Roadha Mihaaru
ރައީސަކީ ފައިސަލްތޯ ސުވާލުއުފައްދާ ގަރާރު ބޭރުކޮށްލައިފި

ރައީސަކީ ފައިސަލްތޯ ސުވާލު އުފައްދައި ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

27 އެޕްރީލް 2023

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވުމުން ދުސްތޫރީ އޮޅުންބޮޅުންގަނޑެއް އޮތް ކަމަށް ބުނެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި ގަރާރު ބޭރު ކޮށްލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވުމުން ދުސްތޫރީ އޮޅުންބޮޅުންގަނޑެއް އޮތް ކަމަށް ބުނެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި ގަރާރު ބޭރު ކޮށްލައިފި އެވެ.

ފެބްރުއަރީ 25، 2022 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސާޖަރީއެއް ހެއްދެވުމަށް، އެ މަނިކުފާނުގެ ޒިންމާތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވި އެވެ. އެ ދުވަހުގެ ހެނދުނު 6:00 ގައި ފައިސަލްއާ ޒިންމާތައް ހަވާލުކުރެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލުން ޒިންމާތަކާ ހަވާލުވެވަޑައިގަތީ ހެނދުނު 9:30 ގަ އެވެ.

އެކަމާ ގުޅިގެން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ހުށަހެޅުއްވި ގަރާރު ފާސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެންބަރެކެވެ. އަދި އެ ގަރާރު ފާސް ކުރެން ފެނިވަޑައިނުގަންނަވާ ކަމަށް 40 މެންބަރުން ވޯޓު ދެއްވި އެވެ. ވަކި ގޮތަކަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

އެ ގަރާރުގައި ބުނާ ގޮތުން ރައީސްގެ މަގާމާ ފައިސަލް ހަވާލުވެވަޑައިގަތީ ގާނޫނުއަސާސީގެ 112 ވަނަ މާއްދާގެ (ރ) ގައި ބުނާ ފަދަ ހާލަތެއް މެދުވެރިވެގެން ކަމަށް ބަލަންޖެހެ އެވެ. އެ މާއްދާގައި ބުނާ ގޮތުން އެއްވެސް ސަބަބަކާ ހުރެ ރައީސްގެ މަގާމް ހުސްވެއްޖެ ނަމަ އެ މަގާމާ ހަވާލު ވާނީ ނައިބު ރައީސެވެ.

އެހެންވެ، މިހާރު ރައީސަކީ ފައިސަލް ކަމަށް ވެސް ދުސްތޫރީ ގޮތުން ބަލަން ޖެހޭ ކަމަށް ފެންނަން އޮތް ކަމަށާއި ނަމަވެސް އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލުން އެ މަގާމާ ހަވާލުވެވަޑައިގަންނަވާފައި ވާތީ އޭގެ ސަބަބުން ދުސްތޫރީ އޮޅުންބޮޅުންގަނޑެއް ފެންނަ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

"...މި މައްސަލާގައި ފައިސަލާ ކުރުވަނިވި ސާފު ހައްލެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހޯދައިދޭން ޖެހޭ ކަމަށް ދެކޭތީ އެފަދަ ހައްލެއް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހެޅީމެވެ،" އެ ގަރާރު ބުނެފައިވެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ވަކީލުންގެ ޓީމުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ގާނޫނީ ބަހުސެއް އުފެދޭ ވަރުގެ ކަމެއް ހުށަހެޅިފައި ނެތް ކަމަށް ބުނެ އެ ކޯޓުން އެ މައްސަލަ ބަލައެއް ނުގަތެވެ.

ގާނޫނުއަސާސީގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށް މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީ ގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެ ނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އަންގަން ޖެހޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަން ޖެހެ އެވެ. ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާން ވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހުގަ އެވެ.

މިފަދަ ހާލަތެއްގައި ރައީސުލްޖުމްހޫރިއްޔާ އަލުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލު ވާން ވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހުގައި ކަމަށް ވެސް ގާނޫނުއަސާސީގައި އޮވެ އެވެ.