21 މާޗް 2017
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހެއްގެ ފެނާއި ކަރަންޓަށް 2،000ރ. ގެ ސަބްސިޑީއެއް ދައުލަތުން ހަމަޖައްސައި ދިނުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހެއްގެ ފެނާއި ކަރަންޓަށް 2،000ރ. ގެ ސަބްސިޑީއެއް ދައުލަތުން ހަމަޖައްސައި ދިނުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ހުށަހެޅުއްވި އިސްލާހުގައި ވަނީ، ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހެއްގެ ކަރަންޓް ބިލަށް 1،000ރ. އަދި ފެން ބިލަށް 1،000 ގެ ސަބްސިޑީއެއް ކަނޑައަޅަން ވާނެ ކަމަށެވެ.
މާލީ އިނާޔަތް ދިނުމުގައި އެއް އާއިލާއަކަށް ނިސްބަތްވާ އަދި އެއް ގޭބީސީއެއް ހިއްސާކުރާ، ނުކުޅެދުންތެރިކަން ހުންނަ އެއް ކުއްޖަކަށް ވުރެ އިތުރުވާ ކޮންމެ ކުއްޖަކަށް ކޮންމެ މަހެއްގެ ކަރަންޓު ބިލަށް 500ރ. އަދި ފެން ބިލަށް ވެސް 500ރ. ސަބްސިޑީގެ ގޮތުގައި އިތުރުކޮށް ދިނުމަށް ފައިސަލްގެ އިސްލާހުގައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަރަންޓާއި ފެނުގެ ސަބްސިޑީ ދައުލަތުން ހަމަޖައްސައިދޭން ޖެހެނީ ބިލްގައި ވާ ގޮތުން ވަކި ޝަރުތުތަކެއް ހަމަވާ މީހުންނަށެވެ. އެއީ:
1- މި ގާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ މީހަކަށް ވުން.
2- ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހާގެ ބެލެނިވެރިޔާގެ އާމްދަނީ މަހަކު 25،000ރ. އަށް ވުރެ އިތުރު ނުވުން.
3- ދައުލަތުގެ ހަރަދުގައި ފެނާއި ކަރަންޓު ބިލް ސަބްސިޑައިޒް ކޮށްދޭނެ އުސޫލެއް އެންސްޕާ އިން ކަނޑައަޅައި އާންމު ކުރުން.
މި އިސްލާހާ ގުޅޭ ގޮތުން ފައިސަލް "މިހާރު" އަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ގިނަ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ލިބޭ އާމްދަނީން އޮންނަނީ ދެކޮޅު ނުޖެހިފައި ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ކަރަންޓާއި ފެން ބިލް ދެއްކުމުގައި އުނދަގޫތައް ކުރިމަތިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން އެކަން އެނގިފައި އެބަހުރި،" ފައިސަލް ފައުންޑޭޝަންގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް ހިންގާ އަދި އެ ޖަމިއްޔާ މެދުވެރިކޮށް އިޖުތިމާއީ ގޮތުން ގިނަ ހަރާކްތަކެއް ހިންގަމުން އަންނަ ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނަށް ހުށަހެޅުއްވީ ޓާގެޓް ސަބްސިޑީއެއް ކަމަށް ވުމުން، އެ އިސްލާހު މަޖިލިހުން ފާސްވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވަ އެވެ.
ފެނަކަ ކޯޕަރޭޝަނުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވަޒީފާ ހަމަޖެއްސި މީހުންނާ އެކު، ރައީސް ޔާމީންގެ ދެކަނބަލުން ފޮޓޯއަކަށް ހުއްޓިވަޑައިގެން.---މިހާރު ފައިލް ފޮޓޯ
"މި 1،000ރ. އަކީ އަތަށް ލިބޭނެ އެެއްޗެއް ނޫން. އެންސްޕާ އިން ހަމަޖައްސައިދޭން ޖެހޭނީ،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަދަ ކަންކަން ކޮށްދިނުމަށްޓަކައި މަސައްކަތް ކުރުމަކީ މަޖިލިހުގެ މެމްބަރުންގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާއިރު، މެމްބަރުންގެ ޒިންމާ ބޮޑުކަން ފައިސަލް ފާހަގަކުރެއްވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އިސްލާހެއް މީގެ ކުރިން ވެސް އޭނާ ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކޮށްގެން ތައުލީމު ދިނުމަށް ރާއްޖޭގައި ގާއިމް ކޮށްފައިވާ ތަންތަނުގެ ތެރެއިން، އެ މީހަކު އިޚުތިޔާރު ކުރާ ތަނަކުން ސަރުކާރުގެ ހަރަދުގައި ތައުލީމާއި ތަމްރީން ހަމަޖައްސައި ދިނުމަށް ގާނޫނަށް އޭނާ މިދިޔަ އަހަރު ހުށަހެޅުއްވި އިސްލާހު ވަނީ ބޭރުކޮށްލައިފަ އެވެ.
