Roadha Mihaaru
ރައީސްގެ މަސްއޫލިއްޔަތުތަކާ ނައިބު ރައީސް ހަވާލުވެއްޖެ

ރައީސްގެ މަސްއޫލިއްޔަތުތަކާ ނައިބު ރައީސް ހަވާލުވެވަޑައިގެންފި

25 ފެބުރުއަރީ 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑްގެ ސާޖަރީއެއް މިއަދު ހެނދުނު ކުރައްވާތީ، އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ނައިބު ރައީސް ފައިސަލް ނަސީމް ވަގުތީ ގޮތުން ދެންމެ ހަވާލުވެވަޑައިގެންފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑްގެ ސާޖަރީއެއް މިއަދު ހެނދުނު ކުރައްވާތީ، އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ނައިބު ރައީސް ފައިސަލް ނަސީމް ވަގުތީ ގޮތުން ދެންމެ ހަވާލުވެވަޑައިގެންފި އެވެ.

މަޖިލީހުގެ އިދާރާގައި ހެނދުނު 6:00 ގައި ބޭއްވި ރަސްމިއްޔާތެއްގައި ފައިސަލަށް މަގާމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.

މިއީ، ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އެ މަގާމުގެ ހުވާކުރައްވައިގެން ނައިބު ރައީސް އެ މަސްއޫލިއްޔަތުތަކާ، ރާއްޖޭގައި ހަވާލުވި ފުރަތަމަ ފަހަރެވެ.

ގާނޫނުއަސާސީގެ 126 ވަނަ މާއްދާގައި ބުނަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވާ ކޮންމެ ބޭފުޅަކު، އެ ބޭފުޅެއްގެ މަގާމުގެ ހުވާ ކުރައްވައި ހުވާގެ އިގުރާރުގައި ސޮއިކުރައްވަން ވާނެ ކަމަށެވެ.

ރައީސްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ހުވާގެ އިގުރާރުގައި ނައިބު ރައީސް ފައިސަލް ސޮއިކުރައްވަނީ.

ރައީސްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ހުވާގެ އިގުރާރުގައި ނައިބު ރައީސް ފައިސަލް ސޮއިކުރައްވަނީ.

ރައީސްގެ މަސްއޫލިއްޔަތުތަކާ، ނައިބު ރައީސް މި ހަވާލުވެވަޑައިގަތީ ގާނޫނުއަސާސީގައި މި ހާލަތުގައި އެކަން އެގޮތަށް ކުރުމަށް ބަޔާންކޮށްފައިވާތީ އެވެ.

ގާނޫނުއަސާސީގެ 123 ވަނަ މާއްދާގެ (ހ) ގައި އޮންނަނީ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އެ މަނިކުފާނަށް އަދާކުރެއްވުމަށް ވަގުތީ ގޮތުން އުޒުރުވެރިވެވަޑައިގެންފި ކަމަށް ގަބޫލުފުޅު ކުރެއްވޭ ނަމަ، ސަބަބު ބަޔާންކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހު، ރައީސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ނައިބު ރައީސާ ހަވާލުކުރައްވަން ވާނެ ކަމަށެވެ. އަދި ރައީސް، އެ މަނިކުފާނުގެ މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވެވަޑައިގަންނަވަން ޖެހެނީ ވެސް އެ މާއްދާގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހު އެވެ.

ނައިބު ރައީސް ފައިސަލް، ރައީސްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ހުވާ މިއަދު ކުރައްވަނީ.---ފޮޓޯ: މަޖިލިސް

ނައިބު ރައީސް ފައިސަލް، ރައީސްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ހުވާ މިއަދު ކުރައްވަނީ.---ފޮޓޯ: މަޖިލިސް

ނައިބު ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އޮންނަނީ ރައީސް ހަވާލު ކުރައްވާ ކަންކަން ކުރެއްވުމާއި އެއްވެސް ސަބަބަކާ ހުރެ މަސްއޫލިއްޔަތު އަދާކުރައްވަން ރައީސަށް ވަގުތީ ގޮތުން އުޒުރުވެވަޑައިގެންފި ނަމަ ރައީސްގެ މަސްއޫލިއްޔަތު އަދާކުރެއްވުމެވެ.

ސިންގަޕޫރުގައި މިއަދު ހެނދުނު ތައިރޮއިޑްގެ ސާޖަރީ ކުރައްވާތީ، ވެރިކަމުގެ ބާރުތައް ވަގުތީ ގޮތުން ނައިބު ރައީސާ ހަވާލުކުރައްވާނެ ކަމަށް ރައީސް އިއުލާނު ކުރެއްވީ ރޭގަ އެވެ. ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑޮކްޓަރުންގެ ލަފައާއެކު، އެ މަނިކުފާނު މިއަދު ހެނދުނު ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށާއި މި އެޕޮރޭޝަނާ ގުޅިގެން ރައީސްކަމުގެ މަސްއޫލިއްޔަތުތައް ފައިސަލްއް ހަވާލުކުރައްވައި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ރަސްމީކޮށް އަންގަވާނެ ކަމަށެވެ.

މި މަހުގެ 10 އިން 15 އަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިންގަޕޫރަށް އަމިއްލަފުޅު ދަތުރުފުޅެއްގައި ވަޑައިގެންނެވިއިރު އެއީ އެ ސާޖަރީއާ ގުޅޭ ދަތުރުފުޅެކެވެ.