ވަގަށް ނެގުމުގެ ތުހުމަތު އިޒްރޭލުން ކުރަނީ ހަމާސް އަށެވެ.

ތެލް އަވީވްގައި ހުންނަ މޮޝޭ ދަޔާން ސެންޓަރުގެ ފަލަސްތީނުގެ މައްސަލަތަކުގެ ސްޕެޝަލިސްޓެއް ކަމަށްވާ މައިކަލް މިލްޝްޓެއިން އޭއެފްޕީއަށް ވިދާޅުވީ އަބޫ ޝަބާބު އާއިލާއަކީ މިސްރުގެ ސައިނާއީ ޕެނިންސިއުލާ އާއި ޣައްޒާ ވަކިކުރާ ބޯޑަރު ހުރަސްކޮށް ފެތުރިފައިވާ ބަދަވީ ގަބީލާއަކާ ގުޅިފައިވާ ބައެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ މަސްތުވާތަކެތީގެ ވިޔަފާރި އާއި އެފަދަ ހުރިހާ ކުށުގެ އަމަލުތަކެއް ހިންގަމުންދާ ބައެކެވެ.

މިލްޝްޓެއިން ވިދާޅުވީ އަބޫ ޝަބާބަކީ ޣައްޒާގެ ޖަލެއްގައި ދުވަސްތަކެއް ހޭދަކޮށްފައިވާ މީހެއް ކަމަށާއި ދާދި ފަހުން އޭނާގެ ގަބީލާގެ ލީޑަރުން ވަނީ އެއީ އިޒްރޭލާ ގުޅިގެން އުޅޭ ގޭންގްސްޓާރެއްގެ ގޮތުގައި ކަނޑައަޅައި އޭނާއާ ގުޅުން ކަނޑާލާފައި ކަމަށެވެ.