Roadha Mihaaru

ކިމް ސުޔޫނަށް މިލިއަނުން ގެއްލުން، ލަގްޒަރީ އެޕާޓްމަންޓު ވެސް އަތުލައިފި

ކުޑަކުއްޖަކާ އެކު ނަހަމަ ގުޅުމެއް ބޭއްވި ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ދެކުނު ކޮރެއާގެ އެންމެ އަގުބޮޑު އެކްޓަރު ކިމް ސުޔޫނަށް މިލިއަނުން ގެއްލުން ވެއްޖެ އެވެ.

ކިމް ސުޔޫނަށް މިލިއަނުން ގެއްލުން ވެއްޖެ

ކުޑަކުއްޖަކާ އެކު ނަހަމަ ގުޅުމެއް ބޭއްވި ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ދެކުނު ކޮރެއާގެ އެންމެ އަގުބޮޑު އެކްޓަރު ކިމް ސުޔޫނަށް މިލިއަނުން ގެއްލުން ވެއްޖެ އެވެ.

"ކުއީން އޮފް ޓިއާސް" ކަހަލަ ކޮރެއާގެ މަޝްހޫރު ޑްރާމާތަކުގައި މަސައްކަތްކޮށްފައިވާ އުމުރުން 37 އަހަރުގެ ކިމް ސުޔޫން ނަހަމަ ގުޅުމެއް ބޭއްވި ކަމަށް ތުހުމަތުކުރަނީ، މިދިޔަ ފެބްރުއަރީ މަހު އަމިއްލައަށް މަރުވި ދެކުނު ކޮރެއާގެ އެކްޓްރެސް ކިމް ސެރޮންއާ އެކުގަ އެވެ. ނަމަވެސް، އެ ތުހުމަތަށް ކިމް ސުޔޫން އިންކާރު ކުރެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ކިމް ސުޔޫންގެ ހަތަރު ލަގްޒަރީ އެޕާޓްމަންޓު ހުންނައިރު، އެތަނުން އެއް އެޕާޓްމަންޓު މިހާރު ވަނީ އަތުލައިފަ އެވެ. ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓު އަތުލީ އޭނާއަށް ކުރާ ތުހުމަތުތަކާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އޭނާ ބްރޭންޑް އެމްބެސެޑަރުކަން ކުރާ "ކްލެސީ" ކިޔާ ބްރޭންޑަކުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގަ އެވެ. އެ ބްރޭންޑުން ވަނީ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ތިން ބިލިއަން ކޮރެއަން ވޮން (2.19 މިލިއަން ޑޮލަރު) ނަގައިދޭން އެދިފަ އެވެ.

އޭނާ ބްރޭންޑް އެމްބެސެޑަރުކަން ކުރި އިތުރު ބްރޭންޑެއް ކަމަށްވާ "ކުކޫ" އިން ވެސް މިހާރު ވަނީ އޭނާގެ މުދާ ފްރީޒްކޮށްދޭން އެދި ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އޭނާގެ އަމިއްލަ މުދަލާއި ބޭންކް އެކައުންޓުތަކާއި ލޯނުތައް ހިމެނޭ ގޮތަށް 100 މިލިއަން ކޮރެއަން ވޮން (75،000 ޑޮލަރު) ފްރީޒްކޮށްދޭން އެދިފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ކިމް ސުޔޫން ބްރޭންޑް އެމްބެސެޑަރުކަން ކުރި އެހެން ބައެއް ބްރޭންޑުތަކުން ވެސް ދަނީ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަ ހުށަހަޅަމުންނެވެ. އެ މައްސަލަތަކުގައި މިލިއަނުން ބަދަލު ހޯދަން އެދިފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ކިމް ސުޔޫން އަކީ ދެކުނު ކޮރެއާގެ އެންމެ އަގުބޮޑު އެކްޓަރެވެ. އަދި އޭނާއަކީ ދުނިޔޭގެ މަޝްހޫރު 18 ބްރޭންޑެއްގެ ބްރޭންޑް އެމްބެސެޑަރު ވެސް މެ އެވެ.

ކިމް ސުޔޫނަށް ކުރާ މި ތުހުމަތުތައް ފެންމަތިކުރީ ކިމް ސެރޮން މަރުވި ފަހުން ޔޫޓިއުބް ޗެނަލެއްގައި ބަޔަކު އާންމުކުރި ވީޑިއޯއެއްގަ އެވެ. އެ ވީޑިއޯގައި ކިމް ސެރޮންގެ އާއިލާއާ ހަވާލާދީ ބުނެފައި ވަނީ ކިމް ސެރޮންގެ އުމުރުން 15 އަހަރުގައި ކިމް ސުޔޫންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށެވެ. އޭރު ކިމް ސުޔޫންގެ އުމުރަކީ 27 އަހަރު ކަމަށާއި އެމީހުން ހަ އަހަރު ވަންދެން ރަށްޓެހިވެގެން އުޅުނު ކަމަށް ކިމް ސެރޮންގެ އާއިލާއިން ބުނެފައިވެ އެވެ.

ނަމަވެސް، އެ ހުރިހާ ތުހުމަތަކަށް އިންކާރުކޮށް، ކިމް ސުޔޫން މިހާރު ވަނީ އެ ޔޫޓިއުބް ޗެނަލް ހިންގާ މީހާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.