ފައިސަލް ވިދާޅުވީ ކަރަންޓާއި ފެނުގެ ސަބްސިޑީ ދިނުމުގެ އިސްލާހު ހުށަހެޅީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޝަކުވާ އާއި އާދޭސް އަޑުއެއްސެވުމަށް ފަހު ކަމަށެވެ.
"އެހެންވެ މި އިސްލާހު ހުށަހެޅީ. އަޅުގަނޑު އަމިއްލަ ގޮތުން ވެސް މިދަނީ އެ މީހުންނަށް މަސައްކަތްތައް ކޮށްދެމުން. އަޅުގަނޑުމެން ހީކޮށްގެން ނުވާނެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާތަކެއް ހޯދައިދިނަސް އެ ހުރިހާ އެންމެންނަކީ އެގޮތަށް ވަޒީފާ އަދާކުރެވޭނެ ބައެއް ކަމަކަށް. މަދު ބަޔަކަށް ބަރާބަރަށް އޮފީސްތަކަށް ގޮސް އުޅެވޭނީ. އެމީހުންނަށް ވަޒީފާގެ ފުރުސަތު އެބައޮތޭ ކިޔާފައި، ދައުލަތުގެ ފަރާތުން އެ މީހުންނަށް ކޮށްދޭން ޖެހޭ ކަންކަން ނުކޮށް ހުއްޓާލުމަކީ ރަނގަޅު ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ މި ފަހަރު އަޅުގަނޑު މި އުންމީދު ކުރަނީ ރައްޔިތުންނަށްޓަކައި، ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޯގާތެރިވެ، މި އިސްލާހު ފާސްކޮށްދިނުމަށް. އޭގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ."
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ފޯރުކޮށްދޭ މާލީ އިނާޔަތް ބޮޑުކޮށްދިނުމުގެ އިސްލާހެއް ވެސް މީގެ ކުރިން ވަނީ މަޖިލިހަށް ހުށަހަޅައިފަ އެވެ. މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ހުށަހެޅުއްވި އިސްލާހު މަޖިލިހުގެ ތަޅުމުން ބޭރުކޮށްލީ، ފައިސަލް ވިދާޅުވި ގޮތުގައި، އެ އިސްލާހާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް ނިމި، ފާސްކުރާ ހިސާބަށް ގޮސްފައި ވަނިކޮށެވެ.
ނުކުޅެދުންތެރިންނަށް ހިލޭ ތައުލީމްދޭ އިސްލާހު ބޭރުކޮށްފި
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިލޭ ތައުލީމް ދެނީ
އޯލް އިންކްލޫސިވް ޕްލޭ އޭރިއާއެއް މިއަދު ހުޅުވަނީ
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލޯނު ދޫކުރަނީ!
ހާލަތަށް ބަލައިގެން ސަބްސިޑީ ދޭގޮތަށް ބަދަލު ކުރަނީ
ރައީސަކީ ފައިސަލްތޯ ސުވާލުއުފައްދާ ގަރާރު ބޭރުކޮށްލައިފި
ރައީސަކީ ފައިސަލް ކަމަށް ބުނާ މައްސަލަ ބަލައެއްނުގަތް
ރައީސަކީ ފައިސަލްތޯ ސުވާލު އުފައްދައި ގަރާރެއް!
ރިޔާސީ ބަޔާނަށް އިދިކޮޅުގެ ޖަވާބެއް ނެތް!
ނުކުޅެދޭ ކުދިންނަށް ހާއްސަ ސެމިނާއެއް ބާއްވައިފި