Roadha Mihaaru

"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި ދިވެހި ދިދަ ދައްކާލައިފި

ނެޓްފްލިކްސް އިން އިއްޔެ ސްޓްރީމްކުރަން ފެށި ދެކުނު ކޮރެއާގެ ކާމިޔާބު ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި ރާއްޖޭގެ ގައުމީ ދިދަ ދައްކާލައިފި އެވެ.

"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި ދިވެހި ދިދަ

ނެޓްފްލިކްސް އިން އިއްޔެ ސްޓްރީމްކުރަން ފެށި ދެކުނު ކޮރެއާގެ ކާމިޔާބު ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި ރާއްޖޭގެ ގައުމީ ދިދަ ދައްކާލައިފި އެވެ.

ދިވެހި ދިދަ ދައްކާލާފައި ވަނީ އެ ސީރީޒްގެ އެންމެ ފަހު އެޕިސޯޑުގެ މަންޒަރެއްގަ އެވެ. އެއީ ސީޒަން ތިނެއްގެ އެޕިސޯޑު ހައެއްގަ އެވެ.

ދިވެހި ދިދަ ފެންނަނީ އެ ސީރީޒްގެ ކުންނާއި ހިސާބުން، އެ ސީރީޒްގައި އެކި ގޭމްތައް ކުޅެފައިވާ ސެޓުތައް ދައްކަމުން ދިޔައިރު، މިދިޔަ ސީޒަންގައި ކުޅުނު ގޭމެއްގެ ސެޓު ދެއްކިއިރުގަ އެވެ. ދިވެހި ދިދަޔާ އެކު އެހެން ގައުމުތަކުގެ ދިދަ ވެސް އެ ސެޓުގެ ހޯލުގައި އެލުވާފައި ހުއްޓެވެ.

އެ މަންޒަރުން ފެންނަ ގޮތުގައި، ދިވެހި ދިދައާ އެންމެ ކައިރީގައި އިނީ ޔޫރަޕްގެ ގައުމެއް ކަމަށްވާ މޮނަކޯގެ ދިދަ އެވެ. ދެން ފެންނަނީ ސައިޕްރަސް އާއި ދެކުނު ކޮރެއާގެ ދިދަ އެވެ.

ސްކުއިޑްގެ ގޭމްގެ ދެވަނަ ސީޒަންގައި، ހަމަ އެ ސެޓުގައި ވަނީ ގިނަ ގައުމުތަކެއްގެ ދިދަ ދައްކާލައިފަ އެވެ. އޭގެ ތެރޭގައި ފަލަސްތީނާއި ލުބުނާނާއި މެލޭޝިއާ ކަހަލަ ގިނަ ގައުމުތައް ހިމެނެ އެވެ.

"ސްކުއިޑް ގޭމް" އެއްކޮށް ނިންމާލާ މި ފަހު ސީޒަންގައި ޖުމްލަ ހަ އެޕިސޯޑު ގެނެސްދީފައިވެ އެވެ.

ދެކުނު ކޮރެއާގެ މިހާރުގެ އެންމެ މަޝްހޫރު އަދި އެންމެ އަގުބޮޑު ސީރީޒްގެ "ސްކުއިޑް ގޭމް"ގެ ލީޑު ރޯލު ކުޅެނީ ދެކުނު ކޮރެއާގެ އެކްޓަރު ލީ އުންޖޭ އެވެ. ފުރަތަމަ ސީޒަންއާ ހިލާފަށް ދެވަނަ ސީޒަނާއި ތިންވަނަ ސީޒަންގެ ކާސްޓުގައި ވަނީ ދެކުނު ކޮރެއާގެ ވަރަށް މަޝްހޫރު ތަރިންނެއް ހިމަނައިފަ އެވެ.

ފުރާނައަށް ނުރައްކާތެރި ގޭމް ކުޅެގެން މޮޅުވާ މީހަކަށް ފައިސާގެ ބޮޑު އިނާމެއް ލިބޭ "ސްކުއިޑް ގޭމް" 2021 ވަނަ އަހަރު ނެރުމާ އެކު، މި ސީރީޒްވީ ބޮޑު ހިޓަކަށެވެ. ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އެއް ސީރީޒަށެވެ.